މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ދާއިރީ ނަތީޖާ ޢިއުލާނުކޮށްފިއެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 282،804 މީހަކަށް ވޯޓު ލުމުގެ ޙައްޤު ލިބުނުއިރު، އޭގެ ތެރޭން 87.31 އިންސައްތަ (246،915 މީހުން) ވޯޓު ލާފައި ވެއެވެ. 

އިންތިޚާބުގެ ދާއިމީ ނަތީޖާ ދައްކާގޮތުން، އިންތިޚާބީ ރަައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ މައްޗަށް ކުރިހޯއްދަވާފައި ވަނީ، 19,291 ވޯޓުގެ ތަފާތުންނެވެ. ޑރ. މުޢިއްޒަށް ލިބިވަޑައިގެންނެވި ޖުމުލަ ވޯޓުގެ ޢަދަދަކީ 129،159އެވެ. އެއީ ވޯޓުލީ މީހުންގެ 54.04 އިންސައްތައެވެ. 

އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމަށް ލިބިވަޑައިގަތީ، 109،868 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 45.96 އިންސައްތަ އެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބަކީ ބާޠިލް ވޯޓު އިންތިހާއަށް ގިނަ އިންތިޚާބެކެވެ. އެގޮތުން ދެވަނަ ބުރުގައި 7،888 ވޯޓު ބާތިލް ވޯޓުގެ ގޮތުގައި ހިމެނިފައިވެއެވެ. ސިޔާސީ ފަރާތްތަކާ މެދު ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސްކަން ހާމަކުރުމުގެ ގޮތުން، މިފަހަރުގެ އިންތިޚާބުގައި #ޓީމްބާތިލް ހޭޝްޓެގާއެކު ސޯޝަލް މީޑިއާ ކެމްޕޭނެއްވެސް ކުރިއަށް ގެންދިޔައެވެ. ގިނަޢަދަދެއްގެ ވޯޓު ބާތިލްވާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި، ސަރުކާރާއި އަދި މުއައްސަސާތަކުންވެސް އިންތިޚާބީ ކޮރަޕްޝަންގެ މައްސަލަތައް ނުބެލުމާއި، ރިޔާސީ ކެންޑިޑޭޓުން ރާއްޖެތެރޭ މީހުންގެ ޙައްގުތައް ހިމާޔަތްކުރާން މަސައްކަތް ނުކުރުމާއި، މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައިގައި މާލޭ ވަޒަންވެރީންނަށް ކުރިމަތިވި މާޔޫސްކަން ހިމެނެއެވެ. ނަމަވެސް މިކަންކަމަކީ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މާކަ ބޮޑު ސީރިއަސްކަމެއް ދީގެ ބަލާކަމެއްގެ ގޮތުގައި ރައްޔިތުންނަށް ފާހަގައެއް ނުކުރެވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ، ބާތިލް ވޯޓު ގިނަވުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ވޯޓުކަރުދާސްތައް ނައްތައިލުމުގެ ކުރީން، ބާތިލް ވޯޓު ގިނަވި ސަބަބު ދިރާސާކޮށް، ޢާންމު ރައްޔިތުން ހޭލުންތެރިކުރުވުމުގެ ކަންކަން ކުރިއަށް ގެންދާނޭކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.