އާ ސަރުކާރަށް ވެރިކަމުގެ ބާރުތައް ބަދަލުކުރުގެ މަރުހަލާގައި ސަރުކާރުގެ މުޢައްސަސާތަކާއި، ކުންފުނިތަކާއި ރައްޔިތުންގެ މަޖިލީހުންވެސް އެއްބާރުލުން ދެއްވުމަށް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަރުޙަލާގައި، ގާނޫނީ ގޮތުން އުފައްދަންޖެހޭ ޓްރާންސިޝަނަލް ކޮމިޓީއެއް މިހާރު ވަނީ އުފައްދައިފައެވެ. އެގޮތުން، އެ ކޮމިޓީގައި  ހިމެނޭ ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަނަލްގެ މަޤާމަށް ހަމަޖައްސާފައި ވަނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ވެސް ވަނީ އެކަމަށް ޚާއްސަ ކޮމިޓީއެއް އުފައްދަވައި، މެންބަރުން ކަނޑައަޅުއްވައިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފަރާތްޕުޅުން އުފެއްދެވި ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން ޢާމިރެވެ. އަދި ކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.

އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ޓްރާންސިޝަނަލް ކޮމެޓީގެ ފަރާތުން މަޢުލޫމާތު ހޯދުމަށް ދިއުމުން، ޒިންމާދާރުކަމާއެކީ، ހުރިހާ ލިޔެކިޔުމެއް ވެސް، ސިއްރުނުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަށް، އެދިވަޑައިގަންނަވާކަމަށެވެ.

ޑރ. މުޢިއްޒު ވިދާޅުވީ "މި ޓްރާންސިޝަން ޕީރިއެޑުގައި އެކި އޮފީސްތަކަށް އަޅުގަނޑުމެންގެ ޓީމުތައް ގޮސް މަޢުލޫމާތު ހޯދާނެ،" ކަމަށެވެ.

އެހެންކަމުން، ހުރިހާ މުއައްސަސާތަކުންވެސް ޒިންމާދާރުކަމާއިއެކީގައި އެއްބާރުލުން ދެއްވުމަށް ވަނީ އެދިވަޑައިގެންފއެވެ. 

"ދެން އަޅުގަނޑު ޔަޤީން ކުރަން އެކަން ކުރައްވާނެ ކަންވެސް. އެއްވެސް އެގްރިމެންޓެއް ނުފޮރުވާނެކަމަށް ޔަޤީން ކުރަން." ޑރ. މުޢިއްޒު ވިދާޅުވިއެވެ.