ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި ވެސް ކެންޑިޑޭޓުންގެ ނަންބަރު ތަކަކީ ފުރަތަމަ ބުރުގައިވެސް ބޭނުންކުރި ނަންބަރުތައް ކަމަށާއި އަދި ދެވަނަ ބުރުގައި ވޯޓްލާން ބޭނުންވާ ފަރާތްތަކަށް ރީ-ރެޖިސްޓްރޭޝަންގެ ފުރުސަތު ސެޕްޓެމްބަރ 16 އަދި 17ގައި ދިނުމަށް މަސައްކަތް ކުރަމުން ދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އަދި ތަރުޖަމާނު އިސްމާޢީލް ޙަބީބު ވިދާޅުވީ، " ރިޔާސީ އިންތިހާބު 2023ގެ ދެވަނަބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރަކީ، ހަމަ ކުރީގެވެސް ނަންބަރު.،" ކަމަށެވެ.

ދެވަނަ ބުރުގައި ވާދަކުރައްވާނީ، ފުރަތަމަ ބުރުން 46 އިންސައްތަ ވޯޓާއެކު އެއް ވަނަ ހޯއްދެވި ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު (ކެންޑިޑޭޓް ނަންބަރު 4) އާއި 39 އިންސައްތަ ވޯޓާއެކު ދެވަނަ ހޯއްދެވި ސަރުކާރު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހު (ކެންޑިޑޭޓް ނަންބަރު 3)އެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރ 30ވާ ހޮނިހިރު ދުވަހުއެވެ.