އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާ ޒާތީގޮތުން ދިމާކޮށްލުމަކީ، އެމްޑިޕީ/އަދާލަތު/އެމްޑީއޭ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ކެމްޕޭން ޓީމުން އަމިއްލައަށް ބަލި ޤަބޫލުކުރުން ކަމަށް ކުރީގެ އިސްލާމިކް ިމނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ޑރ. ޝަހީމް މިހެން ވިދާޅުވީ، ޑރ. މުޢިއްޒުގެ ދޮން މަންމައަށް ފައިސާ ދީގެން ދޮގު ވާހަކަތަކެއް ފަތުރަން ސަރުކާރަށް ތާއީދުކުރާ ބައެއް ނޫސްތަކުން މަސައްކަތްކުރަމުންދާ ކަމަށް ބުނާ ޚަބަރަކާ ގުޅިގެންނެވެ.

އިދިކޮޅުގެ ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ ދިޔަރެސްއިން ބުނެފައިވާ ގޮތުން، "ސަރުކާރުން ޚަރަދުކުރާ އޮންލައިން ނޫހެއްގެ ޓީމެއް ލަންކާއަށް ގޮސް އޭނާ [ޑރ. މުޢިއްޒުގެ ދޮންމަންމާފުޅު]އަށް ގިނަ އަދަދެއްގެ ފައިސާ ހުށަހަޅައިގެން ވީޑިއޯ އިންޓަވިއުއެއް ނަގުވައި މުޢިއްޒާ ގުޅޭ ދޮގު ވާހަކަތަކެއް ދައްކުވަން މަސައްކަތްކުރުމުން، ދެ ފަހަރެއްގެ މަތިން އެކަން ކުރަން އޭނާ އިންކާރު ކުރިއެވެ. އިންކާރުކުރުމުން ހުށަހެޅި ފައިސާގެ އަދަދު އިތުރުކޮށް މިހާރު އޭނާއަށް 3 މިލިއަން ރުފިޔާ ދިނުމަށް ހުށަހަޅާފައި،" ވެއެވެ.

ދިޔަރެސްގައި މިޚަބަރު ޖެހިތާ އިރުކޮޅެއްގެ ތެރޭގައި ޢަދަދު ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒް މޫސާ ދިޔަރެސްގެ އެކްސްގައި ޝެއަރކޮށްފައިވާ ޚަބަރަށް ރިޕްލައިކުރައްވައި "ބުހުތާނު ދޮގެއް" ކަމަށް ވިދާޅުވެފައި ވެއެވެ. 

ނަމަވެސް، އޭގެ މާ ގިނައިރުތަކެއް ނުވެ، އަދަދު ނޫހުން ވަނީ، "އަދަދުއިންވެސްޓިގޭޝަން: Gnei Skeelan ސުރުހީގެ ދަށުން "ބިދޭސީ އަންހެނަކަށް ކުރި ތުހުމަތާއި، ޒާތީ މަސްލަޙަތައް، ދައުލަތުގެ ނުފޫޒުގައި އޭނާ ބްލެކްލިސްޓްކޮށް، ޑީޕޯޓްކޮށްލިގޮތުގެ ވީޑިއޯ ރިޕޯޓެއް ޢާންމުކޮށްފައެވެ. އަދި އޭގެ އިތުރުން ރާއްޖޭޓީވީއާއި އެނޫންވެސް ސަރުކާރަށް ތާޢީދުކުރާ މީޑިއާތަކުން ވަނީ މި ރިޕޯޓް ދައްކާން ފަށައިފައެވެ. 

މިކަަމާ ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ، "ޒާތީގޮތުން ތި ގެންދާ ޙަޤީޤަތާ ޚިލާފު ކަންކަން، އިންޝާﷲ، ފެއިލްވާނެ. ރާއްޖެޓީވީން މީގެކުރީން އެހެން މީހުންނާ މެދުވެސް ތިޔަށްވުރެ ހަޑިވާހަކަ ފަތުރައި ވީޑިއޯ ފޮނުވި،" ކަމަށެވެ. އަދި "ވީ ކަމެއް އެބަ އޮތްތޯ؟ ﷲގެ ތަނަވަސް ރަޙްމަތް މާބޮޑު" ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން، އެމްޑީޕީ/އަދާލަތު/އެމްޑީއޭ ހިމެނޭ ސަރުކާރު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކުރިމަތިވެވަޑައިގެންނެވި ޤަބޫލުފުޅުކުރައްވަން ދަތި ނާކާމިޔާބީއަށް ފަހު އެމަނިކުފާނާއި އެމަނިކުފާނުގެ ކެމްޕޭން ޓީމުންވެސް ވަނީ، ދެވަނަ ބުރުގައި ކެމްޕޭން ސްޓްރެޓަޖީ އެއްކޮށް ބަދަލުކޮށް، މުޅި ޓީމު އެޓޭކަށް ކުޅޭގޮތަށް މާވަރުގަދައަށް ނުކުންނާނޭ ކަމަށް ވިދާޅުވެފައެވެ.

ދެވަނަބުރުގެ ކެމްޕޭނުގައި ރައީސް އިބްރާޙިމް ދަނީ، އެމަނިކުފާނަކީ ޤައުމުގެ ވެރިކަމުގައި ހުންނެވި ވަލިއްޔުލް ޢަމްރުކަންވެސް ހަނދުމަފުޅުނެތް ފަދަ ގޮތަކަށް، 5 އަހަރުގެ ދައުރެއްގެ ތެރޭގައި ނުކުރެއްވުނު އެތަކެއް ކަމެއް މި އިންތިޚާބުގެ ތެރޭގައި ކުރައްވާން ވަޢުދުވެ، އަދި ބައެއް ކަންކަން ތަންފީޒުކުރައްވަމުންނެވެ. އޭގެ ތެރޭގައި އިންތިޚާބުގެ ވޯޓުލާން ކުޑަތަންވެގައި ވަނިކޮށް، ސަރުކާރު މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ބޮޑުކުރުމާއި، ގާނޫނުއަސާސީއާ ޚިލާފަށް، އަދި ދިވެހި ދައުލަތަށް ނުހަނު ގެއްލުން ބޮޑުކޮށް، މާލޭގެ އަގުބޮޑު ބިންތައް ބަހާލުމާއި، ވޯޓަށް ނުފޫޒު ފޮރުވާން އަނެއްކާވެސް ޤާނޫނުއަސާސީއާ ޚިލާފަށް އިތުރު ބޯހިޔާވަހިކަމާއި ބިންވެރިކަމުގެ ސްކީމެއް ޢިއުލާނުކުރުމާއި އަދި މީގެ އިތުރުންވެސް އިންތިޚާބީ ކޮރަޕްޝަންގެ ގޮތުގައި ބެލެވޭނެ އެތައް ކަމެއް ކުރައްވަމުންނެވެ. ނަމަވެސް، މިއިން ކަމެއް ބަލާނޭ، އަދި ފިޔަވަޅެއް އަޅާނޭ ދައުލަތުގެ މުއައްސަސާއެއް ނެތްކަން ފާހަގަކޮށް ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.