ކުރިއަށް އޮތް 5 އަހަރަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުވެސް ކާމިޔާބުކުރައްވައި، ދިވެހި ޖުމްހޫރިއްޔާގެ ދެވަނަ ދައުރުގެ 7 ވަނަ ރައީސަކަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލެސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބުކޮށްފިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފް (ސެމްބެ) އިންތިޚާބުކޮށްފިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ 282,804 މީހުންގެ ތެރޭން 246،915 މީހުން ވޯޓުލީ އިރު، ވަގުތީ ނަތީޖާ ދައްކާ ގޮތުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ "ދިވެހީންގެރާއްޖެ" ޝިޢާރާއެކު އިންތިޚާބުގައި ވާދަކުރެއްވި ޑރ. މުޢިއްޒު އުޅުއްވަނީ، "އުފާވެރި އަމާން ރާއްޖެ" ޝިޢާރާއެކު ދެވަނަ ދައުރަކަށް ނުކުންނެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށްވުރެ ގާތްގަނޑަކަށް 8 އިންސައްތަ ކުރީގައެވެ. 

ދެވަނަ ބުރުގައި ބަހައްޓާފައިވާ 586 ވޯޓުފޮށިން ޑރ. މުއިއްޒަށް 54.04 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް އިބްރާހިމަށް ލިބިވަޑައިގެންފައި ވަނީ 45.96 އިންސައްތައެވެ. އެއީ ޑރ. މުޢިއްޒަށް 129،159 ވޯޓު އަދި ރައީސް އިބްރާހީމަށް 109،868 ވޯޓެވެ. ބާތިލް ވޯޓުގެ ޖުމުލަ ފުރަތަމަ ބުރަށްވުރެ އިތުރެވެ. އެއީ 7،888 ވޯޓެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްޤު ލިބުނު މީހުންގެ ޢަދަދަކީ 282,804 މީހުންނަށް ލިބެއެވެ. އެއީ 138,394 އަންހެނުންނާއި 144,410 ފިރިހެނުންނެވެ. 

ޖުމުލަ 8 ކެންޑިޑޭޓުން ވާދަކުރެއްވި މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލައަކީ 282,395އެވެ. އެއީ 138,196 އަންހެނުންނާއި 144,199 ފިރިހެނުންނެވެ. އޭގެ ތެރޭން 101,494 މީހުން ޑރ. މުޢިއްޒަށް ވޯޓުދިނެވެ. އެއީ ވޯޓުލީ މީހުންގެ 45.99 އިންސައްތައެވެ. އަދި ރައީސް އިބްރާހީމަށް ލިބިވަޑައިގަތީ 86,166ވޯޓެވެ. އެއީ 39.04 އިންސައްތަ ވޯޓެވެ.