ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ މަސައްކަތާ ގުޅިގެން، 2023 އޮކްޓޫބަރު 2 ވަނަ ދުވަސްވެސް، ސަރުކާރު ބަންދު ދުވަހެއް ކަމުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ. 

ރައީސް އޮފީހުން ބުނީ، ރައީސް އިބްރާހީމް މިގޮތަށް ހަމަޖެއްސެވީ، ސެޕްޓެންބަރު މަހުގެ 30 ވީ ހޮނިހިރު ދުވަހު ބޭއްވި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓާގުޅޭ އެކިއެކި މަސައްކަތްތަކުގައި، ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ވޯޓާ ގުޅިގެން ކުރަންޖެހުނު އެންމެހައި މަސައްކަތްތައް އަދި ނުނިމޭތީ، އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހަކީވެސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައި ވާތީކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓާ ގުޅިގެން ކުރީން ނިންމަވާފައި ވަނީ، އާދީއްތަ ދުވަސް އެކަނި ބަންދުކުރުމަށެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުންވެސް ތަފާތު ބޮޑު ނަތީޖާއަކާކު މިފަހަރުގެ އިންތިޚާބު ކާމިޔާބުކުރެއްވީ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒާއި އޭނާގެ ރަނިންގ މޭޓް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފް (ސެމްބެ) އެވެ.