އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފު (ސެމްބެ)ގެ ހުވާޚުރުމުގެ ރަސްމިއްޔާތު ނޮވެމްބަރު 17 ވަނަ ދުވަހު ބޭއްވުމަށް، ތައްޔާރީތައް ވަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ. 

ރައްޔިތުންގެ މަޖިލީހުން މިއަދު ބުނީ، "ޤާނޫނުއަސާސީގެ 114 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަޤާމާ ޙަވާލުވުމުގެ ކުރިން މަޤާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައިކަމުން، 17 ނޮވެންބަރު 2023 ވާ ހުކުރު ދުވަހު އެ ޖަލްސާ ބޭއްވުމުގެ އިންތިޒާމްތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންދާ،" ކަމަށެވެ. 

މަޖިލީހުން މިގޮތަށް އަންގާފައިވާއިރު، މިއަދު ނޫސްވެރީންނާ ބައްދަލުކުރައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެފައި ވަނީ، ގާނޫނީގޮތުން އެއްވެސް ހުރަހެއް ނެތް ނަމަ އެމަނިކުފާނު ބޭނުންފުޅުވަނީ ނޮވެމްބަރު 11ގައި ޑރ. މުއިއްޒު ހުވާ ކުރެއްވުމަށް ކަމަށެވެ.