ވެރިކަމުގެ ބާރުތައް ބަދަލުކުރުމާ ގުޅޭ ކަންކަން ކުރަން ގާނޫނީ ގޮތުން އުފައްދަންޖެހޭ ޓްރާންސިޝަނަލް ކޮމިޓީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް ލ. ފޮނަދޫ، އަރާއިރު، ޢަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހަމަޖައްސައިފިއެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވަން ޖެހެނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތުގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުންނެވެ.

އެގޮތުން، ސިވިލްސާވިސް ކޮމިޝަންގައި މިއަދު ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް އަދުރޭ ހަމަޖައްސާން ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

އަދުރޭއަކީ، ކުރީން ޑރ. މުޢިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީގެ ރައީސެވެ. ނަމަވެސް، ޑރ. މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބު ވުމާ ގުޅިގެން އެޕާޓީން ވަނީ، ޑރ. މުޢިއްޒަށް ޕާޓީގެ ރައީސްކަމުގެ މަގާމު ހަވާލުކޮށްފައެވެ. އަދި އަދުރޭ މިހާރު ހަމަޖައްސާފައި ވަނީ، އެޕާޓީގެ ޗެއަރޕަރސަންގެ މަގާމަށެވެ.

ވެރިކަމުގެ ބާރުތައް ބަދަލުކުރުމާ ގުޅޭ ކަންކަން ހިންގާ ޓްރާންސިޝަނަލް ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަރާތުން ހަމަޖައްސާފައި ވަނީ، ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރެވެ. އަދި ކަންކަން ވިލަރެސް ކުރަން ހަވާލުކުރައްވާފައި ވަނީ، ޗީފް އޮފް ސްޓާފް އަލީ ޒާހިރާއެވެ.