ޤާނޫނާ ޤަވާޢިދާ ޚިލާފަށް އެއްވެސް ކަމެއް ނުކުރައްވާނޭ ކަމަށާއި، އަދި ރައްޔިތުންނަށް ކަންކަން ހާމަކުރުމުގައި ތެދުބަހުން ނޫނީ ވާހަކަފުޅު ނުދައްކަވާނޭ ކަމަށާއި، ކެމްޕޭން ކުރުމުގައި އޭނާގެ ވާދަވެރީން ވެއްޓިފައިވާހާ ދަށުދަރަޖައަށް ވެއްޓިވަޑައި ނުގަންނާވާނޭ ކަމަށް، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި، ލައްކައަކަށް ވުރެ ގިނަ ރައްޔިތުންގެ ތާޢީދާއެކު އެ ބުރުގެ އެއްވަނަ ހޯއްދެވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ޑރ. މުޢިއްޒު ވަނީ "ރައްޔިތުންގެ ގާތަށް މުޢިއްޒު"ގެ ނަމުގައި ހުކުރުވިލޭރޭ ސަލްޓަން ޕާކުގައި، ޚާއްޞަ ކެމްޕޭން ޚަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެ އިވެންޓުގައި، އެކި ފަރާތްރާތްތަކުން ވަނީ، ޑރ. މުޢިއްޒާ ތަފާތު ސުވާލުތައް ކުރިމަތި ކޮށްފައެވެ. އޭގެ ތެރޭގައި އޭނާގެ ޒާތީ ދިރިއުޅުމާއި، އަދި ވެރިޔަކަށް ހޮވިއްޖެ ނަމަ ކަންކަން ކުރައްވާނޭ ގޮތާއި، އިދިކޮޅު ފަރާތްތަކުން މުޢިއްޒުގެ އިސްތަށިފުޅުގައި އަޅުވަމުންދާ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކުރުމުން މުޢިއްޒު ވަނީ އެއަށް ޖަވާބު ދެއްވައިފައެވެ. 

އޭނާވިދާޅުވީ، އެއްވެސް ކަމެއް ފޮރުވައިގެން ނުކުރައްވާނޭ ކަމަށާއި އަދި "އެހެން މީހުން ވެއްޓޭހާ ދަށު ދަރަޖައަށް، އަޅުގަނޑު ވެއްޓެން ޖެހޭނެ ކަމަކަށް ނުދެކެން،" ކަމަށެވެ. 

މީގެ އިތުރުން، "އެންޓި ކެމްޕެއިން މިއޮތީ އިންތިހާ އަށް މައްޗަށް ގޮސްފައި،" ކަމަށް ވިދާޅުވެ، އެމަނިކުފާނާ ރައީސް ޔާމީނާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށްވެސް އޭނާ ރައްދުދެއްވިއެވެ. 

މުޢިއްޒު ވިދާޅުވީ، އޭނާ ކަންކަން ކުރައްވަނީ ރައީސް ޔާމީންދެއްވާ ލަފާފުޅާ އެއްގޮތަށް ކަމަށާއި "މި މަސައްކަތުގައި އަޅުގަނޑު ކުރިއަށް ދާނީ ރައީސް ޔާމީންގެ އަރިހުން ދަސްވެފައިވާ ގޮތަށް ބާރު ދުވެލީގައި ގައުމުގެ ކަންކަން ކުރެވޭ ގޮތަށް،" ކަމަށެވެ.