ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރުމަށް ދަ ޑިމޮކްރެޓްސްގެ ގިނަ ޢަދަދެއްގެ މެންބަރުން ނިންމައިފިއެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕޭން އޮފީހުގައި މިރޭ، ވަނީ ޑރ. މުޢިއްޒުގެ ރަނިންގމޭޓް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު (ސެމްބެ)އާއި އަދި ޕީޕީއެމް/ޕީއެންއެންސީގެ އިސްބޭފުޅުން ހިމެނޭގޮތަށް ޑިމޮކްރެޓްސްގެ ކެމްޕޭންގައި އިސްކޮށް އުޅުނު ޓީމާއެކު ނުރަސްމީކޮށް ބައްދަލުކުރައްވައި މަޝްވަރާކޮށްފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަކީ 3 ވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެފި ކެންޑިޑޭޓެވެ. އެހެންކަމުން، ދެވަނަ ބުރަށް ނުކުންނައިރު، ޑިމޮކްރެޓުންގެ ވޯޓަކީ ރައީސް އިބްރާހީމަށްވެސް އަދި ޑރ. މުޢިއްޒަށްވެސް ވަރަށް މުޙިއްމު ވޯޓުތަކެކެވެ. ނަމަވެސް ޑިމޮކްރެޓްސްއިން ރަސްމީކޮށް ނިންމާފައިވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރުމަށެވެ.

އަސްލު ނިއުސްއަށް ކަށަވަރުވެފައިވާ ގޮތުގައި މިރޭ ޑިމޮކްރެޓްސްގެ ކެމްޕޭން ޓީމުތަކުންވެސް ވަނީ ނުރަސްމީކޮށް މިކަމާ ގުޅޭ މަޝްވަރާތަކެއް ބާއްވައިފައެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވީ މެންބަރުން 98 ޕަސެންޓް ތާއީދާއެކު ނިންމާފައި ވަނީ "އިބޫނޫންގެތެއް" ހޯދުމަށް ވަރުގަދަ ކެމްޕޭނެއް ޖެއްސުމަށެވެ. 

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕޭމް އޮފީހުގައި ޑިމޮކްރެޓުންގެ ކެމްޕޭން ޓީމުން ބޭއްވި ނުރަސްމީ ބައްދަލުވުމުގެ ތެރޭން-- އަސްލު ފޮޓޯ: މޫސައިބެ

 

އެހެންކަމުން، ޑިމޮކްރެޓްސްގެ ކެމްޕޭނު ޓީމުން މިރޭ، ޕީޕީއެމް/ޕީއެންއެންސީގެ ޓީމާ ބައްދަލުކޮށް ނިންމާފައިވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނޫންގޮތެއް ހޯދުމަށް ކުރާން ޖެހޭ ހުރިހާކަމެއް މެންބަރުން ގުޅިގެން ނުކުމެ ކުރުމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން، "އިބޫނޫންގޮތެއް" ހޯދުމަށް ޑިމޮކްރެޓުން ކުރާ ކެމްޕޭން ފޯރިއާއެކު މިރޭ ފަށާނެއެވެ.