ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ރީ-ރެޖިސްޓަރ ވާން ހުޅުވާލި ފުރުސަތުގައި ދެ ދުވަހުގެ ތެރޭގައި 25،000އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރުމުން، ސަރުކާރާ އިދިކޮޅު ދަ ޑިމޮކްރެޓްސްއާއި ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އަދި މިނޫނަސް ގިނަ ބަޔަކު ދަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަނަނުން މިއަދު ބުނެފައި ވަނީ، ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ފެށިގެން އާދީއްތަ ދުވަހުގެ 4:00އާ ހަމައަށް ހުޅުވާލި ފުރުސަތުގައި، މިހާތަނަށް ޖުމްލަ 25493 ފަރާތަކުން ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރޭން އޮންލައިންކޮށް ފޯމު ހުށަހެޅި މީހުންގެ އަދަދަކީ 18،349 ކަމަށާއި އަދި "އޮންލައިންކޮށް ފުރަތަމަ ދުވަހު 7267، ދެވަނަ ދުވަހު 11082،" ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. 

މިކަމާ ގުޅިގެން، ދަޑިމޮކްރެޓްސްއަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ، ފުރަތަމަ ބުރުގައި ރެޖިސްޓަރ ވުމަށް ގިނަބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައި ނުވާއިރު، ދެވަނަ ބުރުގައި ކުއްލިއަކަށް މިއަދަދު މިހާ މައްޗަށް ދިއުމުން ސުވާލު އުފެދޭ ކަމަށެވެ. ޚާއްސަކޮށް، ރައީސް އިބްރާޙީމްގެ ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާއި ރިޝްވަތާއި ކޮރަޕްޝަންގެ އަމަލުތައް ހިމެނޭއިރު، އީސީން އެފަރާތާ ހަވާލުވެފައިވާ ޒިންމާތައް ނަގަހައްޓައި، އިންތިޚާބަށް އަސަރެއް ނުކުރާނޭކަން ކަށަވަރުކޮށްދިނުމަށްވެސް އޭނާ ވަނީ ގޮވާލައްވައިފައެވެ. 

މީގެ އިތުރުން ފުރަތަމަ ބުރުގައި ލައްކައަކަށް ވުރެ ގިނަ ޢަދަދެއްގެ ރައްޔިތުން ވޯޓުދީފައިވާ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒު ވެސް ވިދާޅުވީ، 25000 މީހުން 2 ދުވަހުގެ ތެރޭގައި ރީ-ރެޖިސްޓްރކުރާން އެދުމުން އިންތިހާއަށް ސުވާލު އުފެދޭކަމަށެވެ. 

ޑރ. މުޢިއްޒުވަނީ، މިކަންކަން ވަރަށް ގާތުން ބަލައި މޮނިޓަރކުރުމަށް، ސިޔާސީ ޕާޓީތަކާއި، ބައިނަލްއަގްވާމީ މޮނިޓަރުންނާއި އޮބްޒާވަރުންނާއި އަދި ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކަށްވެސް ގޮވާލައްވައިފައެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާފައި ވަނީ، 225،486 މީހުންނެވެ. ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 282،395 މީހުން ތިބި އިރު ވޯޓުގައި ބައިވެރި ނުވާ 56,909 މީހުން ތިބިކަން ފާހަގަކޮށްލެވެއެވެ. 

ފުރަތަމަ ބުރުގައި ރައީސް އިބްރާހީމަށް ލިބިވަޑައިގަތީ، 86،161 ވޯޓެވެ. އަދި ރައްޔިތުންގެ ބޮޑު ތާޢީދަކާއެކު ޑރ. މުޢިއްޒަށް ވަނީ 101،635 ވޯޓު ލިބިވަޑައިގެންފައެވެ.