އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުން ނޮވެމްބަރު 11ގައި ބާއްވަން ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. 

ރައީސް އިބްރާހީމް މިހެން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ނޫސްވެރީންނާ ބައްދަލުކުރައްވައި، ސަރުކާރު ބަދަލުކުރުމުގެ މަރުޙަލާ ކުރިޔަށްގެންދިއުމާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ. 

ރައީސް އިބްރާހީމް ވިދާޅުވީ، ""އެ މަސައްކަތް އަޅުގަނޑު ކުރަމުން އެބަ ގެންދަން،" ކަމަށެވެ. ރައީސް ވިދާޅުވީ، ގާނޫނީ ގޮތުން ހުރަހެއް ނެތްކަމަށް ވާނަމަ،  ނޮވެމްބަރު 11ގައި އެބަދަލު ގެންނަވާން މަސައްކަތްކުރައްވާ ކަމަށެވެ. 

"ގާނޫނީ ހުރަހެއް އޮތްތޯ ނެތްތޯ އަޅުގަނޑުމެން ބަލަމުން ގެންދާނަން. އެހެން ނޫނިއްޔާ ދައުރު ހަމަކޮށް ނޮވެމްބަރު 17ގައި ބަދަލުވެގެން ދާނެ" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ރަސްކަމަކަށްފަހު، އަނެއްކާވެސް ދެވަނަ ޖުމްހޫރިއްޔާއެއް ފެށި ތާރީޚަކީ 11 ނޮވެމްބަރު 1968އެވެ. އޭގެ ފަހުން، 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރުން އޮތީ، އަދި ރިޔާސީ ދައުރު ފެށެނީވެސް ނޮވެމްބަރު 11އިންނެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ސުޕްރީމް ކޯޓުން ބާޠިލުކުރުމުން، އެ ފަހަރު އިންތިޚާބުވި ރައީސް ޔާމީނަށް ހުވާކުރެއްވުނީ 17 ނޮވެމްބަރުގައެވެ. އޭގެ ފަހުން، ރައީސް އިބްރާހީމްވެސް ހުވާކުރެއްވީ 17 ނޮވެމްބަރު 2018ގައެވެ.