އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށް، މާފުށީ ޖަލުގައި 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން އަންނަ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ގެއަށް ބަދަލުކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް، ރައްޔިތުންނާ ބައްދަލުކުރައްވައި ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، އެމަނިކުފާނުގެ ރިޔާސީ ވަޢުދެއްކަމަށްވާ، ކުރީގެ ރައީސް ޔާމީން މިނިވަންކުރެއްވުމުގެ މަސައްކަތް ފައްޓަވައިފައެވެ. 

އެގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އަރިހުން ޑރ. މުޢިއްޒު އެދި ވަޑައިގަތީ "ރައީސަށް ދަންނަވާލަން، ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް. އެއީ ރައީސަށް ގާނޫނީ ގޮތުން ލިބޭނެ ބާރެއް." ކަމަށެވެ.

އެއަށްފަހު އިންތިޚާބީ ރައީސާއި، ރައީސް އިބްރާހީމް މިއަދު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައިވެސް ޑރ. މުޢިއްޒު ވަނީ، ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުން-- ފޮޓޯ: ޕީއެސްއެމް

 

ރައީސް ޢަބްދުﷲ ޔާމީން ގެއަށް ބަދަލުކުރެއްވުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، އެކަމުގެ އުފާފާޅުކޮށް، އެމަނިކުފާނަށް މަރުޙަބާ ކިޔުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އަދި ރައީސް ޔާމީނަށް ތާޢީދުކުރާ އެތަކެއް ހާސް ރައްޔިތުން ހ. ދޫވެހި ހިމެނޭ ސަރަޙައްދަށް ޖަމާވިއެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުން-- ފޮޓޯ: ޕީއެސްއެމް

 

ރައީސް ޔާމީން ގެކޮޅަށް ވަޑައިގެންނެވުމާއެކު އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، އިންތިޚާބީ ރައީސް ޑރ. މުޢިއްޒާއި، އިންތިޚާބީ ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ޕީޕީއެމް ޕީއެންސީ ސެނެޓް މެމްބަރުންނެވެ.