ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގެ ވޯޓުލުން، ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދާއިރު، މިހާތަނަށް ލައްކައަކަށް ވުރެ ގިނަ މީހުން ވޯޓުލައިފިއެވެ. ވޯޓުލުން ކުރިއަށް ދާނީ، ހަވީރު 5:00އާ ހަމައަށެވެ. 

ވޯޓުލީ މީހުންގެ ތެރޭގައި، ދެ ވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް (ކ.ނ: 3)އާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު (ކ.ނ: 4) ވެސް ހިމެނެއެވެ. 

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާ ޚިލާފަށް ދެވަނަ ބުރުގައި މިހާތަނަށް ވޯޓުލީ މީހުންގެ ޢަދަދު ގިނަކަން ފާހަގަކޮށްލެވެއެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބުނު މީހުންގެ ޖުމުލައަކީ 282,395އެވެ. އެއީ 138,196 އަންހެނުންނާއި 144,199 ފިރިހެނުންނެވެ. 

ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްޤު 282,804 މީހުންނަށް ލިބެއެވެ. އެއީ 138,394 އަންހެނުންނާއި 144,410 ފިރިހެނުންނެވެ. 

ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ލިބިވަޑައިގަތީ، ވޯޓުލީ މީހުންގެ 39 އިންސައްތައާއެކު އެބުރުގެ ދެވަނަ އެވެ. އެއީ 86161 ވޯޓެވެ. ސަރުކާރު ކޯލިޝަނުން ހިސާބުޖެހިގޮތާ މުޅިން ޚިލާފަށް، އެ ބުރުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުން ވަނީ، 101635 ވޯޓު ދީފައެވެ. އެއީ ވޯޓުލީ މީހުންގެ 46 އިންސައްތައެވެ.