ދިވެހި ސިފައިންގެ އަސްކަރީ ބަނދަރު (ސިފަވަރު) ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަ، މާލެ އަތޮޅުގެ ގިރާވަރު އުތުރު ފަޅު (އުތުރު ތިލަފަޅު)ގެ މަޝްރޫޢަކީ، ބޭރުގެ އެހީތެރިކަމާ ނުލައި ދިވެހި ސަރުކާރުން އަމިއްލައަށް ހިންގާން ރޭވި މަޝްރޫޢެއް ކަމަށާއި، އެނޫން ގޮތަކަށް އެތަނުގައި ސިފައިންގެ ބާރެއް އޮތުމަކީ ޤަބޫލުފުޅުކުރެއްވޭނޭ ކަމެއް ނޫންކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. 

"އުތުރުތިލަފަޅަކީ ސިފައިންގެ އުޅަނދުފަހަރުބަނދެ، ބެލެހެއްޓުމުގެ ޚަރަދުކުޑަކޮށް، ރައްކާތެރިކަން ޔަޤީންކުރުމަށް ރޭވުނުމަޝްރޫޢެއް. އޭރުސަރުކާރުގެ ނިންމުމަކީ ބޭރުގެ އެހީތެރިކަންދޫކޮށް ސަރުކާރުން މަޝްރޫޢުހިންގުން. އެނޫންގޮތަކަށް ސިފައިންގެ ބަނދަރެއް ނޫނީ ބާރެއް އޮތުމެއް ޤަބޫލެއްނުކުރެވޭ" ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

އުތުރު ތިލަފަޅުގައި ތަރައްގީކުރާ ސިފައިންގެ ސަރަހަށްދަށް "ސިފަވަރު" ނަންދީ، އެތަނުގައި 100 މީހުންގެ ޖާގައިގެ މިސްކިތެއް ހުޅުވުމަށް 21 މާރޗް 2014ގައި ބޭއްވި ރަސްމިއްޔާތެއްގައި އޭރުގެ ރައީސް، ޢަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ، "މިރަށުގެ ބިން ހިއްކުމަކީ ކޮންމެވެސް ވަރެއްގެ ޗެލެންޖަކަށް ވެދާނެ. އެއީ ސަރުކާރުގެ ބަޖެޓުގެ ބޭރުން ކުރާ ކަމަކަށް ވާތީ،" ކަމަށެވެ. އަދި އެ މަޝްރޫއުގެ މުހިންމު ކަމަށް ބައްލަވައި، އެތަނުގެ ބިން އަވަހަށް ހިއްކައި ނިންމުމަށްޓަކައި ސަރުކާރުން ކޮށްދެވެން ހުރި ހުރިހައި ކަމެއް ކޮށްދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

އޭރުގެ ޑިފެންސް މިނިސްޓަރ ނާޒިމް އެދުވަހު ވިދާޅުވީ، އުތުރު ތިލަފަޅުގެ މަޝްރޫއު ނިމިގެންދާއިރު، ސިފައިންނާއި ފުލުހުންނަށް، ލިބެންޖެހޭ ބޯހިޔާ ވަހިކަމަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ އިތުރުން، އެ ރަށުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބޭސް އަކާއި، ޑޮކްޔާޑާއި ސްލިޕްވޭއާއި ވެއާ ހައުސްތަކާއި އެހެނިހެން ހިދުމަތްތަކާއެކު ބަންކަރިންގެ ހިދުމަތް ވެސް ގާއިމްވެގެންދާނެ ކަމަށެވެ. އަދި ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި އެކިފެންވަރުގެ ހޮޓާތަކާއި ޔޮޓްމެރީނާއެއް ވެސް ހެދިގެން ދާނޭ ކަމަށެވެ.

މި ޕްރޮޖެކްޓާއެކު ސިފައިންގެ އެންމެ ބޮޑު އަމާޒަކަށް ވެފައި އޮތީ، ދައުލަތުގެ ބަޖެޓަށް ބަރޯސާ ނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެ ސިފައިންގެ ކަންކަން ކުރުމަށް މަސައްކަތް ކުރުން ކަމަށްވެސް އޭރުގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މާލެ އަތޮޅު އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑަށް ޚާއްސަކޮށްގެ ތަރައްގީކުރަމުންދާ ސިފަވަރުގެ މަސައްކަތަކީ، ދައުލަތުގެ ބަޖެޓުންވެސް ޚަރަދުނުކޮށް، ސިފައިންގެ ވެލްފެއާ ކޮމްޕެނީ "ސިވެކް"ގެ ބަޖެޓުން ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ ރޭވި މަޝްރޫޢެކެވެ. ސިފްކޯއިން ސީޕީއެސް މޯލްޑިވްސްއާ އެކު، 17 ޖުލައި 2013ގައި ވެވުނު އެއްބަސްވުމެއްގެ ދަށުން އުތުރު ތިލަފަޅުގައި ފުރަތަމަ ހިއްކީ އެއް ހެކްޓަރުގެ ބިމެވެ. އަދި ފަސް ފިޔަވައްސަކަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުނު އިރު އެތަނުގައި ވަނީ، 1.8 ހެކްޓަރުގެ ބިން ހިއްކައި ފުޅާމިނުގައި 121 މީޓަރު، ދިގުމިނުގައި 125 މީޓަރު ހުރި ހަމީޓަރުގެ ފުން ބަނދަރެއް (ކަލާސީ ބަނދަރު) ވެސް ހަދާފައެވެ. އަދި 34 މީޓަރު ފުޅާ ނެރެއް ވެސް އެރަށުގައި ހަދާފައިވެއެވެ.

ރައީސް ޔާމީނުގެ ސަރުކާރު ބަދަލުވެ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަން ފެށުމާއެކު، އަވައްޓެރި އިންޑިއާއާއެކު ރާއްޖޭން ބާއްވާންފެށި އާދަޔާ ޚިލާފު ޚާރިޖީ ސިޔާސަތުގެ ސަބަބުން، މުޅި އުތުރު ތިލަފަޅު މަޝްރޫޢު ބަދަލުވެގެން ދިޔައެވެ. އަދި ފަހުން އިންޑިއާ ސަރުކާރާއެކު ހެދި "ޑީލްތަކެއް"ގެ ފަހަތުގައި، ންޑިއާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ކަމަށްބުނެ އެ މަޝްރޫޢޫ އިންޑިއާގެ ރެއިލް ވިކާސް ނިގާމް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާން ފެށިއެވެ. 

އުތުރު ތިލަފަޅުގައި މިހާރު ތަރައްގީކުރާ 186 މިލިއަން ޑޮލަރުގެ އަސްކަރީ ބަނދަރު މަޝްރޫއަކީ، ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ވަރަށް ބޮޑު ނުރައްކަލެއް އޮތް މަޝްރޫޢެއްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ތަކުރާރުކޮށް، އެ މަޝްރޫޢާގުޅޭ އެއްބަސްވުން ހާމަކުރަން ގޮވައިލަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެއްބަސްވުން ހާމަކުރެވެން ނެތްކަމަށް ބުނެފައެވެ. އަދި އިދިކޮޅު ފަރާތްތަކުން ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެތަނުގައި ބޭރުގެ އެސްވެސް އަސްކަރީ ބާރެއް ނެތްކަމަށް ސްރުކާރުން ބުނެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލާން ކުޑަތަން ވެފައިވާ މި ދަނޑިވަޅުގައި ރައީސް އިބްރާޙީމް ވަނީ، ރާއްޖެތެރޭން މާލެއަށް ހިޖްރަކޮށްގެން އުޅޭތާ ގިނަ ދުވަސްވީކަން ސާބިތު ކޮށްދެވޭ މީހުންނާއި މާލޭ މީހުންނަށް އުތުރު ތިލަފަޅުން ގޯތި ދޫކުރާން، ޤާނޫނުއަސާސީއާ ޚިލާފު އުސޫލެއް އެކުލަވާލައްވައި، އެ މަޝްރޫއޫ އިއުލާނުކުރައްވައިފައެވެ.