ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލި، އަޅުވެތިވެގެން ދިއުމަށާއި، އެކިއެކު ނުބައި ފިކުރުތަކުން މުޖްތަމައު ފަސާދަކޮށް މިތަން ސަދޫމަށް ހަދަން ފުރުސަތު ނުދެއްވާނޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕޭން ޓީމުން ބުރާސްފަތި ދުވަހުގެ ރޭ އދ. މަހިބަދޫގައި ބޭއްވި ޖަލްސާގައި ޑރ. ޝަހީމް ވިދާޅުވީ، "އިދިކޮޅު ފަރާތްތަކުން މިހާރު ވަނީ ޑރ. މުޢިއްޒަށް ވަރަށް ވަރުގަދަ އެންޓި ކެމްޕޭނެއް ފަށާފައި" ކަމަށެވެ.

އެގޮތުން "އެމީހުން ބުނަނީ ޑރ. މުޙައްމަދު މުޢިއްޒު މިރާއްޖޭގެ ވެރިކަމަށް ވަޑައިގެންފި ނަމަ، މިތަން ވެގެންދާނީ ގަންދަހާރަށޭ،" އިދިކޮޅު ފަރާތްތަކުން ބުނަމުން ދާކަމަށެވެ.

އޭނާ ވިދާޅުވީ، "އަޅުގަނޑު ދަންނަވާނީ، މިތަން ސަދޫމަށް ހަދާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަމޭ ތިބޭފުޅުންނަކަށް. މި ޤައުމެއް ސަދޫމަކަށް ނުހެދޭނެ،" ކަމަށެވެ.

"މިގައުމުގެ ބަހާތައް އަޅުގަނޑުމެން ނުކުމެ ހިމާޔަތްކުރާނަމޭ. އިސްތިޢުމާރީ ބާރުތައް މިގައުމުން އަޅުގަނޑުމެން ނެރެލާނަމޭ. ދިވެހިޒުވާނުން ނުކުމެ މިގައުމުގެ މިނިވަންކަމާ ސިޔާދަތު ޙިމާޔަތްކޮށް ޚާރިޖިއްޔާގެ ހިބަރު ތައްޓުމައްޗަށް ލާނަމޭ އަޅުގަނޑުމެން،" މިގައުމު އަޅުވެތިވެގެން ދާން ދޫނުކުރާނޭކަން ފާހަގަކުރައްވަމުން ޑރ. ޝަހީމް ވަރަށް ޖޯޝާއެކު ސަރުކާރު ކޯލިޝަނަށް ރައްދުދެމުން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް އިބްރާހީމް ދެވަނަ ދައުރަކަށް ހޮވާން މަސައްކަތްކުރާމީހުން ތުހުމަތު ކުރާ ގޮތުން، ޑރ. މުޢިއްޒު ރާއްޖޭގެ ރައީސް ކަމަށް ވަޑައިގެންފިނަމަ " މިތާނގަ މީހުން ޖިހާދަށް ފޮނުވައި، މިތާނގައި ގަތުލުއާންމު ހިންގައި، ތަންތަނަށް ހަނގުރާމަވެރީން ފޮނުވައި،" މިބާވަތުގެ ކަންކަން ކުރާނޭކަމަށް ބުނަމުން ދާ ކަމަށެވެ. ނަމަވެސް، "ބޭރުގެ ގައުމުތަކުގައި ހިނގަމުން ދިޔަ ހަނގުރާމަތަކަށް ދިވެހި ޒުވާނުން ނުފޮނުވުމަށް، އިސްލާމީ ގަރާރެއް ނެރުނު އިސްލާމީ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ" ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"2014 ވަނަ އަހަރު ރައީސް ޔާމީނުގެ ވެރިކަމުގައި އޭރުގަ މިނިސްޓަރު ކަމުގައި ހުރީ އަޅުގަނޑު އިސްލާމިކް މިނިސްޓްރިގައި. އޭގެ ސަބަބުން ހަނގުރާމަށް ކުދީން ދިއުން ހުއްޓުނު،" އޭނާ ވިދާޅުވިއެވެ.

ޑރ. ޝަހީމް ފާހަގަކުރެއްވި ގޮތުގައި އޭނާގެ ވަޒީރުކަމުގައި ޖަލުގައި ތިބި ތަފާތު ހަރުކަށިފިކުރުގެ މީހުންނަށް ޖަލަށް ގޮސް ކިޔަވައިދީ، ޢިލްމުވެރިކޮށް އަނބުރާ މުޖްތަމަޢަށް ނެރުމަށް ގިނަގުނަ މަސައްކަތްތަކެއް އޭރު ކުރެވުނު ކަމަށެވެ. އޭގެ ނަތީޖާއަކީ، އެމީހުން އިސްލާހުވެގެން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިމާމުންގެ ގޮތުގައި އެފަދަ މީހުން އެބަ ތިބި ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް އިބްރާހީމްގެ ސަރުކާރަށް ހަރުކަށި ފިކުރު ކޮންޓްރޯލެއް ނުކުރެވުނު ކަމަށެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މާލޭ މަޖީދީ މަގުގައި ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅެނީވެސް ހަރުކަށި ފިކުރުގެ މީހުންކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދިވެހި ޒުވާނުން ހަރުކަށި ފިކުރުން ސަލާމަތްކުރާން މިސަރުކާރަށް އެއްވެސް ކަމެއް ނުކުރެވުނު ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އެގޮތުން "އެމީހުން އަމިއްލައަށް ބުނަނީ ހަރުކަށި ފިކުރުގެ އައްޑާތަކަށް ޖަލުތައް ވަނީ ވެފައޭ،" ދިވެހި ޒުވާނުން މިކަމުން ސަލާމަތްކުރާ މިސަރުކާރަށް އެއްވެސް ކަމެއް ނުކުރެވުނު ކަމަށާއި ސެލްފީ ނަގައި ދަތުރުކޮށްލަކޮށްލާ ތިބެނީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ގައުމު މިއޮއްގެ ހަލާކުވަނީ،" ކަން ފާހަގަކުރައްވައި ޑރ. ޝަހީމް ވިދާޅުވީ، "މިއީ ސަމާސާ ވާހަކައެއް ނޫން" ކަމަށެވެ. އަދި  30 ސެޕްޓެމްބަރ ގައި މިކަން ނުކުރެވިއްޖިއްޔާ ދެން އަޅުގަނޑުމެންނަށް ދުވަހަކުވެސް މިކަމެއް ނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

 މީގެ އިތުރުން، މިފަހަރުގެ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އައިގޮތުން، ރާއްޖޭން ބޭރުގެ ސަފީރަކުން އުޅުއްވި ގޮތުން ވެސް މިގައުމު މިއޮތީ އިސްތިއުމާރީ ހާލަތެއްގައި ކަން އެނގޭ ކަމަށް ރައީސް ޔާމީންގެ 2018 ވަނަ އަހަރުގެ ރަނިންގމޭޓް ވިދާޅުވިއެވެ، ޑރ. ޝަހީމް ވިދާޅުވިއެވެ.