ޖަލުގެ ތޭރިތަކުގެ ތެރޭގައި ސިޔާސީ ދައުވެއްކޮށް ބޭއިންސާފުން ހައްޔަރު ކުރުމުގެ ކުރިން ރައީސް ޢަބްދުﷲ ޔާމީން ކުރެއްވި އެންމެ މުހިންމު މަސައްކަތްޕުޅަކީ ރާއްޖޭގެ މިނިވަން ކުރުމަށް ވަކާލާތު ކުރެއްވުން ކަމަށާއި، އެހެންކަމުން، އެމަނިކުފާނުގެ އާދޭހަކީ، ދިވެހިރާއްޖެ އަޅުވެތިކަމުން ސަލާމަތްކުރުމަށް ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ވޯޓު ދިނުންކަމަށް ޔާމީންގެ އަނބިކަނބަލުން، ކުރީގެ ފަސްޓްލޭޑީ ފާތިމަތު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޗެނަލް 13އަށް ފާތުމަތު އިބްރާހިމް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، 30 ސެޕްޓެމްބަރުވާ ހޮނިހިރު ދުވަހު ދިވެހީންނަށް ލިބޭ ފުރުސަތަކީ، ދިވެހިންގެ މިނިވަންކަން އިއާދަކުރަން ލިބޭ ފުރުސަތެއް ކަމަށެވެ. 

"ރައީސް ޔާމީންގެ ޤައުމީ މި މަސައްކަތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ތިޔަ ލޮބުވެތި ރައްޔިތުންނަށް މިވަގުތު ކޮށްދެއްވޭނެ އެންމެ ބޮޑު މަސައްކަތްޕުޅަކީ މިފަހަރުގެ ވޯޓުގައި ރައީސް ޔާމީން އެންޑޯޒްކުރައްވާފައިވާ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ ރަނިންގމޭޓް ހުސައިން މުހައްމަދު ލަތީފަށް ވޯޓުދެއްވުން،" ޔާމީނުގެ އަނބިކަނބަލުން ވިދާޅުވިއެވެ.

ރައީސް ޔާމީނަށް، އެމަނިކުފާނުގެ އާއިލާއަށް ވުރެ ދިވެހިންގެ އިސްލާމީ ދިރިއުޅުމާއި ދިވެހިވަންތަކަމާއި މިނިވަންކަން ކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ، އަނިޔާވެރިންގެ އަނިޔާ އަންނާނެ ކަން އެނގިވަޑައިގެން އެމަނިކުފާނު ހިޔާރު ކުރެއްވީ ގައުމުގެ މިނިވަންކަން ކަމަށެވެ.

ރައީސް ޔާމީނާ ބައްދަކުވާ ކޮންމެ ފަހަރަކުހެން، ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަ ވެރިކަން މިއަދު އޮތީ އެހެން ބައެއްގެ އަތްދަށުގައި ކަމަށާއި، މިއަދު ދިވެހި ބިމުގައި، ދިވެހީންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވާކަން ފާތުން ފާހަގަކުރެއްވިއެވެ. އަދި ދިވެހީންގެ ދާހިލީ މައްސަލަތައް، ދިވެހީންގެ އަމިއްލަ ވިސްނުމުގައި ނިންމުމުގެ ބާރެއް މިހާރު ނެތް ކަމަށް އެމަނިކުފާނު ވިދާޅުވާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާ ވަނީ، މި އިންތިހާބުން ކާމިޔާބު ހޯދައި، ރައީސް ޔާމީން މިނިވަންކުރުމަށް ފަހު އެމަނިކުފާނުގެ ބައިވެރިވެ ވަޑައިގެންނެވުމާ އެކުގައި އެންމެން އުފާފާޅުކުރުމަށް ލިބޭ ފުރުސަތު ނަގައި ނުލުމަށް އިލްތިމާސްކުރައްވައިފައެވެ.