އިޒްރޭލުގެ ޔަހޫދީން ގަދަކަމުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކުން ވަގުތުން ފައިބައި، އެ ބިންތައް ފަލަސްތީނުގެ ރައްޔިތުންނާ ވަގުތުން ޙަވާލުކުރުމަށް ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޒްރޭލަށް ގޮވާލައްވައިފިއެވެ. 

ފަލަސްތީނުގެ މިނިވަންކަމަށް ޑރ. މުޢިއްޒު ގޮވާލައްވާފައި މިވަނީ، ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރަމުންދާ މުޖާހިދުންނާ ދެކޮޅަށް އިޒްރޭލުން މިއަދު ހަނގުރާމަ ޢިއުލާނުކޮށް، ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފައެވެ. 

އިޒްރޭލުގެ ޔަހޫދީ އިސްތިޢުމާރީ ސިފައިން ފަލަސްޠީނުގެ ބިންތަކަށް އަރައިގަނެ، ބައިނަލްއަޤްވާމީ ގާނޫނުތަކާއި ހަމަތަކަށްވެސް ގޮންޖަހާލައި، ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި އެނޫންވެސް ގިނަ ރަށްތަކެއް އަޅުވެތިކޮށްފައި ވަނީ 1967 ވަނަ އަހަރުއެވެ. އޭގެ ފަހުން ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅެމުން ދަނީ ޔަހޫދީންގެ އަޅުވެތިކަމުގެ ދަށުގައެވެ.

އިންތިޚާބީ ރައީސް ޑރ. މުޢިއްޒުކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ޤާނޫނާޚިލާފަށް ގަދަކަމުން އިސްރޭލުން އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ބިންތައް ވަގުތުން އަނބުރާ ފަލަސްތީނާ ޙަވާލުކުރާން ޖެހޭކަމަށެވެ. 

މީގެ އިތުރުން، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، 1967ގައި އިސްރޭލުން ފަލަސްތީނުގެ ބިންތައް ފޭރިގަތުމުގެ ކުރީން އޮތްގޮތަށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނުން ބޭރުކޮށްލާފައިވާ އެގައުމުގެ ހިޖްރަވެރީން ވަގުތުން އަނބުރާ ގައުމަށް ގެނައުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވައިފައެވެ.