ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރީން ކެންޑިޑޭޓުންނަށް ކެމްޕޭން ހަރަކާތް ހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ދިން ފުރުސަތު، މިއަދު (ހުކުރު ދުވަސް) ހަވީރު 6:00އާ ހަމައަށް ނިމުމަކަށް އައީއެވެ. އެހެންކަމުން ދެން ކެމްޕޭން ހަރާކަތެއް ނުހިންގޭނެއެވެ. މިއަދު މާލޭގައި ވަނީ، ދެވަނަ ބުރުގައި ވާދަކުރާ ދެ ކަންޑިޑޭޓުންވެސް ބޮޑު ހިނގާލުމެއް ބާއްވައިފައެވެ. އަދި އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް ރައްދުދިނުމާއި "އުންމީދީ ހުވަފެންތަކާއެކު" ވާދަވެރި ކެމްޕޭން މިހާރު މިވަނީ ނިމިފައެވެ.

ސޯޝަލް ސެންޓަރު ކައިރިން ފެށި ހިނގާލުމުގެ ބައިވެރީންނާއެކު އުސްފަސްގަނޑަށް ވަޑައިގެން، ސަޕޯޓަރުންނާ މުޙާތަބުކުރައްވައި، އެމްޑީޕީ/އަދާލަތު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ރައީސް ޔާމީނުގެ ސަރުކާރުން 2013-2018އަށް ހިންގީ އަނިޔާވެރި ބިރުވެރި ވެރިކަމެއް ކަމަށެވެ. އަދި އެ އަނިޔާވެރިކަމަށް އަލުން އެނބުރި ދާން ބޭނުން ނުވާނަމަ، ހޮނިހިރު ދުވަހު އެމަނިކުފާނަށް (ކެންޑިޑޭޓް ނަންބަރު 3)އަށް ވޯޓު ދިނުމަށެވެ. 

ފަސްއަހަރުގެ ދައުރެއް ނިންމާލެވުނު އިރު ރައްޔިތުންގެ ޙާލު އެންމެ ރަނގަޅަށް ނުބެއްލެވުނު ނަމަވެސް، ރައީސް އިބްރާހީމް ވަނީ، ވޭތުވެދިޔަ 20 ވަރަކަށް ދުވަސްތެރޭ އެމަނިކުފާނު ރާއްޖޭގެ އެކި ފަންތީގެ، އެކި ދާއިރާތަކުގެ މަސައްކަތްތެރީންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އައްސަވާފައި ވާކަމަށް ވިދާޅުވެފައެވެ. އަދި ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ، އެފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދޭނޭކަމަށް ވިދާޅުވިއެވެ. 

ރާއްޖޭގެ ތަރައްގީއަށާއި، އިގްތިޞާދު ހަމައަކަށް އެޅުވުމަށާއި، ސިއްހީ ދާއިރާ ކުރިއަރުވައި، ކިޔަވާކުދީންނަށް ވެސް ހިތްހަމަޖެހޭ މާޙައުލެއް ހޯއްދަވައި ދެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި "ތިން ނަންބަރަށް ވޯޓު ނުލެވިއްޖެ ނަމަ މުޅި ރާއްޖެ ކަރުނަ އަޅާ ރޯން ޖެހިދާނެ ހިސާބަކަށް ގޮސްދާނެ،" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އާޓިފިޝަލް ބީޗުގައި ޕީޕީއެމްގެ ސަޕޯޓަރުންނާ މުޙާތަބުކުރައްވައި، ރައީސް ޢަބްދުﷲ ޔާމީން އެންޑޯޒްކުރައްވާފައިވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާދަމާއަކީ، ރާއްޖޭގެ މުސްތަގުބަލު ކަނޑައަޅާ ދުވަސް ކަމަށާއި، މިތިބީ ވަރަށް ގިނަ ދުވަހުގެ މަސައްކަތްތަކެއް ކޮށް، ގޮތް ނިންމާ ހިސާބަށް އައިސްފައި ކަމަށެވެ.

އެގޮތުން، "އަޅުގަނޑު މިހުރީ ހުރިހާ ފަރާތްތަކަށް ޢަދުލުވެރި ވެރިކަމެއް ކޮށްދިނުމަށް. ވަކި ޕާޓީއަކަށް ނިސްބަތްވާތީ އަޅުގަނޑަށް މައްސަލައެއް ނެތް." ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ފުރަތަ ބުރުގެ ނަތީޖާއިން އެނގިގެން ގޮސްފައި ވަނީ، "ގައުމަށް ހެޔޮ ބަދަލެއް ރައްޔިތުން ގެންނަން ބޭނުންވާކަން. ރައްޔިތުންގެ އުންމީދުތައް ހާސިލް ވާނެ ވެރިކަމެއް ގެންނަން ބޭނުންވާކަން. އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ ގައުމަށް ހަމަޖެހުން ގެނެސްދޭނަމޭ. ގައުމުގެ މިނިވަންކަން ޔަގީންކޮށްދޭނަމޭ. ރައްޔިތުން އެދޭ އުންމީދު ހާސިލް ކޮށްދޭނަމޭ،" އޭނާ ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، ދިވެހިރައްޔިތުން އޭނާއަށް އިތުބާރުކޮށް ވެރިކަން ޙަވާލުކޮށްފި ނަމަ، އޭނާ ވެގެންދާނީ ރައްޔިތުން އެދޭފަދަ، ރައްޔިތުންގެ އަޑުއައްސަވާ، އެއަޑު އިއްވާ، ޒިންމާދާރު، ވެރިޔަކަށް ކަމަށެވެ. އެހެންކަމުން މާދަމާ ހުރިހާ ރައްޔިތުންވެސް ވިސްނުންތެރިކަމާއެކު ކެންޑިޑޭޓް ނަންބަރު 4 އަށް ވޯޓު ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

"މި ސަރުކާރު މި ހިނގާ ގޮތަށް ސަރުކާރު ނަމެއްގައި އޮވެފައި، އެހެން ބައެއްގެ ބާރުގެ ދަށުގައި ހުންނަ މީހަކަށް އަޅުގަނޑު ނުވާނަން" ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި "އަޅުގަނޑަށް އަޅުގަނޑު މަގާމަކަށް ލާ މީހާއަށް ފަހު ބަސް ނުބުނެވޭ އެއްވެސް މީހަކު ނުލާނަން." ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ. 

"އަޅުގަނޑު މި ދޭ ޔަގީންކަމަކީ އަޅުގަނޑު ގާއިމުކުރާ ސަރުކާރަކީ ދެފުށް ފެންނަ ސާފު ސަރުކާރަކަށް އިރާދަކުރެއްވިއްޔާ ވާނެ" މުޢިއްޒު ވިދާޅުވިއެވެ.

"ޖަވާބުދާރީވާނެ އެކައުންޓަބަލް ސަރުކާރަކަށް ވާނެ. ކެބިނެޓުގައި ތިބޭނީ ތައުލީމާ ތަޖުރިބާ ލިބިފައިވާ ދިވެހިން ފަހުރުވެރިވާ ފަދަ ކެބިނެޓެއް."

ޑރ. މުޢިއްޒުގެ ކެމްޕޭން ޚަރަކާތް ނިންމާލަމުން، ދިވެހީންނަށް ފަހު ޚާރިޖީ ސިޔާސަތެއް ބައްޓަންކުރައްވާނޭ ކަމަށާއި، ރައްޔިތުންނަކީ ފުދުންތެރި ބާރުވެރި ބޔަކަށް ހައްދަވައި ދެއްވާނޭ ކަމަށާއި، 5 އަހަރު ނިމޭއިރު، ގެދޮރުނެތޭ ބުނާނޭ އެކަކުވެސް ނުހުންނާނޭ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި، މިޖީކުގެ ދަރީންނާއި ކުރިއަށް އޮތް ޖީލުތަކަކީ، ޤައުމާ މެދު ފަޚުރުވެރިވާ، ޤައުމުދެކެ ލޯބިވާ ބަޔަކަށް ހައްދަވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.