އެމަނިކުފާނުގެ ވެރިކަމެއްގައި އެއްވެސް ރައްޔިތަކު ތަފާތު ނުކުރައްވާނޭ ކަމަށާއި، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ތަފާތުކުރުން ނުގެންގުޅުއްވާނޭ ކަމަށާއި، ބަހުގެ އިތުބާރު ދަމަހައްޓަވައި، ވެރިކަންކުރައްވާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ފުރަތަމަ ފަހަރައް ރައްޔިތުންނާ ބައްދަލުކުރައްވައި ޑރ. މުޢިއްޒު ވިދާޅުވީ ޤައުމުގެ ކަންކަން ދެން ބަައްޓަންވެގެންދާނީ ރައްޔިތުންނަށް ބޭނުންވާގޮތަށްކަމަށެވެ.

އެގޮތުން، އެމަނިކުފާނުގެ ވެރިކަން ވެގެންދާނީ އަމާން، އިޚުލާސްތެރި، ތެދުވެރި ވެރިކަމެއް ރައްޔިތުންނަށް ހޯދައިދޭނޭ ދައުރެއްގެ ގޮތުގައި ކަމުގެ ޔަޤީންކަންވެސް ޑރ. މުޢިއްޒު ދެއްވިއެވެ. 

"އަޅުގަނޑުގެ ޢަމަލު ހުންނާނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް. ބަހުގެ އިތުބާރު ދަމަހައްޓާ ޢަމަލާ ބަހާ ދިމާވާނެ،" އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، "ރައްޔިތުން ބޭނުންވާގޮތަށް މަސައްކަތްތައް ކުރިއަށްގެންދާނީ. ދިވެހިން ދިވެހިންގެ ރާއްޖެއަށް ގެންގޮސްދޭނަން." ކަމަށެވެ.

ވެހި ޖުމްހޫރިއްޔާގެ ދެވަނަ ދައުރުގެ 7 ވަނަ ރައީސަކަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބުކޮށް، އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފް (ސެމްބެ) އިންތިޚާބުކޮށްފައިވަނީ، ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ 282,804 މީހުންގެ ތެރޭން ވޯޓުގައި ބައިވެރިވި 246،915 މީހުންގެ 54.04 އިންސައްތަ ވޯޓުންނެވެ. އެގޮތުން ޑރ. މުޢިއްޒަށް ވަނީ، 129،159 ވޯޓު ލިބިވަޑައިގެންފައެވެ. ރައީސް އިބްރާހީމަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ. އެއީ 45.96 އިންސައްތައެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް މިފަހަރުގެ އިންތިޚާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީގެ އެންމެ ބޮޑު އެއް އަސްލަކީވެސް ރައްޔިތުންގެ ތެރޭން ގިނަ ބަޔަކު ޤާނޫނުއަސާސީއާ ޚިލާފަށް ބާކީކޮށްލައި، ބިންވެރިޔާގެ ނަމުގައި ހިންގި ބިޔަ ބޮޑު ޖަރީމާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.