ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އާއި ރާއްޖެއާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ހަރުދަނާކޮށް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރެއް ފެށުމާއެކު އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުތައް ފުއްދުމަށް، ފުރިހަމަ އެއްބާރުލުން ދެއްވާނޭކަމަށް، ޔޫއޭއީން ރާއްޖެއަށް ކަނޑައަޅާފައި ހުންވާ ސަފީރު ޝެއިޚް ރަޙްމާން ބިން ޢަބްދުލްރަޙްމާން ބިން ރަޙްމާ އަލް ޝަމްސީ ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސްގެ އޮފީހުގައި ޑރ. މުޢިއްޒު ޔޫއޭއީގެ ސަފީރާއް ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައި ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ރާއްޖެއާއި ޔޫއޭއީއާއި ދެމެދު އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި މިގުޅުމުގެ ތެރެއިން، ޢަރަބި އިސްލާމީ ޤައުމުތަކާ ދެމެދު އޮންނަ ގާތްކަން މިހާރަށްވުރެ ބަދަހިވެގެންދިޔުމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންތިޚާބީ ނައިބު ރައީސް އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް (ސެމްބެ) ވެސް ބައިވެރިވެވަޑައިގަތެވެ.

ދެފަރާތުން ގުޅިގެން ކުރެވެން ހުރިކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވަމުން ސަފީރު ޝެއިޚް ރަޙްމާން ވިދާޅުވީ، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ޔޫއޭއީން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ޔޫއޭއީގެ ސަރުކާރުގެ އެހީތެރިކަމާއި ޔޫއޭއީގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ ބައިވެރިވުން ލިބޭނޭކަމަށް އުންމީދުކުރައްވާ ކަމަށެވެ.