މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސަރުކާރެއް އުފެދިއްޖެ ނަމަ، ރާއްޖޭގެ ތަރައްޤީގެ 20 އަހަރުގެ މާސްޓަރ ޕްލޭނެއް އެކުލަވާލައި އެއަށް ޤާނޫނީ ބާރު ދެއްވާނޭކަމާށް އެ ކޯލިޝަންެގ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭން ހަރަކާތްތަކުގައި މިހާރު އުޅުއްވާ މާލެ ސިޓީގެ މޭޔަރު ވިދާޅުވީ، "ޅުގަނޑުމެންގެ މެނިފެސްޓޯގައި ރާއްޖޭގެ ތަރައްޤީގެ 20 އަހަރުގެ މާސްޓަރ ޕްލޭނެއް އެކުލަވައިލުން އޮންނާނެ،" ކަމަށެވެ.
އަދި "އެކަން ކުރާނީ މުޅި ރާއްޖޭގެ ރައްޔިތުންގެ ޚިޔާލު ފުޅާ ދާއިރާއެއްގައި ހޯދައިގެން،" ކަމަށާއި، "އެ ޕްލޭން އެކަށައަޅައި އެ ޕްލޭނަށް ޤާނޫނީ ބާރުވެރިކަން އަޅުގަނޑުމެން ހޯދައިދޭނަން،" ކަމަށްވެސް ފުރަތަމަބުރުގައި ތަފާތު ބޮޑުކޮށް އެއްވަނަ ހޯއްދެވި ކުރީގެ ހައުސިންގ މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، "އޭގެ ބޭނުމަކީ، ސަރުކާރުތަކަށް އަންނަ ބަދަލުތަކާ އެކުވެސް ޕްލޭންކުރެވި ކަނޑައެޅިފައިވާ އެއް އުޞޫލަކުން މުޅި ރާއްޖޭގެ ތަރައްޤީ ހަލުވި ދުވެލީގައި ކުރިއަށް ދިއުން،" ކަމަށެވެ.
ރާއްޖޭގެ އަދުގެ ސިޔާސީ މާހައުލު ބައްޓަންކުރެވިފައިވާ ގޮތުން، ސަރުކާރުތަކުން ތަރައްގީގެ ނަމުގައި ކުރާ ބޭކާރު ޚަރަދުތައް އިންތިހާއަށް އިތުރުވެ، ދައުލަތަށް މިހާރުވެސް ނުކަތާވަރު ވެފައިވާއިރު، ޤައުމީ ތަރައްގީގެ މާސްޓަރ ޕްލޭނެއް އޮތުމަކީ ހުރިހާގޮތަކުންވެސް ރާއްޖެއަށް ވަރަށް މުޙިއްމު ކަމެއް ކަމަށާއި އަދި މުޅި ޤައުމަށް ވެސް ވަރަށް ބޮޑަށް ފައިދާކުރާނޭކަމެއްކަމަށް މިކަމުގެ މާހިރުން ލަފާދޭތާ ޒަމާންތަކެއް ވެފައިވާކަން ފާހަގަކޮށްލެވެއެވެ.