"ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ޤާނޫނު" ގައިވާ ގޮތުގެ މަތިން ކުރައްވަންޖެހޭ ކުރިއަށް ގެންދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޚާއްޞަ ކޮމިޓީއެއް މިއަދު އުފައްދަވައިފިއެވެ. 

އިންތިޚާބީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް އިބްރާާހީމް ވަނީ، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ކުރައްވަންޖެހޭ ކަންކަން، ވީހާވެސް އޮމާންކަމާއެކު ގެންދެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން، ޤާނޫނާ އެއްގޮތަށް، ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށްޓަކައި ޚާއްޞަ ކޮމިޓީއެއް މިއަދު އުފައްދަވައިފި ކަމަށާއި، މި ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް ޙުސައިން ޢާމިރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ހުރިހާ ކަމެއް ހިނގަމުންދާ ގޮތް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ވިލަރެސް ކުރައްވާނީ، ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ކަމަށާއި، އިންތިޚާބީ ރައީސްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަމާބެހޭ ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޓީމެއްގެ އެހީތެރިކަންވެސް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް ޙުސައިން ޢާމިރާއި ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު-- ފޮޓޯ: ރައީސް އޮފީސް