ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ ގުޅުމަށްފަހު، އެގޮތަށް ނިންމެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކަމަށް އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ޕްރޮގްރެސް ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުވަނީ  101،635 ވޯޓު ހޯއްދަވައިފައެވެ. ދެވަނަ ލިބިވަޑައިގެންނެވި ރައީސް އިބްރާހީމަށް ލިބިވަޑައިގަތީ 86،161ވޯޓެވެ. އަދި ފުރަތަމަ ބުރުން ހަތް ވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެމްއެންޕީއަށް ލިބިފައި ވަނީ 1907ވޯޓެވެ.

ކާނަލް ނާޒިމް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީއަށް އިތުބާރުކުރައްވައި، އެ ކޯލިޝަނާއެކު ކުރިއަށްދާން ނިންމެވީ އޭނާގެ މެނިފެސްޓޯއާ ޑރ. މުޢިއްޒުގެ މެނިފެސްޓޯގައި ހުރީ ދާދި އެއް ކަންތައްތަކެއް ކަމަށާއި އަދި ދެ ފަރާތުންވެސް އިސްކުރާން ބޭނުންވަނީ ގައުމީ މަސްލަހަތު ކަމަށެވެ. އެހެން ކަމުން ޑރ. މުޢިއްޒާއެކު މަސައްކަތްކުރައްވާން ނިންމެވީ އިތުރު އެއްވެސް ޝަރުތަކާ ނުލައި ކަމަށް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިއަދު ދިވެހީންގެ ހާލަތު ހުރީ އަމިއްލައަށް ކަންކަމާ ބަސްބުނުމުގެ ފުރުސަތު ގެއްލި އަޅުވެރިކަމެއްގެ ތެރޭގައި ކަމަށާއި އަދި އޮގްތިޞާދީ ގޮތުންނާއި ސިއްހީގޮތުންވެސް އެހެން ބަޔަކަށް ބަރޯސާ ނުވެ އަމިއްލައަށް ކަންކަން ނުކުރެވޭވަރުގެ ދަތި ހާލަތެއްގައި ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ ސެޕްޓެމްބަރ 30 ވާ ހޮނިހިރު ދުވަހުއެވެ. ރީ-ރެޖިސްޓްރޭޝަނަށް އޮންނާނީ އަންނަ ހޮނިހިރު އަދި އާދީއްތަ ދުވަހުއެވެ.