ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަކީ ވޭތުވެދިޔަ 25 ވަރަކަށް އަހަރުގައި ވެސް ދެގޮތެއް ނުވެ، ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ވަރަށް ނުފޫޒު ގަދަ ބޭފުޅެކެވެ. އެހެނީ، ފާއިތުވެދިޔަ 3 ރިޔާސީ އިންތިޚާބުގެވެސް ހަގީގަތަކީ، އިންތިޚާބު ކާމިޔާބުކުރައްވަނީ، ޤާސިމް ނަންގަވާ ފަޅިން ކަމަށްވާތީއެވެ. އެހެންކަމުން ސިޔާސީ މައިދާނުގައި ޤާސިމް ވެފައިވަނީ، ހުރިހާ ކޮޅަކަށްވެސް ކުޅުއްވާ ބޭފުޅަކަށެވެ. އަދި ޚާއްސަކޮށް އެއިރެއްގައި އޮންނަ ސަރުކާރެއް ބަދަލުކުރުމަށް، ނުވަތަ އާ ސަރުކާރެއް އުފެއްދުމުގައި ޤާސިމްގެ ނުފޫޒާއި ހިއްސާ އޮންނަލެއް ބޮޑުކަމުން ދެވިފައިވާ ލަގަބަކީ "ކިންގމޭކަރ"އެވެ. ނަމަވެސް މިހާރު ހާލަތު ބަދަލުވެއްޖެއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބު ހުރިހާގޮތަކުންވެސް ވަރަށް ތަފާތެވެ. ބައިވަރު ސަބަބުތަކަކާ ހުރެއެވެ. މިއީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި އިންތިޚާބެވެ. އެންމެ ފަސޭހަކަމާއެކު އިންތިޚާބާ ހަމައަށް ދަތުރުކުރެވުނު އިންތިޚާބެވެ. އިންތިޚާބަށް ކުޑަތަން ވެފައި ވަނިކޮށް، އަދުގެ ސަރުކާރާ މެދު ހިތްހަމަ ނުޖެހިގެން، ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ތެރޭން ފެކްޝަނެއް އުފެދި، ސަރުކާރާ ވަކިވެ އާ ޕާޓީއެއް އުފައްދައި އިންތިޚާބުގައި ވާދަކޮށް ތިން ވަނަ ހޯދިއެވެ. އަބަދުވެސް އިންތިޚާބުގެ 3 ވަނަ ހޯއްދަވާ، އަދި ރާއްޖޭގައި އުފެދުނު އެންމެ ދީލަތި ވިޔަފާރިވެރި މަހުޖަަނަށް، އެންމެ ލަދުވެތި ނަތީޖާއެއްވެސް ލިބުނީ މިފަހަރުއެވެ. އެހެންކަމުން ޤާސިމް ކަންކަން ނިންމަވާއިރު، އަދުގެ ހާލަތާއި އަދި މާޒީއާއި މުސްތަގުބަލަށް ވަރަށް ބޮޑަށް ވިސްނަވާފައި ނޫނީ ގޮތެއް ނިންމެވުން ވެގެންދާނީ އެމަނިކުފާނުގެ ހަޔާތުގައި މިހާތަނަށް އަޅުއްވާ އެމްނެ "ޅައެއްޗަށް"ކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ވެސް ގާސިމަށެވެ.

އަމިއްލަފުޅު ސިޔާސީ ޕާޓީގައި މިހާރުވެސް 22،607 މެންބަރުން އެބަ ތިއްބެވެ. މީގެ ކުރީން 20 ހާހުން މަތީން ވޯޓު ހޯއްދަވަމުން ގެންދެވި ޤާސިމަށް، މިފަހަރު ބޮޑު ޚަރަދުތަކެއް ކުރައްވައި، ވަރުގަދަ ކެމްޕޭންތަކަކަށް ފަހުވެސް، ސެޕްޓެމްބަރު 9 ވަނަ ދުވަހު ވާދަކުރެއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ލިބިވަޑައިގަތީ އެންމެ 5،460 ވޯޓެވެ. މިއީ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރަށް ލިބިވަޑައިގެންނެވި 6،343 ޢަދަދަށްވުރެ 883 ވޯޓު މަދު ޢަދަދެެވެ. އެހެންކަމުން މިއީ ޤާސިމްވެސް ޤަބޫލުފުޅުކުރައްވާ ގޮތުން ހަމަ ލަދުވެތި ނަތީޖާއެކެވެ. 

ދެންއޮތީ، ފުރަތަމަ ބުރުގައި ބިޔަ ބޮޑު ކޯލިޝަނަކާއެކު، އަދި ދައުލަތުގެ ހުރިހާ ބާރުތަކެއް މުށުތެރޭގައި ބާއްވަވައިގެން އިންތިޚާބަށް ނުކުންނެވި، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް ޞާލިޙަށް ލިބިވަޑައިގަތީ، 86،161 ވޯޓެވެ. އިދިކޮޅު ޕީޕީޕއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުން ވަނީ ފުރަތަމަ ބުރުގައި 101،635 ވޯޓުގެ ތަފާތު ބޮޑު ނަތީޖާއެއް ދައްކައިފައެވެ. މިއީ މިހާތަނަށް ވެރިކަމުގައި ހުންނެވި ބޭފުޅަކަށް މިފަދަ ދަށް ނަތީޖާއެއް ފުރަތަމަ ބުރުން ލިބިވަޑައިގެންނެވިވެސް ފުރަތަމަ ފަހަރެވެ. އެހެންކަމުން ސާފުވާ އެއް ކަމަކީ، ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތެއް އަދުގެ ސަރުކާރާ މެދު ވަރަށް ބޮޑަށް ހިތް ނުތަނަވަސްވެފައި ތިބި ކަމެވެ. އަދި ޤާސިމް އިބްރާހީމް މިފަހަރުގެ އިންތިޚާބުގައި ވަކިން ވާދަކުރެއްވުން އެއީ ބަދަލަކަށް ބޭނުންވެފައި ތިބި ރައްޔިތުންގެ ކުރިމަތީގައި އެއްގޮތަކަށްވެސް ވިކުނު އެއްޗެއް ނޫންކަމެވެ. އެއީ ރައްޔިތުން ޤާސިމަށް ތާޢީދު ނުކުރާތީކީ ނޫނެވެ. އެއީ ގިނަ ރައްޔިތުން މިފަހަރުގެ އިންތިޚާބާ ކުރިމަތިލީ "އިބޫނޫންގޮތެއް" ހޯދުމަށް ވާތީއެވެ. 

އާންމު އުސޫލުން، ފައިނަލް މެޗަށް ނިކުތުމުގެ ކުރީން، ޓީމު ވަރުގަދަ ކުރާން ލިބޭ ފުރުޞަތުގައި މިފަހަރުވެސް ފައިނަލްގައި ކުޅޭ ދެޓީމުން ވަނީ ޤާސިމަށް ދަޢުވަތު ދީފައެވެ. އެހެނަސް މިފަހަރުގެ ދަޢުވަތު ވަރަށް ތަފާތެވެ. އަދި ޙާލަތުވެސް ވަރަށް ތަފާތެވެ. ފުރަތަމަ ބުރުގެ ކެމްޕޭން ތެރޭގައި ޤާސިމް ވަނީ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ދައުލަތް "ކަޅާކޮށްލައި"، ގައުމުގެ ކަނޑުތައް ވިއްކާލައި، ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލާއި ސިޔާދަތު ބޭރުގެ ދައުލަތަކަށް ވިއްކަވާލެއްވި ކަމުގެ ތުހުމަތު އަދުގެ ސަރުކާރާއި ސަރުކާރުގެ އިސްވެރިންގެ އިސްތަށިފުޅުގައި ވަނީ އަޅުވައިފައެވެ. އަދި އެހާ ފަސޭހައިން މޫނު ދިމާކޮށް ނުލެވޭ ވަރަށް ގާސިމް ވަނީ ރައީސް އިބްރާހީމަށް ވެސް ފާޑުވިދާޅުވެފައެވެ. މިއާއެކު، ދެވަނަބުރަށް ތައްޔާރުވުމުގެ ގޮތުން، ޖަލުގައި އޮންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ފުރިހަމަ ތާޢީދާއެކު ފުރަތަމަ ބުރުން ރައްޔިތުންގެ ބޮޑު ތާޢީދެއް ހޯއްދެވި ޑރ. މުޢިއްޒުގެ ޓީމުން ފޮނުވި ދަޢުވަތުގައި ވަނީ ކޭކުފޮތިކުރާގޮތަށް ސަރުކާރު ބައިއަޅަން މިފަހަރު އެއްވެސް ބަޔަކާއެކު އިއްތިހާދުވާން ބޭނުން ނުވާ ކަމަށެވެ. އެހެނަސް ސިޔާސީ ހުރިހާ ފަރާތްތަކަށްވެސް، އެއްވެސް ޝަރުތަކާ ނުލައި އެކުގައި މަސައްކަތްކުރުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ރައީސް އިބްރާހީމްެވސް ވަނީ، ދެވަނަ ބުރުގައި ޤާސިމްގެ ތާޢީދު ހޯއްދެވުމަށް 3 ދުވަސް ވަންދެން ޤާސިމް އަރިހުގައި އާދޭސް ދެންނެވުމަށް ވިލާޕާކުގައި ހޭދަކުރައްވައިފައެވެ. ޤާސިމް ކެމްޕޭނުގެ ތެރޭގައި ކުރެއްވި ތުހުމަތުތައް ދޮގުކުރެއްވުމުގެ މަސައްކަތާއި، ދެން އުފެދޭ ސަރުކާރަކުން ބައިއަޅާނޭ މިންވަރާއި މިހުރިހާ ކަމެއްވެސް ކުރިއަށް ގެންދިޔަ ކަމަށް ވެއެވެ. 

ނަމަވެސް، މިފަހަރު ޤާސިމް ނިންމެވީ އެއްވެސް ކޮޅަކަށް ނާރާށެވެ. ޚާއްސަކޮށް ފެތެމުންދާ އޮޑިއެއްގެ ރިޔާދަށު ނުވުމަށް ތޯއްޗެކެވެ. އެހެނީ، ސަރުކާރު ނުހޮވިއްޖިއްޔާ ގާސިމަށް ލިބޭނޭ ގެއްލުން މާ ބޮޑުވެދާނޭކަމަށް ޤާސިމަށް ވިސްނިވަޑައިގަތީއެވެ. ފުރަތަމަ ބުރުން ރައްޔިތުން ދިން މެސެޖަކީ، މިވަގުތައް ބަސްއައްސަވައިގެން ހުންނެވުންކަން ޤަބޫލުފުޅުކުރެއްވުނީއެވެ. އަދި ރައީސް އިބްރާހީމް ދެވަނަ ދައުރަކަށް ހޮވިވަޑައިގެންނެވިކަމުގައި ވީ ނަމަވެސް، ވޭތުވެ ދިޔަ 5 އަހަރުގެ ތަޖްރިބާއާއި ކެމްޕޭން ތެރޭގައި ފެނިގެން ދިޔަ ތަފާތު ޑްރާމާތަކަށް ރިޢާޔަތްކޮށް މިފަހަރު އެންމެ ރަނގަޅުވާނީ ހަމަ ކުޅިބަލަން ހުންނެވުން ކަމަށް ޤާސިމަށް ވިސްނިވަޑައިގަތީއެވެ. ރައްޔިތުންނަށް ޤާސިމް ދެއްވި މެސެޖަކީ، ކެމްޕޭން ތެރޭގައި ދެއްކެވި ވާހަކަފުޅުތަކަކީ ސަމާސާ ވާހަކފުޅުތަކެއް ނޫންކަމެވެ. އެހެންކަމުން މިފަހަރު އަމިއްލަ މަސްލަހަތުގެ ކުރިއަށް ރައްޔިތުންނާއި ޤައުމުގެ މަސްލަޙަތު ނެރުއްވީ ކަމެވެ. 

ޤާސިމް މިފަހަރު ތިޔަ ނިންމެވީ ރަނގަޅު ނިންމެވުމެކެވެ. ވެރިކަމަށް ވަޑައިގަތުމަށް ޤާސިމަށް މަސައްކަތްޕުޅުތަކެއް ކުރެވިއްޖެއެވެ. އެހެނަސް ޤަބޫލުުރާންޖެހޭ ޙަޤީޤަތަކީ، ވެރިކަމަކީ މާތްﷲ މިންވަރުކުރައްވާ ފަރާތަކާ ހަވާލުކުރެވޭ އަމާނާތެއް ކަމެކެވެ. ކޮންމެ ކޮންމެ މީހެއްގެ ނަސީބުގައި އެކަން ނުވެދާނެކަމެވެ. ހަމަ ޔަޤީނުންވެސް ރާއްޖޭގެ ސިޔާސީ ޙަޔާތުގައި ޤާސިމް ވަނީ އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. އެކަމާ ދެބަސްވާނޭ މީހަކު ހުންނާނެހެނެއް ހިޔެއް ނުވެއެވެ. އެހެންކަމުން ޤާސިމް ދެން ސިޔާސީ މަސައްކަތާ ކުޑަކޮށް ފެއަށް ޖެހިވަޑައިގަންނަވާންވީ ވަގުތު ޖެހިއްޖެއެވެ. އަދިވެސް އަމިއްލަ ވިޔަފާރީގެ ކަންތަކާއި އަދި ރާއްޖޭގެ ތަޢުލީމާއި، ސިއްހީ، އަދި އިޖްތިމާޢީ ދާއިރާގައި ޤާސިމްގެ ދައުރު އިހުނަށްވުރެވެސް ފުޅާކޮށް ރައްޔިތުންގެ އިތުބާރާއި ލޯބި، އެއްކަލަ "ދީލަތި ޤާސިމް"ގެ ގޮތުގައި އިތުރަށް ހޯއްދަވަންވީއެވެ.