ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ އޮންނާނެއެވެ. ފުރަތަ ބުރުގެ ނަތީޖާއަށް ބަލައި، ދެވަނަ ބުރު ކާމިޔާބުކުރުމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ޖެއްސެވި ހިސާބުގައި އެންމެ އިސްކަމެއްދީފައިވާ އެއް ބަޔަކީ، "ދަ ޑިމޮކްރެޓްސް" އެވެ. ޑިމޮކްރެޓުން އެމްޑީޕީއާ އެއްކޮޅަށް އެރުމެވެ. މުޅިން އަލަށް ރިޔާސީ އިންތިޚާބެއްގައި ވާދަކޮށް، ޑިމޮކްރެޓުން ވަނީ އިންތިޚާބުގެ ފަޚުރުވެރި 3 ވަނަ ހޯދައިފައެވެ. ކުރު މުއްދަތެއްގެ ތެރޭގައި ވަރުގަދަ ކެމްޕޭނެއްކޮށް، ޑިމޮކްރެޓުން އިއްވި އަޑު ރައްޔިތުން ބަލައިގަތެވެ. އެހެންކަމުން ރައީސް އިބްރާހީމްވެސް ވިދާޅުވެފައި ވަނީ، ޑިމޮކްރެޓުން އެމްޑީޕީއާ އެކު ދެވަނަ ބުރަށް ނުކުމެއްޖެ ނަމަ، އިންތިޚާބު ކާމިޔާބުކުރެވޭނޭ ކަމަށެވެ. ނަމަވެސް، ޑިމޮކްރެޓުން ރައީސް އިބްރާހީމާ ދުރުވި ސަބަބުތަކާ ދޭތެރޭ އެމަނިކުފާނު ވިސްނާވަޑައިގަންނަވާހެން ހީނުވާކަމަށް ޑިމޮކްރެޓުންގެ ގިނަ ބަޔަކު ދަނީ އަޑުއަރުކޮށް ގޮވަމުންނެވެ. "ޑިމޮކްރެޓުންނާ ދޭތެރޭ އިބޫ ކަންކުރިގޮތް ހަނދާނެއް ނުނެތޭ" ކަމަށް އެމީހުން ބުނެއެވެ.
ދަ ޑިމޮކްރެޓްސް އިން ރަސްމީކޮށް ނިންމާފައި ވަނީ، މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރުމަށެވެ. ނަމަވެސް އެޕާޓީގެ ގިނަ ޢަދަދެއްގެ މެންބަރުންގެ ވިންދުހުރީ ޕާޓީން، ވަކިކޮޅެއް ނުނެގި ކަމުގައި ވީނަމަވެސް، މިހާރު އޮތް ސަރުކާރު ނިމުމަކަށް ގެންނާން ޖެހޭ ކަމަށެވެ. އެހެންކަމުން އެކަން ޙާސިލްކުރާން އޮތް ހުރިހާ ކަމެއް ކުރުމަށެވެ.
"ޒުވާނުން ޑަސްބިން ހޮވާތަން ފެނުނީމާ، ޑިމޮކްރެޓުން މިބުނަނީ ބަލަ އެމްޑީޕީއޭ ކަލޭމެން ކީއްހޭ ތިކުރީ؟ ކީއްހޭ ތިކުރަނީ އަހަރެމެންގެ ޒުވާނުން ޑަސްބިން ހޮވައިގެން ކާންފެށީމާ އަސަރެއް ނުކުރޭހޭ؟ ޑިމޮކްރެޓުންނަށް އަސަރުކުރޭ. އެހެންވީމާ ޑިމޮކްރެޓުން ނިކުތީ ޑިމޮކްރެޓްސްއިން ފެށި މަސައްކަތް ނިންމާން" ވެރިރަށް މާލެ ސިޓީގައި ހުކުރުވިލޭރޭ ޑިމޮކްރެޓުންގެ އެކްޓިވިސްޓުން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި އެ ޕާޓީގެ އެކްޓިވިސްޓަކު އަޑުގަދަކުރާއިން އަޑުހަރުކޮށް ގޮވަމުންދިޔައެވެ.
ޑިމޮކްރެޓުންގެ ޓީމެއް، ޕިކަޕެއްގައި އަޑުގަދަކުރާ ބަހައްޓައިގެން، އެ ޕާޓީގެ ދިދަ ހޫރަމުން ގޮވަމުން ދިޔައީ، "އެހެން ގޮތެއް ހޯދަން ނުކުންނާން ޖެހުނީ، އެބޭފުޅާ [ރައީސް އިބްރާހީމް] ޑިމޮކްރެޓުންގެ އަޑި ނޭހުމުން" ކަމަށެވެ.
"އަޅުގަނޑުމެން ކަމެއް ވެގެން ނުކުތީ. ޑިމޮކްރެޓުން އެކި ގޮތްގޮތަށް އެބޭފުޅާއަށް ނަސޭހަތް ދިނުމުންވެސް އެކަން ނުކުރުމުން، ޑިމޮކްރެޓުން ބުނީ ނޫނެކޭ، ދެން ރައްޔިތުން ބިކަކުރާކަށް ތިމަންނާމެން ނޭދެމޭ" އެހެންވީމާ ހުރިހާ ޑިމޮކްރެޓުން އެކުގައި ނުކުމެ ކެންޑިޑޭޓް ނަމްބަރު 4 ޑރ. މުޢިއްޒާއި ސެމްބެގެ ޓީމަށް ވޯޓުދިނުމަށް ގޮވާލާ ކަމަށެވެ.
މީގެ އިތުރުންވެސް ޑިމޮކްރެޓުން ވަނީ، ރައީސް އިބްރާހީމްގެ ސަރުކާރަށް ބައިވަރު ސުވާލުތަކެއް ބަންޑުން ޖަހާލައިފައެވެ. އެގޮތުން ރައީސް އިބްރާހީމްގެ ވެރިކަމުގަައި:
-
ކަރަޕްޝަނާއި ފަސާދަ ނައްތާލައި ދައުލަތުގެ މާލިއްޔާއިން ގެއްލުނު ފައިސާ އަނބުރާ ހޯދުނުތޯ؟
-
ގޮތްނޭނގޭ މަރުތަކަށް އިންސާފު ލިބުނުތޯ؟
-
ތަކެތީގެ އަގު ދަށްކުރެވުނުތޯ؟
-
މަހަށް ހަމަ އަގު ހޯދަދީ ގޭދޮށު މަސްފެކްޓަރީތަށް ގާއިމްކުރެވުނުތޯ؟
-
ކޮންކްރީޓް ތަރައްގީގެ ބަދަލުގައި ފަރުދީ ތަނަވަސްކަން ހޯދައިދެވުނުތޯ؟
-
އެއްގައުމަކަށް ބަރޯސާނުވެ ދައުލަތުގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވުނުތޯ؟
-
އިސްލާމީ ވަހުދަތު ހިފެހެއްޓުމާއެކު ދީނީ އަގީދާ ވަރުގަދަކުރެވުނުތޯ؟
-
ޝަރުއީ ނިޒާމް އިސްލާހުކުރެވުނުތޯ؟
-
އެތެރޭގެ އުދުހުންތައް އަގުހެޔޮކުރެވުނުތޯ؟
-
މިނިވަން ނޫސްވެރިކަން އެބައޮތްތޯ؟
-
ރައިސް ނަޝީދަށް ދެވުނު ބޮމުގެ ހަމަލާ ފުރިހަމަޔަށް ތަހުގީގު ކުރެވި އިންސާފު ލިބުނުތޯ؟
-
ޒީރޯ ޓޮލެރަންސް ފޯ ކަަރަޕްޝަނަށް ވީ ކިހިނެތްތޯ؟
-
މިނިވަން މުއައްސަސާތަކަށްވީ ކިހިނެތްތޯ؟
-
ސިޔާސީ މަގާމުތައް މަދުކުރެވުނުތޯ؟
-
ޕާކް ކުރާނެ ތަންނުދައްކާ ޕާކިން ސްޓިކާ ޖެހިތޯ؟
-
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރެވުނީ ކިހާވަރަކަށްތޯ؟
-
ގެވެށި އަނިޔާ ލިބުނުފަރާތްތަކަށް އިންސާފު ލިބުނުތޯ؟
-
މި ލިސްޓް ވަރަށް ދިގު!އިބޫނޫންގޮތެއް#
ޑިމޮކްރެޓުން ގޮވަމުން ގެންދަނީ، ރައީސް ނަޝީދު އެމްޑީޕީން ބޭރުކޮށްލީ ކަމަށާއި، އެމަނިކުފާނުގެ "ފިކުރެއްގެ ދިރުން" ޕާޓީއަކަށްވެ ބާރު ގަދަވާތަން ފެނުމުން މިހާރު ރައީސް އިބްރާހީމަށް، ޑިމޮކްރެޓުންނަކީ މުޙިއްމު ބައެއްކަމަށް ހީފުޅުވިޔަސް، ޑިމޮކްރެޓުންނަށް އެމީހުންގެ އަސްލު މަގުސަދު ނޯޅޭނޭ ކަމަށެވެ. ޑިމޮކްރެޓުން ނުކުމެ ތިބީ، ރައީސް ނަޝީދު ވިދާޅުވި ގޮތަށް "އެމްޑީޕީ ރޫޅާލަން" ކަމަށާއި އަދި ރައީސް "އިބޫނޫންގޮތެއް" ހޯދަންކަމަށެވެ. އެކަން ޙާސިލްކުރެވޭނީ ކެންޑިޑޭޓް ނަންބަރު 4 ޑރ. މުޢިއްޒަށް ވޯޓުދީގެން ކަމަށެވެ.