ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން ރައްޔިތުން ގޮތް ނިންމައިފިކަމަށާއި، ރާއްޖޭގައި އެއްވެސް ބޭރު ޤައުމެއްގެ ސިފައިން ތިބެން ދިވެހިން ނޭދޭކަން ހާމަވާ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެހެންކަމުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން، ރާއްޖޭގެ ހަމަތަކުގެ ތެރެއިން ފޮނުވައިލައްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމުގެ އުފަލުގައި ރައްޔިތުންނާ ބައްދަލުކުރައްވައި، ޑރ. މުޢިއްޒު ވިދާޅުވީ، "އަޅުގަނޑު އިސްކުރާނީ، ދިވެހި ޤައުމުގެ މަސްލަޙަތު ޙިމާޔަތްކުރެވޭ ސިޔާސަތު. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަކީ ޕްރޯ މޯލްޑިވްސް ސިޔާސަތު،" ކަމަށެވެ.

އެހެންކަމުން "ޕްރޯ މޯލްޑިވްސް ސިޔާސަތަށް ތަބާވާ ހުރިހާ ޤައުމަކީ އަޅުގަނޑުމެންނާ ގާތްރަޙުމަތްތެރިކަން އޮންނާނެ ޤައުމުތަކެއްކަމަށް އަޅުގަނޑު ދަންނަވަން. މިޤައުމުގަ ތިބި ބޭރު ސިފައިން އިރާދަކުރެއްވިއްޔާ މިޤައުމުގައި އޮންނަ ހަމަތަކުގެ ތެރެއިން ފޮނުވާލާނަން." ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ބަވަނަ ވެފައިވާ ދުނިޔެއެއްގައި އެއްވެސް ޤައުމެއްގައި އެހެން ޤައުމެއްގެ ސިފައިން ތިބެން އެޤައުމަކުން ނޭދޭނަމަ އެނިންމުމަށް އެޤައުމަކުން އިހުތިރާމު ކުރާނޭ ކަމަށާއި، އަދި އެކަމަށް އިޙްތިރާމްކުރާ ޤައުމުތަކާއެކު ވަރަށް ގާތްގުޅުމެއް އޮންނާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ، ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އަދި އެއީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ސަރުކާރު އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުންހެން، އެންމެ ހަރުއަޑުން ގޮވަމުން ގެންދިޔަ އެއް ވާހަކައެވެ.