ފަލަސްޠީނުގެ މުޖާހިދުން އިޒްރޭލުގެ ޔަހޫދީންނާ ދެކޮޅަށް މިއަދު ފެށި ވަރުގަދަ ޖިހާދަކީ، ހިޞާރުކުރުން ނިމުމަކަށް ގެނެސް، އެތަކެއް އަހަރުވަންދެން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންއައި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ފަށާފައިވާ ވަރުގަދަ ޖިހާދެއް ކަމަށް ހަމާސްގެ ތަރުޖަމާނު ޚާލިދު ޤަދޫމީ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ފަލަސްތީނުގެ ޣައްޒާއަށް އިރުގެ އަލިކަން ވިލެމުން ދިޔަވަގުތު ހަމާސްގެ މުޖާހިދުން ވަނީ، ކަނޑާއި ވައިގެ މަގުންނާއި އަދި އެއްގަމު މަގުން، އިޒްރޭލްގެ ޔަހޫދީންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފައެވެ. އަދި އޭގެ ރައްދުގައި ޔަހޫދީ ހަނގުރާމަވެރީންވެސް ވަނީ، ހަނގުރާމަ ޢިއުލާނުކޮށް، "އަޔަން ސްވޯޑް"ގެ ނަމުގައި ހަމާސްއާ ދެކޮޅަށް ވައިގެ މަގުންނާއި އެއްގަމުން އަދި ކަނޑުގެ މަގުންވެސް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފައެވެ. 

"އޮޕަރޭޝަން އަލް އަޤްޞާ ފްލަޑް"ގެ ނަމުގައި ހަމާސްގެ މުޖާހިދުން ޔަހޫދީންނާ ދެކޮޅަށް ފެށި މި ހަނގުރާމައަކީ، 2021 ވަނަ އަހަރު 11 ދުވަހަށް ދެމިގެންދިޔަ ހަމަލާތަކަށް ފަހު، މިހާތަނަށް ޔަހޫދީންނާ ދެކޮޅަށް ހަމާސްއިން ދިން އެންމެ ވަރުގަދަ ހަމަލާތައް ކަމަށްވެއެވެ. އެގޮތުން، ހެނދުނު 6:30 ކަންހާއިރު، ފުރަތަމަ ދިން ހަމަލާތަކުގައިވެސް ހަމާސްއިން ވަނީ، 2200އަށް ވުރެ ގިނަ ރޮކެޓް ހަމަލާ، އިޒްރޭލުން އަޅުވެތިކޮށްފައިވާ ސަރަހައްދުތަކަށް ފޮނުވާލައި، އަދި އެ ސަރަހައްދުގެ ތެރެއަށް ވަދެގެންފައެވެ. 

ހަމާސްގެ ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ އަނިޔާވެރި ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ، އިޒްރޭލާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް ހަމާސްއަށް އެ ހެދުނީ ވަރަށް ބޮޑު ގޯހެއް ކަމަށާއި، އޭގެ ބަދަލު ވަރަށް ހިތިކޮށް ދޭނޭކަމަށް ބުނެފައެވެ. 

ނަމަވެސް، ހަމާސްގެ ހިތްވަރުގަދަ މުޖާހިދުން ވަނީ، ޔަހޫދީންގެ ބިރުދެއްކުން ތަކަށް މުޖާހިދުން ފަހަތަށް ނުޖެހޭނޭ ކަމަށާއި، މިއީ ޙިސާރުކުރުން ނިމުމަކަށް ގެންނާނޭ ހަނގުރާމައިގެ ގޮތުގައި ސިފަކޮށްފައެވެ. 

ހަމާސްގެ މުޖާހިދުން ވަނީ، އިޒްރޭލުގެ އެތަކެއް ސިފައިން އަތުލައިގަނެ ގައިދުކޮށްފައި-- ފޮޓޯ: މިންޓް

 

ހަމާސްގެ ތަރުޖަމާނު ޚާލިދު ޤަދޫމީ ވިދާޅުވީ، މިއަދު ފެށުނު ހަނގުރާމައިގެ ބޭނުމަކީ، ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި، އަލް އަޤްޞާ ފަދަ މުސްލިމުންގެ މާތްތަންތަން ހިޞާރުކޮށްގެން އިޒްރޭލުގެ ޔަހޫދީން ހިންގަމުން ގެންދާ އަނިޔާވެރި ޖަރީމާތައް ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.

ހަމާސްގެ ޢަސްކަރީ ކޮމާންޑަރު މުޙައްމަދު ޟީފް ވިދާޅުވީ، މިއީ ދުނިޔޭގައި ޚިޞާރުކުރުން ނިމުމަކަށް ގެނައުމަށް ހަނގުރާމަ ފެށި ދުވަސް ކަމަށާއި، މިކަމުގައި މުސްލިމުން އެކަތިގަނޑަކަށްވެ، އިސްލާމީ ޢަރަބި ގައުމުތަކުންވެސް ހަމާސްގެ މި ޖިހާދާ ގުޅުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ. 

އިސްރާއީލުގެ ޔަހޫދީން ފަލަސްތީނުގެ ބިންތައް އަޅުވެތިކުރިގޮތް ދައްކުވައިދޭ ޗާޓެއް--

 

ޙަމާސްގެ ކޮމާންޑަރު ވިދާޅުވީ، "ވަގުތު ޖެހިއްޖެ. ބަޑި ގެންގުޅޭ އެންމެން އެ ހިފައިގެން ނުކުންނަންވީ،" ކަމަށެވެ. އޭނާ ވިދާޅުވީ، ފުރަތަމަ ހަމަލާތަކުގައިވެސް އިޒްރޭލުގެ ޔަހޫދީން ހިފާފައިވާ ސަރަހައްދުތަކަށް 5،000އަށްވުރެ ގިނަ ރޮކެޓް ހަމަލާ ފޮނުވާލެވިފައިވާ ކަމަށެވެ. 

ހުޅަނގާއި އެމެރިކާއާއި އަދި އިންޑިއާ ފަދަ ޔަހޫދީންނާ ބައިވެރިވާ ގައުމުތަކުން ޙަމާސްގެ މި ޙަމަލާތައް ކުށްވެރިކުރަމުން ދިޔަނަމަވެސް، އިސްލާމީ ގިނަ ގައުމުތަކާއި ޖަމާޢަތްތަކުން ދަނީ ފަލަސްތީނުގެ ޖިހާދަށް ހިތްވަރުދެމުންނެވެ. އެގޮތުން، ލުބްނާނުގެ ޙިޒްބުﷲ ޖަމާޢަތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ޣައްޒާގެ ޙާލަތު ވަރަށް ކައިރިން ބަލަމުންދާ ކަމަށާއި އަދި ފަލަސްތީނުގެ މުޖާހިދުންގެ ލީޑަރުންނާ ގުޅައިގެން ކަންކަން ބަލަމުންދާކަމަށެވެ.

ޣައްޒާގެ ސިއްހީ ދާއިރާތަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 198 ރައްޔިތުން މިހާތަނަށް ޝަހީދުކޮށްލާފައި ވާއިރު، 1600އަށް ވުރެ ގިނަމީހުން ވަނީ ހަމަލާތަކުގައި ޒަޚަމްވެފައެވެ. އިޒްރޭލުގެ ސިއްހީ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުގެ 40 މީހަކު މަރުވެފައިވާއިރު، 750 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.