ކުރީގެ ރައީސް ޢަބްދުﷲޔާމީން ތާޢީދުކުރައްވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ގެކޮޅަށް މަސްތުވާތަކެތި ވައްދައި، ރެއިޑްކުރަން ރާވާން ފަށައިފިކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 

ދިވެހި ފުލުހުން ކުރި އެކްސް ޕޯސްޓެއްގައި ވަނީ، ޑރ. މުޢިއްޒުގެ ގެކޮޅަށް މަސްތުވާތަކެތި ވައްދައި، ރެއިޑްކުރާން ރާވާފައިވާކަމަށް ބުނާ، "ޗެނަލް13ގެ އެ ޚަބަރަކީ އެއްވެސް ހަގީގަތެއް އެކުލެވިފައި ނުވާ، ސިޔާސީ މަޤުޞަދެއް ޙާޞިލުކުރުމަށްޓަކައި ދިވެހިފުލުހުންގެ އަގުވައްޓާލުމުގެ ގޮތުން ގެނެސްދީފައިވާ ކަނޑައެޅިގެން ދޮހު ޚަބަރެއް،" ކަމަށެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް، ޒިންމާދާރުކަމެއް ނެތި، އަދި މައުލޫމާތުގެ ސައްޙަކަމެއް ނެތި ހަޤީޤަތާ ޚިލާފު ދޮގުމައުލޫމާތު ފެތުރުން އެ ޚިދުމަތުން ކުށްވެރި ކުރާކަމަށްވެސް ބަޔާނުގައިވެއެވެ. 

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން، އެމްޑީޕީ/އަދާލަތު/އެމްޑީއޭ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކުރިމަތިވެވަޑައިގެންނެވި ޤަބޫލުފުޅުކުރައްވަން ދަތި ނާކާމިޔާބީއަށް ފަހު އެމަނިކުފާނާއި އެމަނިކުފާނުގެ ކެމްޕޭން ޓީމުންވެސް ވަނީ، ދެވަނަ ބުރުގައި ކެމްޕޭން ސްޓްރެޓަޖީ އެއްކޮށް ބަދަލުކޮށް، މުޅި ޓީމު އެޓޭކަށް ކުޅޭގޮތަށް މާވަރުގަދައަށް ނުކުންނާނޭ ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ފަހުން ރައީސް އިބްރާޙިމް ދަނީ، އެމަނިކުފާނަކީ ޤައުމުގެ ވެރިކަމުގައި ހުންނެވި ވަލިއްޔުލް ޢަމްރުކަންވެސް ހަނދުމަނެތް ފަދަ ގޮތަކަށް، 5 އަހަރުގެ ދައުރެއްގެ ތެރޭގައި ނުކުރެއްވުނު އެތަކެއް ކަމެއް މި އިންތިޚާބުގެ ތެރޭގައި ކުރައްވާން ވަޢުދުވެ، އަދި ބައެއް ކަންކަން ތަންފީޒުކުރައްވަމުންނެވެ.

މީގެ އިތުރުން، ބައެއް މެއިންސްޓްރީމް މީޑިއާތައް މެދުވެރިކޮށް، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާ ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނެއްވެސް މިހާރު ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.