ދިވެހިރާއްޖޭގައި ޤާނޫނީ ވެރިކަން ނަގަހައްޓައި އިސްލާމީ މަތިވެރި އުސޫލުތަކަށް ރިޢާޔަތްކުރައްވާނޭ ކަމުގެ ޔަޤީންކަން ދެއްވާފައިވާތީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، ރަނިންގމޭޓް ޙުސައިން މުޙައްމަދު ( ސެމްބެ)އަށް ތާޢީދުކުރުމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުޙްތާޒު މުޙުސިން ނިންމަވައި އެކަން ޢިއުލާނުކުރައްވައިފިއެވެ. 

މުހުތާޒު މީގެ ކުރީންވެސް  ވަނީ، "އުފާވެރިއަމާންރާއްޖެ" ނުވަތަ "ދިވެހީންގެރާއްޖެ"، މިއިން "އެއްރާއްޖެއެއްގެ ފަސްގަނޑަށް އަޅުގަނޑުވެސް އަރާނަން،" ކަމަށް ވިދާޅުވެފައެވެ. އަދި އިންތިޚާބުގެ ފުރަތަމަ ބުރުން، ޑރ. މުޢިއްޒު ކާމިޔާބު ހޯއްދެވުމާ ގުޅިގެން، "މިއަދުގެ ހަގީގަތަކީ ގައުމީލޯބި މިފަސްގަނޑުން ފޮހެވިގެން ނުދާނެކަން،" މިހެން ވިދާޅުވެ އެކްސްއެއްވެސް ކުރައްވާފައި ވެއެވެ. 

ޑރ. މުޢިއްޒާއި ސެމްބެއަށް ތާޢީދުކުރައްވާން ނިމްމަވައި މުޙްތާޒު ވިދާޅުވީ، "ގާނޫނީ ވެރިކަން ނަގަހައްޓައި، ޒުވާނުންނަށާއި ދިވެހި ރައްޔިތުންނަށް ފަހި ހަރުދަނާ ޚާރިޖީ، އިޤްތިޞާދީ އަދި ޢިންތިމާޢީ ސިޔާސަތެއް ގެންގުއްވާނޭ ކަމަށާއި، ސިޔާސަތުތައް ތަންފީޒުކުރުމުގައި މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކަށް ރިޢާޔަތްކުރައްވާނޭކަމުގެ ޔަޤީންކަން ޑރ. މުޢިއްޒު ދެއްވި،" ކަމަށެވެ.

ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރ 30 ވާ ހޮނިހިރު ދުވަހުއެވެ. ދެވަނަ ބުރުގައި ވާދަކުރައްވާނީ، ޑރ. މުޢިއްޒާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.