ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރައީސަކަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނާއިބުރައީސަކަށް އިންތިޚާބީ ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފް (ސެމްބެ) އަދި އެ ޕާޓީގެ ޗެއަރޕަރސަންގެ މަގާމަށް ޢަބްދުއްރަޙިމް ޢަބްދުﷲ (އަދުރޭ) ހަމަޖައްސައިފިއެވެ. 

ޕީއެންސީން އެގޮތަށް ހަމަޖެއްސީ އެ ޕާޓީގެ ސެނެޓް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ކުރިން ޕީއެންސީގެ ރައީސަކަށް ހުންނެވީ، މިހާރު ޗެއަރ ޕަރސަންގެ މަގާމަށް ހަމަޖައްސާފައިވާ ޢަދުރޭއެވެ. 

ޑރ. މުޢިއްޒާއި ސެމްބެ އަކީ ކުރީން ޕީޕީއެމްގެ ދެ މެންބަރުންނެވެ. ނަމަވެސް، ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުމުން، ޕީއެންސީ ކެންޑިޑޭޓަކު ނެރޭން ބޭއްވި ޕްރައިމަރީގައި ބައިވެރިވުމަށް، ޑރ. މުޢިއްޒު ޕީއެންސީއާ ގުޅިވަޑައިގަތީއެވެ. އަދި ފަހުން ސެމްބެވެސް ވަނީ، ޑރ. މުޢިއްޒުގެ ރަނިންގމޭޓަކަށް ހަމަޖެއްސުމާއެކު ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.