އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައެއްގައި، 11 އަހަރަށް ޖަލަށް ލާފައިވާ އިދިކޮޅު ސިޔާސީ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް، މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ކިބައިން އެދިވަޑައިގެންފިއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް، ރައްޔިތުންނާ ބައްދަލުކުރައްވައި ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، އެމަނިކުފާނުގެ ރިޔާސީ ވަޢުދެއްކަމަށްވާ، ކުރީގެ ރައީސް ޔާމީން މިނިވަންކުރެއްވުމުގެ މަސައްކަތް ފައްޓަވައިފައެވެ. 

އެގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އަރިހުން ޑރ. މުޢިއްޒު އެދި ވަޑައިގަތީ "ރައީސަށް ދަންނަވާލަން، ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް. އެއީ ރައީސަށް ގާނޫނީ ގޮތުން ލިބޭނެ ބާރެއް." ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ޑރ. މުއިއްޒު ވަނީ ތަކުރާރުކޮށް، އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފި ނަމަ އެންމެ ފުރަތަމަވެސް ކުރައްވާނެ ކަމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވެފައެވެ.