އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރެއްގައި ހެޔޮވެރިކަމެއް ކޮށްދެއްވުމަށާއި، އަދި މި ސަރުކާރުން ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރީންނާ ބައްދަލުކުރައްވައި، ރައީސް އިބްރާހީމް ވިދާޅުވީ އެމަނިކުފާނު ޑރ. މުޢިއްޒުގެ ކިބައިން އެދިވަޑައިގަންނަވާ "އެއް ކަމަކީ ހެޔޮ ވެރިކަމެއް ކުރުން. އަނެއް ކަމަކީ ރައްޔިތުންގެ، މި ގައުމުގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންގޮސްދިނުން،" ކަމަށެވެ.

ރައީސް އިބްރާޙީމް މިހެން ވިދާޅުވި އިރު، އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރުގެ ދައުރެއް ނިންމަވާލެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ގާތްގަނޑަކަށް ނިންމާފައިވާ ގިނަ މަޝްރޫއުތަކެއްވެސް ފަސްރަމުން ފަސްކުރަމުން ދާދި ފަހަކާ ޖެހެންދެންވެސް ހިފަހައްޓަވައިފައެވެ. އެގޮތުން، ހިޔާ މަޝްރޫޢުގެ ފްލެޓްތަކާއި، ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމާއި، ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުންފަދަ މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ ބިޔަ ބޮޑެތި މަޝްރޫޢުތައް ހިމެނެއެވެ. 

ރައީސް އެދިވަޑައިގަތް ގޮތަށް އެމަނިކުފާނުގެ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ކުރިއަށް ގެންދާނަމަ، ޑރ. މުޢިއްޒު ޖެހިވަޑައިގަންނަވާނީ، ފުރަތަމަ ކަމެއްގެ ގޮތުގައި، މިފަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް، ބިންވެރިޔާގެ ނަމުގައި ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ވަކި ބަޔަކަށް ދޫކޮށްފައިވާ މާލޭގެ އަގުބޮޑު ބިންތައް ހަމަ މަގަށް އެޅުވުމުގެ މަސައްކަތެވެ. އަދި ދައުލަތުގެ ޚަރަދު އިންތިހާއަށް ބޮޑުވާގޮތަށް، ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު ސިޔާސީ މަންފާއަށް ސަރުކާރުގެ މުސާރައަށާއި، ކުންފުނިތަކުގެ މުސާރައަށް ގެނައި ބޮޑެތި ބަދަލުތައް ރަނގަޅުކޮށް، އަދި ދައުލަތުގެ ދަރަނި ހަމައަކަށް އެޅުވުމެވެ. 

ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައިވެސް މި ސަރުކާރުން ފަށާފައިވާ، ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މަޝްރޫޢުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި، ކުރިއަށް ގެންދިއުން ހިމެނެއެވެ. 

ރައީސް އިބްރާހީމް އަމިއްލަފުޅަށް އެމަނިކުފާނު ކޮށްދެއްވީ ހެޔޮ ވެރިކަމެކޭ ވިދާޅުވާއިރު، ރައްޔިތުންގެ 54 އިންސައްތަ ވޯޓުން އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެންނާން މަޖުބޫރުވީ، ސަރުކާރު ތެރޭގައި ކޮރަޕްޝަނާ ފަސާދަ އިންތިހާއަށް ބޮޑުވެ، އެކަމާ އެއްވެސް ފިޔަވަޅެއް ނޭޅި، އަދި ބޯހިޔާވަހިކަމާއި ބިންވެރިކުރުވުމުގެ ނަމުގައި ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ވަކިބައެއްގެ މަންފާއަށް ރާއްޖޭގެ އެތަކެއް ހާސް ރައްޔިތުންގެ ޙައްޤަށް އެމަނިކުފާނުގެ ސަރުކާރުން އަރައިގަތުމެވެ.