ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރަށް ވުރެ ބޮޑަށް ހަރުކަށި ފިކުރުތަކަށް ޖާގަދޭނޭ ސަރުކާރެއް އުފެދިދާނެކަމުގެ ބިރުވެރިކަން އޮތްކަމަށް ދެކެން ދަތިފުޅުކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކޮށް، ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް އަށް ލިބުނީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ތިންވަނައެވެ. އެހެންކަމުން ދެވަނަ ބުރެއްގައި އެމަނިކުފާނު، ސިޔާސީ ގޮތުން އެމަނިކުފާނާ އެންމެ ޚިޔާލު ތަފާތު ފިކުރުކަމަށްވާ، ޕްރޮގްރެސް ކޮންގްރެސް ކޯލިޝަނާ ގުޅިދާނެތީ ގިނަ ބަޔަކު ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒަކީ ހަރުކަށި ފިކުރުގެ ބޭފުޅެއްގެ ގޮތަށް، ލޭބަލްކޮށް، ސަރުކާރު އިއްތިހާދާއި، އެމްޑީޕީން ދަނީ ކެނޑިނޭޅި އަޑުފަތުރަމުންނެވެ. އަދި ރައީސް ނަޝީދު ޑރ. މުޢިއްޒާ ގުޅިއްޖެ ނަމަ، ރާއްޖޭގައި ހަރުކަށި ފިކުރު އިތުރަށް ފުޅާވެ، ރައީސް ނަޝީދަށް އޭގެ އިންތިހާ ގެއްލުން ލިބޭނެކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ. 

ރައީސް އިބްރާހީމްގެ ސަރުކާރަށް ނިސްބަތްކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، "ހަރުކަށި ފިކުރަށް ޖާގަދީ، އަދި އެގޮތްތައް މިދިޔަ 5 އަހަރަށް ވުރެ ވަކި ބޮޑަށް ތަންފީޒުކުރާނޭ ސަރުކާރެއް އަތުވެދާނެކަމުގެ ކަމުގެ ބިރުވެރިކަން އޮތްކަމަށް ދެކެން ދަތި،" ކަމަށެވެ.

ރައީސް ނަޝީދު ވަނީ، މީގެ ކުރީންވެސް މި އިންތިޚާބުގައި ދެވަނަ ބުރެއްގައި ބަޔަކާ ގުޅެން ޖެހުނު ކަމުގައި ވިޔަސް ރައީސް އިބްރާހީމްގެ އެމްޑީޕީ ކޯލިޝަނާ ނުގުޅޭނޭކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީ އެއްކޮށް ރޫޅައިލައްވާނޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރީން އުފަންވި ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްއަށް، ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ލިބުނީ 3 ވަނައެވެ. އެއީ 15839 ވޯޓެވެ. ވޯޓުލީ މީހުންގެ 7.18 އިންސައްތައެވެ. އަދި ސަރުކާރާ، މަޖިލީހާ ޖުޑިޝަރީއާ ހުރިހާ ބާރުތަކެއް މުށުތެރޭގައި އޮތް، އެމްޑީޕީ، އަދާލަތު، އެމްޑީއޭ ހިމެނޭ ބިޔަ ކޯލިޝަނަށް ދެވަނަ ލިބުނީ، 86161 ވޯޓުންނެވެ. އެއީ 39.05 އިންސައްތައެވެ. ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޢިއްޒަށް ތާޢީދުކޮށް، 101635 މީހުން ވޯޓުލާފައި ވާއިރު، އެއީ 46.06އިންސައްތަ ވޯޓެވެ.

ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ، އެމަނިކުފާނަށް ދެވުނު ނުރައްކާތެރި ބޮމުގެ ހަމަލާ ތަހުގީގުކޮށް، އެކަން ކުރި ފަރާތްތައް ހޯދުމަށް ރައީސް އިބްރާހީމްގެ ސަރުކާރުން ނުކުޅެދުމާއި، އަދި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާ ފަސާދަ އިންތިހާއަށް އޮތްކަމުގެ ތުހުމަތު ތަކާއެކުއެވެ.