ސެޕްޓެމްބަރ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ޤައުމު ދެކެ ލޯބިވާ އިދިކޮޅު ސިޔާސީ ހުރިހާފަރާތްތަކެއްވެސް ޕީޕީއެމް/ޕީއެންސީއާ ގުޅުމަށް، ދެވަނަ ބުރުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާ ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

މިފަހަރުގެ އިންތިޚާބުގައި ރައްޔިތުންގެ ގިނަ ބަޔަކު އުންމީދުކުރި ގޮތަށް، ސަރުކާރުގެ ބިޔަ ބޮޑު ކޯލިޝަންގެ ކެންޑިޑޭޓް ރައީސް އިބްރާހީމާ ވާދަކޮށް ފުރަތަމަ ބުރުން ޑރ. މުޢިއްޒަށް ވަނީ ވަރަށް ފުރިހަމަ ކާމިޔާބީއެއް ލިބިވަޑައިގެންފައެވެ. އެއްބުރުން އިންތިޚާބު ކާމިޔާބުކުރައްވާނޭކަމުގެ 100 އިންސައްތަ ޔަގީންކަމާއެކު ނުކުންނެވި ނަމަވެސް، ހިސާބު ޖެއްސެވިގޮތާ ޚިލާފަށް ރައީސް އިބްރާހީމަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ 39 އިންސައްތައެވެ. އެއީ 86،161 ވޯޓެވެ. އެއާ ޚިލާފަށް ސަރުކާރުން މިފަހަރުގެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުވާލި ރައީސް އަބްދުﷲ ޔާމީންގެ ބަދަލުގައި ނުކުންނެވި ޑރ. މުޢިއްޒަށް ރައްޔިތުން ވަނީ، 46 އިންސައްތަ ވޯޓު ދީފައެވެ. އެއީ 101،635 ވޯޓެވެ. މިއީ ސަރުކާރުން ހުވަފެނުންވެސް އަންދާޒާކޮށްފައިވާ ވަރުގެ ނަތީޖާއެއް ނޫނެވެ.

ފުރަތަމަ ބުރުގެ ކާމިޔާބީ ފާހަގަކުރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އާޓިފިޝަލް ބީޗުގައި ބޭއްވި "ޝުކުރިއްޔާ ރައްޔިތުން" ޖަލްސާގައި ޑރ. މުޢިއްޒު ވިދާޅުވީ، ޤައުމީ ވިސްނުން އިސްކޮށް، ޤައުމީ ބަހާތަކަށް އިހުތިރާމުކޮށް، ޤައުމީ ތަރައްޤީގެ އަސާސްތަކާމެދު އެއްބަސްވެވަޑައިގަންނަވާ ހުރިހާ ލީޑަރުންނަށް އެކުގައި މަސައްކަތްކުރާން ދަޢުވަތު އަރުވާ ކަމަށެވެ.

" އަޅުގަނޑު މި ދިއްކުރަނީ ރަހުމަތްތެރިކަމުގެ އަތް. އަޅުގަނޑު މިދިއްކުރި އަތުގައި އަޅުގަނޑު އެދެން ޤައުމު ދެކެ ލޯބިވާ ހުރިހާ ސިޔާސީ ވެރިން ހިއްޕެވުމަށް،" ޑރ. މުޢިއްޒު ވިދޅުވިއެވެ.