އިބްރާހިމް މުހައްމަދު ސޯލިހަކީ މިހާރު މި ދިވެހި ޤައުމަށް ޗޮއިސް އެއް ނޫނެވެ. އާ ރައީސަކު އައިސްގެން މެނުވީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންނަށް ހަމަޖެހުމުގެ މިނިވަން ނޭވާއެއް ލެވޭކަށް ނެތެވެ. އިންޝާ ﷲ، 11 ނޮވެމްބަރުގައި ހުވާ ކުރައްވާނީ އައު ރައީސެކެވެ. އިންތީޙާބުގެ ފުރަތަމަ ބުރު ގޮސްފައި އޮތްގޮތުން މިދެންނެވި އައު ރައިސަކަށް ވެވަޑައިގަންނަވާނީ އިންޝާ ﷲ، ޑރ.މުއިއްޒެވެ.

ރާއްޖޭގެ ވެރިކަމަށް ވަޑައިގަންވާ އައު ވެރިއެއްގެ ކޮނޑުފުޅުގައި އެޅިފައިވާނެ އެންމެ ބޮޑު އެއް ޒިއްމާއަކަށް ވާނީ ދިވެހި ދައުލަތުގެ މައްޗަށް ނުހައްޤުން ނުފޫޒާއި ބާރު ގަދަކޮށްގެން މި ޤައުމުގައި ޤާއިމްވެ ތިބި އިންޑިއާ ސިފައިން މިޤައުމުން ބޭލުމެވެ. ސިޔާސީ މީހުން ކިޔާ ގޮތުން ނަމަ "އިންޑިއާ އައުޓް" ކުރުމެވެ. މިއީ އަނގައިން ކިތަންމެ ފަސޭހައިން ކީކަމުގައިވިއަސް އަމަލުން ކުރަން ބޮޑު މަސައްކަތެކެވެ. އެކަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ފަހު އެންމެ ބޮޑު ދައުރެއް އަދާ ކުރައްވަން ޖެހިވަޑައިގަންނަވާނެ ބޭފުޅަކީ ރާއްޖޭގެ ޙާރިޖީ ވަޒީރެވެ. އެހެން ކަމުން ޑރ. މުއިއްޒުގެ ސަރުކާރެއްގައި ޙާރިޖީ ވަޒީރަކަށް ވާންޖެހޭނީ ބައިނަލްއަޤްވާމީ ދާއިރާގައި ފުންނާބު އުސް، އެދާއިރާގައި ތަޖުރިބާކާރު، ހިކުމަތްތެރި، ޑިޕްލޮމެސީގައި ކުޅަދާނަ ބޭފުޅެކެވެ. ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހަށް ބަލާއިރު  މިދެންނެވި މިންގަނޑަށް ފެތޭ އެންމެ ފާހަގަ ކުރެވޭ އެއް ބޭފުޅަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދެވެ. ޑރ. ވަހީދަކީ އދ.ގެ ވަރަށް އިސް މަޤާމްތަކެއް އަދާ ކުރައްވާފައިވާ، އަދި ރާއްޖޭގެ ރައީސްކަން ވެސް ކުރައްވާފައިވާ، އަދި ސިޔާސީ ގޮތުން ރާއްޖެ ދުށް އެންމެ ނާޒުކް އެއް ދަނޑިވަޅުގައި ބިޔަ، ބޮޑު އިންޑިއާއަށް ގޮންޖައްސަވައި މަޝްހޫރު ޖީއެމްއާރ މިޤައުމުގެ އެއާރޕޯރޓުން ބޭރު ކުރެއްވި ވެރި މީހާއެވެ. މީގެ އިތުރުން ޑރ. ވަހީދަކީ ސައުދީ އެރެބިއާގެ ރަތް ކަނޑު ސަރަހައްދު ތަރައްޤީ ކުރުމަށް އެޤައުމުން ހިންގާ ބިޔަ ޕްރޮޖެކްޓް ރެޑް ސީ ޑިވެލޮޕްމެންޓް ކޮމްޕެނީގެ އެޑްވައިޒަރީ ބޯޑް މެމްބަރެއްވެސް މެއެވެ. އެމަޤާމްގެ ގޮތުން ސައުދި އެރެބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާއި ވަރަށް ގާތް ބޭފުޅެއްވެސްމެއެވެ.

2023 ގެ ރިއާސީ އިންތިހާބުގައި ވަރަށް ހައިރާން ކުރުވަނިވި ގޮތަކަށް ހަތަރުވަނަ ހޯއްދެވި އުމަރު ނަސީރު ވިދާޅުވެފައިވާ ފަދައިން ދިވެހި ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތަކީ އިންޑިއާ އާއި ޗައިނާއާއި ވެސް އެއްވަރަކަށް ގުޅުން ބޭއްވުމަށް ފަހު، މެދުއިރުމައްޗަށް ދިވެހީންގެ ނަގިލި ލުމެވެ. އެހެން ކަމުން ދިވެހި ރާއްޖޭގެ ސިޔާސީ އަދި އިގްތިސޯދީ ނަގިލި ގެންގޮސް މެދު އިރުމައްޗަށް، ވަކިން ޙާއްސަކޮށް އެނަގިލި ގެންގޮސް ސައުދި އަރަބިއާއަށް ލުމުގައި ޑރ. ވަހީދަށް ވަރަށް މުހިއްމު ދައުރެއް އަދާ ކުރެއްވޭނެއެވެ. މިދެންނެވި ސަބަބުތަކަށް ބަލާ އިރު ޑރ. މުއިއްޒުގެ ރިއާސީ ދައުރުގެ ޙާރިޖީ ވަޒީރުކަން އަރުވަން އެންމެ އައުލާކަން ބޮޑު ބޭފުޅެއް ކަމަށް ފެންނަނީ ޑރ. ވަހީދެވެ.

ޑރ.ވަހީދާއި ޕީޕީއެމްއާއި ދެމެދު ޚިޔާލް ތަފާތު ވެގެން އެޕާރޓީން އިސްތިއުފާ ދެއްވައި ޖުމްހޫރީ ޕާރޓީއާއި ގުޅިވަޑައިގަތަސް، ޑރ. މުއިއްޒުގެ ވެރިކަން ވާންޖެހެނީ ޤައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރަކަށެވެ. އެގޮތުން ކުރިން ޚިޔާލްތަފާތު ބޭފުޅުންވެސް، އުސޫލްތައް ދިމާވާ ކަމުގައި ވާނަމަ، އަލުން އޮންބޯޑް ކުރެއްވުމަކީ ޤައުމަށާއި، ސަރުކާރަށް ވެސް އެންމެ ފައިދާ ހުރި ގޮތްކަމުގައި ވާނެއެވެ.

އަޑުއިވޭ ގޮތުގައި ޑރ. ޝަހީމް ވެސް ބޭނުންފުޅު ވަނީ ޚާރިޖީ ވަޒީރު ކަމެވެ. ނަމަވެސް މަތީގައިވާ ސަބަބުތަކަށް ބަލާއިރު، ވަކިން ޚާއްސަކޮށް އިންޑިއާ އައުޓް ކުރުމުގައި ޑރ. ވަހީދު ފަދަ ތަޖުރިބާކާރު ސްޓޭޓްސްމަނެއްގެ ދައުރު ވަރަށް ބޮޑުވާނެއެވެ. ޑރ. ޝަހީމަކީ ކެބިނެޓުގެ އެހެން ވުޒާރާއެއްގައި ހުންނެވިއަސް އަރަބި ދުނިޔެއާއި ރާއްޖެއާއި ގުޅުން ބަދަހި ކުރުމުގައި ޑރ. ވަހީދާއި އެކު ކެބިނެޓުގައި މުހިއްމު މަސައްކަތެއް ކުރެއްވޭނެ ބޭފުޅެކެެވެ.

އިންޑިއާގެ ނުފޫޒުން ދިވެހި ރާއްޖެ ސަލާމަތް ކުރުމުގައި ޙާރިޖީ ވަޒީރާއެކު ކެބިނެޓުގައި އެންމެ މުހިއްމު ދައުރެއް ދެން އަދާ ކުރައްވާނެ ދެބޭފުޅުންނަކީ ދިފާއި ވަޒީރު ނުވަތަ ޑިފެންސް މިނިސްޓަރާއި، ބަންޑާރަ ނައިބު ނުވަތަ އެޓާނީ ޖެނެރަލެވެ. ކުރިން ވެސް ޑިފެންސް މިނިސްޓަރ ކަން ކުރައްވައި، ސިފައިންގެ މަތީ މަޤާމްތަކެއް އަދާ ކުރައްވާފައިވާ، ކާނަލް ނާޒިމަކީ ޑރ. މުއިއްޒުގެ ކޯލިޝަން ތެރެއިން ޑިފެންސް މިނިސްޓަރަކަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށް ޤަބޫލް ކުރެވެއެވެ.

ރައީސް ޑރ. ވަހީދު އަދި ރައީސް ޔާމީން-- ފޮޓޯ: ޕީޕީއެމް

 

ހަމަ އެފަދައިން، އިންޑިއާގެ ނުފޫޒުން ދިވެހި ޤައުމު ސަލާމަތް ކުރުމާއި، ޗާގޯސްގެ މައްސަލަ ހައްލު ކުރުމާއި، އަދި ދިވެހި ކަނޑުން އިބޫ ސޯލިހު ދޫކޮށްލި ބައި ހޯދުމުގައި އެޓާނީ ޖެނެރަލެއްގެ ދައުރު ވަރަށް ބޮޑުވާނެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވެސް އަދި ބައިނަލްއަޤްވާމީ ޤާނޫނުގެ މައިދާނުގައި ވެސް އެންމެ ތަޖުރިބާކާރު އެއް ބޭފުޅަކީ މިވަގުތު ޑރ. މުއިއްޒު އެންޑޯސް ކުރައްވައިގެން ހުންނެވި، ކުރީގެ ބަޑާރަނައިބު، ޑރ. މުނައްވަރެވެ. ޑރ. މުއިއްޒުގެ ސަރުކާރެއްގައި، މިދެންނެވި މަސައްކަތްތައް ކުރެއްވުމަށް، އެޓާނީ ޖެނެރަލަކަށް، އެންމެ އެކަށޭނަ ބޭފުޅެއް ކަމަށް ފެންނަނީ ޑރ. މުނައްވަރެވެ.

ރައީސް ޑރ. މުއިއްޒު އާއި އެކު، ޙާރިޖީ ވަޒީރު ޑރ. ވަހީދާއި، ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް، އަދި ބަންޑާރަ ނައިބު ޑރ. މުނައްވަރު، މި ހަތަރު ބޭފުޅުން އެކުގައި ސިޓް ކުރެއްވީމައި، އިންޓަރނޭޝަނަލް ޑިޕްލޮމެސީގައި އިންޑިއާއަށް ޖެހޭނީ ގޮތް ދޫކޮށް ރައްޖޭން ފައިބާށެވެ. އެހެން ކަމުން ޙާރިޖީ ވަޒީރުކަމަށާއި، ޑިފެންސް މިނިސްޓަރ ކަމަށާއި، ބަންޑާރަ ނައިބު ކަމަށް މިދެންނެވި ފަދަ ސީނިއަރ ތިން ބޭފުޅުން އައްޔަން ކުރެއްވުމަކީ ޑރ. މުއިއްޒުގެ މަސައްކަތް އަވަސް ވެފައި ކާމިޔާބު ހޯއްދެމުވުމަށް ލިބިގެންދާނެ ވަަރަށް ބޮޑު ފަސޭހައަކަށް ވާނެކަން ކަށަވަރެވެ.

ރައީސުލް ޖުމްހޫރިޔާގެ ފަހަތުން، ޚާރިޖީ ވަޒީރާއި، ޑިފެންސް މިނިސްޓަރާއި، ބަންޑާރަ ނައިބަށް ފަހު ކެބިނެޓުގެ ނުވަތަ ސަރުކާރުގެ އެންމެ ޒިއްމާ ބޮޑު، މުހިއްމު ވަޒީރަކީ ދާޚިލީ ވަޒީރު ނުވަތަ ހޯމް މިނިސްޓަރެވެ. ހޯމް މިނިސްޓްރީގެ ދާއިރާ އަށް ބަލާއިރު ރާއްޖޭގައި މިވަގުތު ހައްލުކުރަން އޮތް އެންމެ ބޮޑު ދެކަމަކީ މަސްތުވާ ޑްރަގްގެ ވިޔަފާރި އާއި އޭގެ ބޭނުން ކުރުން ދިވެހި ރާއްޖޭގައި މުޅިން ހުއްޓުވުމާއި، ގޭންގް ތައް ކޮންޓްރޯލް ކޮށް ގޭންގް ތަކަށް ނިސްބަތްވާ ޒުވާނުން ވެސް، ޑްރަގް ބޭނުންކުރާ މީހުން ފަދައިން، ރީހެބިލިޓޭޓް ކުރުމެވެ. އަދި ކުށް މަދު ކުރުމާއި، މީހުން މެރުން ހުއްޓުވުމާއި، ފަސާދަ ނައްތާލުމެވެ. މިދެންނެވި ކަންކަން ތަންފީޒު ކުރުމަށް ބޭނުުންވަނީ ވަރަށް ސްޓްރޯންގ، ވަރުގަދަ ޝަހުސިއްޔަތެކެވެ. ގަޓް ހުރި ހޯމް މިނިސްޓަރެކެވެ. އެގޮތުން ފުރިހަމަ އޮތޯރިޓީ އާއި އިހްތިޔާރާއި އެކު އައު ހޯމް މިނިސްޓަރަކަށް އުމަރު ނަސީރު އައްޔަން ކުރެއްވުމަކީ ޑރ. މުއިއްޒުގެ ސަރުކާރެއްގައި އެޅުއްވޭނެ އެންމެ ވަރުގަދަ އެއް ބިންގައު ކަމުގައި ވެގެން ދާނެއެވެ.

ކޮންމެ ސަރުކާރަކީ ކޯލިޝަން މެމްބަރުން ރުއްސާށާއި، އަމިއްލަ ޕާރޓީގެ އިސް މީހުން ރުއްސަން މަޤާމްތައް ބަހާ ސަރުކާރަކަށް ވެގެން ޤައުމެއް ނުހިންގޭނެއެވެ. އުދަގޫ ޑިސިޝަންތައް ނަަގަން ޖެހެއެވެ. އިސްކުރަން ޖެހެނީ ރައްޔިތުންނާއި ޤައުމާއި، ޤައުމަސް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލު ކުރުމެވެ. އެގޮތުން ހުރިހާ ބޭފުޅުންނަށް ވެސް ސަބަބުތައް ވިސްނައިދެއްވައިގެން، ކަމަށް އެންމެ އެކަށޭނަ ބޭފުޅުން ކެބިނެޓަށާއި ކުންފުނި ތަކަށާއިއި އޮފީސްތަކަށް ލެއްވުން ވަރަށް މުހިއްމެވެ. އެންމެ ފުރަތަމަ ޤައުމެވެ. އިންޑިއާ ފަސްޓެއް ނޫނެވެ. އެންމެ ފުރަތަމަ ދިވެހީންގެ ދީނެވެ. ދިވެހީންގެ ޤައުމެވެ. ދިވެހި ރައްޔިތުންނެވެ.