ޤައުމަށް މުހިންމު ކަންކަމުގައި، ޤައުމަށް ބޮޑުވެގެން އަންނަ ކޮންމެ ކަމެއްގައި ގުޅިގެން މަސައްކަތްކުރުމަށާއި، އެނޫން ވަގުތުތަކުގައި ސަރުކާރު ޒިންމާދާރު ކުރުވާނޭ ރަނގަޅު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮތުން މުޙިއްމު ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމަށް، އެމްސީއެސްއީ ހޯލުގައި ބޭއްވި ކުލަގަދަ ހަފްލާގައި، ޑރ. މުޢިއްޒު ވިދާޅުވީ، "އަޅުގަނޑު އެދެނީ ރެސްޕޯންސިބަލް އޮޕަޒިޝަނެއްގެ ގޮތުގައި މަސައްކަތް ފެއްޓެވުމަށް ތިބޭފުޅުން ހަމަ ތައްޔާރުވާށޭ. އެއީ އަޅުގަނޑު މަރުހަބާ ކިޔާ ކަމެކޭ. ސަރުކާރަކަށް ޑިމޮކްރަސީއެއްގައި ބޭނުންވާނެ ރެސްޕޯންސިބަލް އޮޕަޒިޝަނެއް އޮންނަން. ރެސްޕޯންސިބަލް އޮޕަޒިޝަނަކުން ސަރުކާރަކުން ކުރާ ކަންކަމަށް ފާޑު ކިޔާނެ، އަދި އެއަށްވުރެ ރަނގަޅު ސިޔާސަތުތައް ރައްޔިތުންނަށް ގެނެސްދޭނެ،" ކަމަށެވެ.

"އެހެންނަމަވެސް ޤައުމަށް މުހިންމު ކަންކަމުގައި ޤައުމަށް ބޮޑުވެގެން އަންނަ ކޮންމެ ކަމެއްގައި ރެސްޕޯންސިބަލް އޮޕަޒިޝަނަކުން އެއްގަލަކަށް އަރާނެ". ކަމަށްވެސް އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި، އެއްވެސް ރައްޔިތަކު ތަފާތު ނުކުރސއްވާނޭ ކަމަށާއި، އަދި އެމްޑީޕީން ޒިންމާދާރުކަމާއެކު މަސައްކަތްކޮށްފި ނަމަ، ޤައުމަށް ހަމަޖެހުން ލިބިގެންދާނޭ ކަމަށެވެ.