ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ތަފާތު ބޮޑު ނަތީޖާއަކުން، ކާމިޔާބު ކުރައްވައި، ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ދިވެހި ރައްޔިތުން އިންތިޚާބުކޮށްފައިވާ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް، އެމަނިކުފާނަ ވާދަކުރެއްވި އެމްޑީޕީ/އަދާލަތުގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މަރުޙަބާ ދަންނަވައިފިއެވެ. 

ރައީސް އިބްރާހީމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވަނީ "ރިޔާސީއިންތިޚާބު ކާމިޔާބުކުރެއްވި ޑރ. މުޙައްމަދު މުޢިއްޒަށް މަރްޙަބާ ދަންނަވަން." ކަމަށް ވިދާޅުވެފައެވެ. 

އަދި އެމަނިކުފާނު ވަނީ، "އިންތިޚާބުގަ ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށްޓަކާ ޝުކުރު ދަންނަވަން،" ކަމަށާއި "އެކުގަ މަސައްކަތްކުރި އެމް.ޑީ.ޕީ އާއި އޭ.ޕީ ގެ މެމްބަރުން އަދި އަޅުގަޑަށް ވޯޓުދެއްވި ހުރިހާރައްޔިތުންނަށް ޝުކުރު ދަންނަވަން،" ކަމަށް ވިދާޅުވެފައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި އަދިވެސް ސަރުކާރާއި އެހެނިހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވެސް ވަނީ ރިޔާސީ އިންތިޚާބު ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބުކުރައްވާފައިވާތީ، އެމަނިކުފާނަށް މަރުޚަބާ ދަންނަވާފައެވެ. އެގޮތުން، ޑރ. މުޢިއްޒާއި އެމަނިކުފާނުގެ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގަންނަވަމުން ފައިސަލް ވަނީ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވެރިކަން ކުރެއްވުމަށް އިލްތިމާސްކުރައްވައިފައެވެ.

ދިވެހި ޖުމްހޫރިއްޔާގެ ދެވަނަ ދައުރުގެ 7 ވަނަ ރައީސަކަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބުކޮށް، އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފް (ސެމްބެ) އިންތިޚާބުކޮށްފައިވަނީ، ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ 282,804 މީހުންގެ ތެރޭން ވޯޓުގައި ބައިވެރިވި 246،915 މީހުންގެ 54.04 އިންސައްތަ ވޯޓުންނެވެ. އެގޮތުން ޑރ. މުޢިއްޒަށް ވަނީ، 129،159 ވޯޓު ލިބިވަޑައިގެންފައެވެ. ރައީސް އިބްރާހީމަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ. އެއީ 45.96 އިންސައްތައެވެ.