މިހާރުގެ ސަރުކާރުން އާ ސަރުކާރާ ވެރިކަމުގެ ބާރުތައް ހަވާލުކުރުމުގެ މަރުޙަލާގައި، އާ ސަރުކާރުގެ އިންތިޤާލީ ތަރުޖަމާނެއްގެ ގޮތުގައި، މުހައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ހަމަޖައްސައިފިއެވެ. 

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕޭންގައި އިސްދައުރެއް އަދާކުރެއްވި، ފިރުޒުލްއަކީ، މިސްރުގެ އަޒްހަރު ޔުނިވަރސިޓީން ޝަރީއާ އެންޑް ލޯ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ފަރާތެކެވެ. 

ފިރުޒުލް ވަނީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭގައި، ކެމްޕޭން އިވެންޓުތައް ހުށަހަޅައިދެއްވުމާއި، އަދި ކެމްޕޭންގެ އެހެނިހެންކަންކަމުގައިވެސް އިސްދައުރެއް އަދާކުރައްވައިފައެވެ. 

އާ ސަރުކާރުގެ އިންތިގާލީ ތަރުޖަމާނެއްގެ ގޮތުގައިފިރުޒުލް ހަމަޖައްސާފައި ވާއިރު، މިއަދު ސިވިލް ސަރވިސް ކޮމިޝަނުން ވަނީ، ވެރިކަމުގެ ބާރުތައް ބަދަލުކުރުމާ ގުޅޭ ކަންކަން ކުރަން ގާނޫނީ ގޮތުން އުފައްދަންޖެހޭ ޓްރާންސިޝަނަލް ކޮމިޓީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ލ. ފޮނަދޫ، އަރާއިރު، ޢަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރަސްމީކޮށް ހަމަޖައްސައިފައެވެ.