ތައިލޭންޑްގެ ވެރި ރަށް ބެންކޮކްގެ ލަގްޜަރީ ޝޮޕިންގ މޯލެއްކަމަށްވާ "ސަޔާމް ޕަރަގޮމް" ގައި ޢުމުރުން 14 އަހަރުގެ ކުއްޖަކު ދިން ނުރައްކާތެރި ބަޑީގެ ހަމަލާއެއްގައި 2 މީހަކު މަރުވެ، އިތުރު 5 މީހަކު ޒަޚަމްވެއްޖެއެވެ. 

ބެންކޮކްގެ މެދުތެރޭގައި ހުންނަ ސަޔާމް ޕަރަގޮމް މޯލަކީ، އެތަނަށްދާ ގިނަޢަދަދެއްގެ ފަތުރުވެރީންވެސް ޒިޔާރަތްކުރާ މޯލެކެވެ. އެތަނަކީ ދިވެހީންގެ މެދުގައިވެސް މަޝްހޫރު ޝޮޕިންގމޯލެކެވެ. 

ތައިލެންޑްގެ ސެންޓްރަލް އިންވެސްޓިގޭޝަން ބިއުރޯއިން ބުނެފައިވާގޮތުން، މި ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ޢުމުރުން 14 އަހަރުގެ ކުއްޖާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ ކުއްޖެކެވެ. އަދި ފުލުހުންގެ ތަޙުގީގަށްފަހު އެކުންޖާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. 

ސަޔާމް ޕަރަގޮމް މޯލުގައި ބަޑިގެ ހަމަލާދީފައި ވަނީ، ބެންކޮކް ގަޑިން ހަވީރު 5 ޖަހާކަންހާއިރެވެ. އެއީ އެ މޯލަށް ގިނަޢަދަދެއްގެ މީހުން ޒިޔާރަތްކުރާ ވަގުތެއްކަމަށް ވެއެވެ.

ބެންކޮކް އިމަޖެންސީ ސެންޓަރުގެ ޑިރެކްޓަރ ޑރ. ޔުތާނާ ސެތަނަން ވިދާޅުވީ، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ޗައިނީޒް ދަރިކޮޅުގެ ރައްޔިތަކާއި މިޔަންމާއަށް ނިސްބަތްވާ މީހެއް ކަމަށެވެ. އަދި ޒަޚަމްވި 5 މީހުންގެ ތެރޭގައި ބިދޭސީންނާ ތައިލެންޑް މީހުން ހިމެނޭކަމަށެވެ. 

މިހަމަލާގައި 3 މީހުން މަރުވި ކަމަށް ފުރަތަމަ ރިޕޯޓުކުރި ނަމަވެސް، ތައިލޭންޑްގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ، މަރުވި މީހުންގެ ޢަދަދަކީ 2 ކަމަށެވެ. 

ތައިލެންޑަކީ އިރުއުތުރު އޭޝިއާގެ ގައުމު ތަކުގެ ތެރޭން، ޢާންމުން އެންމެ ގިނައިން ބަޑި ގެންގުޅޭ ގައުމެވެ. ސްވިޓްޒަލޭންޑްގެ ސްމޯލް އާރމް ސަރވޭއިން ޑާޓާތަކުން ދައްކާގޮތުން 2017 ވަނަ އަހަރު ތައިލޭންޑުގެ 10.3 މިލިއަން ޢާންމު ރައްޔިތުންނަށް ބަޑި ގެންގުޅުމުގެ ލައިސަންސް ދީފައިވެއެވެ.