ކުރިއަށް އޮތް 5 އަހަރަށް ދިވެހި ރައްޔިތުންގެ 54 އިންސައްތަ ވޯޓުން އިންތިޚާބުކޮށްފައިވާ، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާ ސަރުކާރެއްގައި ދަ ޑިމޮކްރެޓްސްއިން ބައިވެރި ވާނޭކަމަށް އެޕާޓީން ބުނެފިއެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްއިން ވާދަކޮށް، ފުރަތަމަ ބުރުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ، 7 އިންސައްތަ ވޯޓާއެކު ފުރަތަމަ ބުރުގެ ތިންވަނައެވެ. އެހެންކަމުން އެ ޕާޓީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާޢިދު ނުކުރުމަށެވެ.

ނަމަވެސް ދަ ޑިމޮކްރެޓްސްގެ ކެމްޕޭން ޓީމުތަކުން ވަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި "އިބޫނޫންގޮތެއް" ހޯދުމަށާއި، "އެމްޑީޕީ ރޫޅާލުމަށް" ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ތާޢީދުކޮށް އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ވަރަށް ގަދައަށް ކެމްޕޭންވެސްކޮށްފައެވެ. 

ދަ ޑިމޮކްރެޓްގެސް މުއައްސިސް އަދި ވަގުތީ ޗެއަރފަރސަން ޙަސަން ލަތީފު ވިދާޅުވީ، "ދެން އުފެދޭ ޑރ. މުޢިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްސް ބައިވެރިވާނެ." ކަމަށެވެ. 

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހާއި ރައީސް ނަޝީދާ ދެމެދު ސިޔާސީގޮތުން ޚިޔާލު ތަފާތުވެ، އެމްޑީޕީ ދެބައިވުމުގެ ނަތީޖާއެއްގެ ގޮތުން، އުފެދުނު ޑިމޮކްރެޓްސްގެ ގިނަ މެންބަރުން ގަބޫލުކުރާ ގޮތުން، ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި އިންސާފު ހޯދުމާއި، ޑިމޮކްރެޓުންގެ މަގުސަދު ހާސިލްކުރެވޭނީ ޑރ. މުޢިއްޒާއެކު ކުރިއަށް ގޮސްގެންނެވެ. 

ނަމަވެސް، ރައީސް ނަޝީދު މިހާރު ވަނީ، "އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 ޕަސެންޓް ތާއީދު އޮތް ނަމަ" އެމަނިކުފާނު އެމްޑީޕީއާ އަލުން ގުޅޭން ބޭނުންވާކަމަށް ވިދާޅުވެ އެޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލަށް މެސެޖެއް ފޮނުވައިފައެވެ.