ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެއްޓީމެއްގެ ގޮތުގައި މި ފަސް އަހަރު މަސައްކަތް ކުރައްވައިފައިވާކަން ފާހަގަކުރައްވައި އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝުކުރު އަދާކުރައްވައިފިއެވެ. 

މިއަދު ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް ވަނީ، މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ގިނަ ކަންކަން ހާސިލުކުރެވިފައިވާ ކަމަށް ވިދާޅުވެ، އެކަންކަން ހާސިލުކުރުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވާފައެވެ.

އަދި ދައުރުގެ ބާކީ މި އޮތް ދުވަސްތަކުގައިވެސް މެނިފެސްޓޯގެ ނުނިމި ހުރިކަންކަން ނިންމެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސް އިބްރާހީމް މިއަދު ވަނީ، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވައިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި އެ ބައްދަލުކުރެއްވުމުގައި، މަޝްވަރާކުރައްވާފައި ވަނީ، "ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ޤާނޫނު" ގައިވާ ގޮތުގެ މަތިން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކުރުމާގުޅޭގޮތުންނެވެ.