ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓާ ގުޅޭ ކަންކަމުގައި ސަރުކާރުގެ ގިނަ މުވައްޒަފުންތަކެއް ޚަރަކާތްތެރިވާތީ، އެ މުވައްޒަފުންނަށް ލުޔެއް ދިނުމުގެ ގޮތުން، 1 އޮކްޓޫބަރު 2023 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، "ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖައްސަވައިދެއްވާފައި ވަނީ ސެޕްޓެންބަރު މަހުގެ 30 ވާ ހޮނިހިރު ދުވަހަކީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބާއްވާ ދުވަސް ކަމަށް ވުމާއެކު، އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި ޢާންމު ރައްޔިތުން ޙަރަކާތްތެރިވާނެތީއާއި، އެ ދުވަހާ ގުޅިގެން، އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައި ވާތީ،" ކަމުގައެވެ.

އެހެންކަމުން ދެން ސަރުކާރު ހުޅުވޭނީ 2 އޮކްޓޫބަރު 2023ވާ ހޯމަދުވަހުއެވެ.