މިހާރު ދިވެހީންގެ ތެރޭގައި އެންމެ ޝައުގުވެރިކަމާ އެކު ދެކެވޭ ވާހަކައަކީ ރިޔާސީ އިންތިޚާބުގެ ނަތީޖާއެވެ. އެއްބުރުން ކާމިޔާބު ނުކުރެވުނު ވާހަކައެވެ. ވޯޓުލާން ގިނަ ބަޔަކު ނުނިކުންނަ ވާހަކައެވެ. ސަރުކާރަށް ގިނަ ރައްޔިތުން ނޫނެކޭ ބުނިވާހަކައެވެ. އިދިކޮޅަށް އެހާ ބޮޑު ތާޢީދެއް ލިބުނީ ކީއްވެތޯ ކުރެވޭ ސުވާލެވެ؟ ހޮނިހިރު ދުވަހު ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހަށާއި އެމަނިކުފާނުގެ ބިޔަ ބޮޑު ކޯލިޝަނަށް ލިބުނު ނާކާމިޔާބީގެ ވާހަކައެވެ. މިފަހަރުގެ އިންތިޚާބުގެ "ކާލާ މަންނަ"ގެ ވާހަކައެވެ.

އަމިއްލަ ގައުމުގައި ދިވެހީން ރެފިއުޖީންނަށް!

މަތީގައިވާ ސުވާލުތަކުގެ ޖަވާބަކީ މިފަހަރު ހުކުމް ކިޔައި "ކާލާ މަންނަ" ޖެހީ، މި ސަރުކާރުން އުފެއްދި "ދިވެހި ރެފިއުޖީން"ނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން އައިސް މާލޭގައި ވަޒަންވެރިވެ އުޅޭ ރަށްވެހީންވެ. އައިޑީ ކާޑުގައި މާލޭގެ "ރަށްވެހިކަމުގެ ސެޓްފިކެޓް" ނަންބަރު "ރ.ސ" ޖަހާފައިވާ މީހުންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެމީހުންގެ ޢާއިލާތަކެވެ.

ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް، ސިޔާސީ ފަރާތްތަކުން ތަފާތު ސިޔާސީ "ކާޑުތައް" ކުޅެއެވެ. އޭގެ ތެރޭގައި ދީނީ ކާޑާއި، ވަޠަނީ ކާޑާއި މިނޫންވެސް ރައްޔިތުންނަށް ވިއްކޭނޭ ތަފާތު ވާހަކަތައް އެކި ގޮތްގޮތަށް އަނބުރައެވެ. ބައެއް ފަހަރު ކޮންމެވެސް ވަރެއްގެ ހަގީގަތެއް ތޮތް ކަމުގައި ވީ ނަމަވެސް، ގިނަ ކަންތައްތަކަކީ މުޅީންވެސް ސިޔާސީ މަންފާއަށް ކުރާ ކަންތައްތަކެވެ. އެހެނަސް ރައްޔިތުންގެ ހަގީގީ ބޭނުންތައް ބަލައިލާނީ މަދުފަހަރަކުއެވެ. ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޙައްގުތަކުގެ ވާހަކަ އަމުދުން ނުދައްކާނެއެވެ. ޤާނޫނާ އެއްގޮތަށް ކަންކަން ކުރާނަމަ، ސިޔާސީ ގިނަ ފަރާތްތައް ތިބޭނީ "ބަރަހަނާ"ވެފައެވެ. މި ސަރުކާރުން މިފަހަރު ކުޅުނު އެންމެ މުޑުދާރު، ސިޔާސީ ކާޑަކީ އިންތިޚާބާ ދިމާކޮށް، މާލޭ ރައްޔިތުންގެ ވޯޓު ކަށަވަރުކުރާން ކުޅުނު "ބިންވެރިޔާ" ކާޑެވެ. މިކަން ސަރުކާރަށް ފަހުމު ވެއްޖެ ނަމަ އަދިވެސް ގައުމަށް ލިބޭން އޮތް ބިޔަ ބޮޑު މާލީ، އަދި އިޖްތިމާޢީ ގެއްލުމަކުން ރާއްޖެ ސަލާމަތްކުރެވިދާނެއެވެ. އެނޫނީ މިއީ ތާއަބަށް ދެމިގެން ދާނޭ، ނުރައްކާތެރި ގެއްލުން ބޮޑު ކަމަކަށް ވާނެއެވެ.

ރައްޔިތުން މިވާހަކަތައް ދައްކާތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ. މީސް މީޑިއާގައި އެތަކެއް މަސްދުވަސްވާންދެން އެންމެ "ޓްރެންޑިންގ" ކަމެއްގެ ގޮތުގައި މި ވާހަކަތައް އޮތެވެ. މި ކަންބޮޑުވުންތައް ދައުލަތުގެ އެންމެ އިސްފަރާތްތަކަށް ގެންދިޔައެވެ. ކޯޓުތަކަށް ވެއްދިއެވެ. ނަަވެސް މި އަޑު އަހާނޭ ބަޔަކު ނުވީއެވެ. މިކަމުގައި އިންސާފު ހޯދައިދޭނޭ ޤާނޫނީ މުއައްސަސާއެއްވެސް ހުރިކަމަކަށް ނުވިއެވެ.

ރާއްޖޭގެ އާބާދީގެ 80 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ ރާއްޖެތެރެއަށް ނިސްބަތްވާ މީހުންނެވެ. ވެރިކަން ކުރާ ފަރާތްތަކުން ޒަމާނުއްސުރެން ގެންގުޅެމުން އައި ސިޔާސަތަކީ މާލެއަށް ރައްޔިތުން ބަރޯސާކުރުވުމުގެ ސިޔާސަތެވެ. އެގޮތުން މިހާރު މިވަނީ، ސިޓީގެ ލަގަބު ދީފައިވާ ރާއްޖެތެރޭގެ ސިޓީތަކުންވެސް މާލެއަށް އަންނާން މަޖުބޫރުވެފައެވެ.

ޤާނޫނުއަސާސީން ރަށްވެހީން ނުވަތަ ވަޒަންވެރީންނަށް ލިއްބައިދޭ ހައްޤުތައް ކަށަވަރުކުރުމަށް މަސައްކަތްކުރާ ސޯޝަލްމީޑިއާ މޫވްމަންޓް، "ރައިޒް އާރްޓީ"ގެ އިސް އެކްޓިވިސްޓް ފާތިމަތު ސަރީރާ އަލީ ޝަރީފު ވެސް ވިދާޅުވެފައި ވަނީ، "މާލެއަށް އަންނަން ނުޖެހޭ ގޮތަކަށް ކަންކަން ތަރުތީބުވާން ނަގާނެ ޒަމާނެއްވެސް ނޭނގޭއިރު ބިންވެރިޔާ ސްކީމުން ރާއްޖެތެރޭ މީހުން ބާކީ ކުރިކުރުމަކީ މި ސަރުކާރުން ބުއި ބޮނޑިއެއް،" ކަަމަށެވެ. 

މާލޭގައި ވަޒަންވެރިވެ އުޅޭ ރ.ސ ޖެހި އައިޑީ ކާޑު ގެންގުޅޭ ރައްޔިތުން ބިންވެރިޔާ ސްކީމުން މަޙުރޫމްކޮށްލުމުން، އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމާ ކުރި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވެފައި ވަނީ، މާލޭން ހިލޭ ބިން ލިބޭނީ މާލޭގެ ރަޖިސްޓްރީގައި އޮތް ފަރާތްތަކަށް ކަމަށެވެ. މާލެއަށް ހިޖްރަކޮށް، ވަޒަންވެރިވެގެން އުޅޭ ފަރާތްތަކަށް ބަންޑާރަ ގޯތި ނުދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އެ އުސޫލު ބަދަލު ނުކުރައްވާނޭ ކަމަށެވެ. މިއީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ޚިލާފު ނިންމުމެކެވެ. 

ޤާނޫނުއަސާސީއަށް އިޙްތިރާމެއް ނުކުރި:

ގާނޫނުއަސާސީގެ 41 ވަނަ މާއްދާ:

(ށ)

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި، އެއްރަށުން އަނެއްރަށަށް ހިޖުރަކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިގެންވޭ.

(ނ)

އެރަށެއްގައި ދިރިއުޅޭ މީހުންނަށް ލިބިދޭ އެންމެހައި ޚިދުމަތްތަކާއި، އިމްތިޔާޒުތައް ހަމަހަމަކަމާއެކު ލިބިގަތުމުގެ ޙައްޤު އެރަށެއްގައި ވަޒަންވެރިވާ ކޮންމެ ރައްޔިތަކަށް ލިބިގެންވޭ.

 

މިއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާކަމަށް ބުނާ ހައްޤުތަކެއްގެ ވާހަކައެވެ. ނަމަވެސް ރައީސް އިބްރާހީމްގެ ސަރުކާރަށް މިކަން ނޭނގުނީ ކަމެއް ނުވަތަ ގަސްދުގައި މިކަން ހަނދާން ނައްތާލީކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ، މީގެ ސަބަބުން ވަރަށް ބޭއިންސާފުން، ނަސްލީ ތަފާތުކުރުން އިންތިހާއަށް ނެރެ، ދިވެހި ރައްޔިތުންތަކެއް ބާކީ ކޮށްލެވިއްޖެ ކަމެވެ. މިސަރުކާރުން ގެންގުޅުނު ބޯހިޔާވަހި ކަމުގެ ގެއްލުން ބޮޑު ސިޔާސަތުގެ ސަބަބުން، އަމިއްލަ ގައުމުގައި ދިވެހީންތަކެއް "ރެފިއުޖީންނަށް" ވެއްޖެ ކަމެވެ. ބިންވެރިޔާ ސްކީމްގެ ނަމުގައި ހިންގި ބޮޑު "ސްކޭމެއް"ގައި، ރައީސް އިބްރާހީމްގެ ސަރުކާރުން ޤާނޫނުއަސާސީގެ ބާރު ކަނޑުވާލައިފިކަމެވެ.

ދިވެހިރާއްޖޭގެ ތަޖްރިބާކާރު ޤާނޫނީ ވަކީލުންނާއި ސިޔާސީ މާހިރުންވެސް، "ހުޅުމާލެއާއި ގިރާވަރު ފަޅު ފަދަ ސަރަޙައްދުތަކުން މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ނަމުގައި ހިންގަމުންދާ ޖަރީމާ އަކީ، ބޭއިންޞާފުން އަދި ނުޙައްޤު ގޮތުގައި ހިންގާ ވަރަށް ބޮޑު ގޯހެއް." ކަމަށް ސިފަކުރައްވައެވެ. އަދި "އެކަމަށް ޓަކައި މާލޭ ރައްޔިތުންނަކީ ކޮބައިކަން ކަނޑައެޅީ އާބިޓްރަރީކޮށް، ޚުދު މާލޭގެ އެތައް ރައްޔިތުންނެއް އަނިޔާވެރި ގޮތުގައި ބާކީ ކޮށްލައިގެން،" ކަމަށް އެފަރާތްތަކުން ބުނެއެވެ.

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 141 ވަނަ މާއްދާ:

ތަފާތު ނުކުރުން

މި މާއްދާގައި ބުނެވައި ވަނީ، ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ، މި ޤާނޫނަށް ޢަމަލުކުރުމުގައި ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގެ އެއްވެސް ރައްވެއްސަކު އެމީހަކު އުފަންވާ ރަށަކަށް ނުވަތަ ރައްވެހިފެވައިވާ އިދާރީ ދާއިރާއަކަށް ނުވަތަ ދިރިއުޅޭ ރަށަކަށް ނުވަތަ ކުލަޔަށް، ނުވަތަ ޖިސްމަށް، ނުވަތަ ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ މިނޫންވެސް ކަމަކަށް ބަލައި އެއްވެސް ގޮތަކުން ތަފާތުކޮށްގެން ނުވާނެއެވެ. އަދި މިކަން ޔަގީންކުރުމަށްޓަކައި އަންނަނިވި ގޮތަށް ޢަމަލުކުރާން ވާނެއެވެ.

(ހ)

އެމީހަކު ރައްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި އެމީހަކު ރަޖިސްޓްރީވެވޭނެ ގެއެއް ނުވަތަ ފްލެޓެއް ހުރި ނަމަ އިތުރު އެއްވެސް ޝަރުތެއް ނެތި އެރަށެއްގެ ރައްވެއްސަކަށް ބަދަލުވުމުގެ ފުރުސަތު އެމީހަކަށް ދިނުން.

(ށ)

ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާނަމަ، ދިވެހިރާއްޖޭގެ އިދާރީ ކޮންމެ ދާއިރާއަކުން ނުވަތަ ރަށަކުން ނުވަތަ އަވަށަކުން ނަމަވެސް ދޫކުރުމަށް ޢިއުލާނުކޮށްފައިވާ ގޯތިތަކުގެ ތެރޭން ގޯއްޗެއް ނުވަތަ ފްލެޓެއް ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ދިވެހިރައްޔިތުންނަށް ދިނުން.

 

ނަމަވެސް، މިކަންކަން ބަލާން ތިބި، ޤާނޫނު ނަގަހައްޓައި، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރާން ތިބި ފަރާތްތަކަށް މިކަންކަން މާކަ ބޮޑު ކަމަކަށް ވީހެނެއް ހިޔެއް ނުވެއެވެ. އެހެނީ، ޤާނޫނީ ވަކީލު އަލްއުސްދާޛް އަހްމަދު މާޖިދުވެސް މީގެ ކުރީން ފާހަގަކުރައްވާފައި ވާފަދައިން، މިކަންކަން ބެލޭނޭގޮތެއް ނެތީއެވެ. އަދި ޝައުގުވެރިވާ ބަޔަކުވެސް ނެތީއެވެ.

" ވޯޓާއި ވެރިކަމުގެ ދަހިވެތިކަމުގައި، ތިބި މަޤާމުތަކުގެ ނާޖާއިޒު ބޭނުން ކޮށްގެން ޤައުމު ފަނާގެ ތެރެޔަށް ވެއްޓޭނޭ ގޮތަށް ކަން ކުރަމުންދާ އިރު، ސުޕްރީމް ކޯޓާއި މަޖިލިހާއި އޭސީސީ ފަދަ ފަރާތްތައް، ހަމަ ބަލަހައްޓައިގެން ތިބެނީ ކީއްވެގެންބާ! ތިޔަ ބެއިފުޅުންގެ ޤައުމީ، ދުސްތޫރީ، ޤާނޫނީ، އަދި ޑިމޮކްރެޓިކް ވާޖިބުތައް ކޮބައިތޯ؟" އުސްތާޛް އަޙްމަދު މާޖިދު އޭނާގެ ކަންބޮޑުވުން ފާޅުކޮށް ވިދާޅުވެފައި ވެއެވެ.

އެނގެންވީ ކަންކަމަކީ...

ވަރަށް ސާފު ދެއްތޯ؟ ރައީސް އިބްރާހީމްގެ ކެބިނެޓަށާއި ކެމްޕޭން ޓީމަށް މިވަރު ނުވިސްނުނު ނަމަވެސް، ސަބަބުވެރި ވިސްނުމަކުން ވިސްނައި، ފިކުރުކުރާ އެންމެ އާދައިގެ ރައްޔިތު މީހާއަށްވެސް މިފަދަކަންކަން މިހާރު އެނގެއެވެ. އެހެންކަމުން، ކޮރަޕްޝަނާ ފަސާދައިގެ "ނަރަކައަކަށް" ވެފައިވާ މާހައުލެއްގައި އެމީހުންގެ އަޑު އިއްވޭނޭ އެންމެ ފުރިހަމަ ގޮތަށް ރައްޔިތުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އަޑު އިއްވީއެވެ. އެއްބަޔަކު ސީދާ ސަރުކާރާ ދެކޮޅަށް ނުކުތީއެވެ. އަނެއް ބަޔަކު ވޯޓުލާން ނުދިޔައީއެވެ. މާލޭގައި ދިރިއުޅޭ، ވަޒަންވެރިވެ އުޅޭ އެތަކެއް ހާސް ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

ބޯހިޔާވަހިކަން ދިނުމުގެ ނަމުގައި ސަރުކާރުން ހިންގި ބިންވެރިޔާ ސްކޭމްގެ ބިޔަ ބޮޑު ޖަރީމާއަކީ، ގާތްގަނޑަކަށް 15 ބިލިއަނާއި 25 ބިލިއަން ދިވެހި ރުފިޔާގެ ގެއްލުންކުރުވަނިވި، ނަސްލީ ތަފާތުކުރުން ބޮޑު ޖަރީމާއެކެވެ. އަދި ޚާއްސަކޮށް، ދައުލަތުގެ ދަރަނި 110 ބިލިއަނުން މަތީގައި ހުރިއިރު، އެއްވެސް ތަޞައްވުރެއް ނެތި، ރިޔާސީ ކެމްޕޭނާ ގުޅޭގޮަތަށް، ވަގުތީ މަންފާއަށް ހިންގި މި ޢަމަލުގެ ސަބަބުން، މުޅިގައުމަށް މީގެ ނޭދެވޭ އަސަރު ކުރާނެއެވެ. މިފަދަ ކަންކަން ދިވެހި ގިނަ ރައްޔިތުންނަށް އެނގެއެވެ. އަދި ގަބޫލުވެސް ކުރެއެވެ. ނަމަވެސް ސިޔާސީ ހާލަތު ހުރިގޮތުން ހަނުތިބޭން މަޖުބޫރުވަނީއެވެ. އެހެންކަމުން އެކަން ސިއްރުން ބުނެދިނީއެވެ.

ރައްޔިތުންވަނީ ފުރުސަތުގެ ބޭނުންހިފައިފައެވެ. މި ބާރުގަދަ ސަރުކާރު ކުޑަކަކޫމައްޗަށް ތިރިކޮށްފައެވެ. ވެރިކަމުގައި ހުރިހާ ބާރެއް އޮވެމެ، ރިޔާސީ އިންތިޚާބު އެންމެ ދަށް ނަތީޖާ މިހާތަނަށް ހޯދި ސަރުކާރަށް ހަދައިފައެވެ. އަދިވެސް ވަގުތު އެބަ އޮތެވެ.

ދުނިޔޭގެ އެންމެ ބިން ބޮޑެތި ގައުމުތަކުގައިވެސް ބަންޑާރަ ގޯތި ދޫކުރުމަކީ ކުރާކަމެއް ނޫނެވެ. އެގައުމުތަކުގައިވެސް ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރަނީ އިޖްތިމާއީ ހައުސިންގ ފަދަ ތަފާތު ހައުސިންގ ސްކީމްތަކުގެ ތެރޭން ބޯހިޔާވަހިކަން ފޯރުކޮށްދީގެންނެވެ. ބިންދީގެނެއް ނޫނެވެ.

ފުރަތަމަ ބުރުގެ ނާކާމިޔާބީއާއެކު މިކަން ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުނަށް ކޮންމެވެސް ވަރަކަށް އިހްސާސް ވެއްޖެއެވެ. އަދި ފޮރުވިގެން ތިބެ ނަމަވެސް މިވާހަކަ ދައްކާންވެސް ފަށައިފިއެވެ. ކެބިނެޓް މިނިސްޓަރުންނާ ދިމާއަށް ވެސް މިވާހަކަތައް ގޮވާން ފަށައިފިއެވެ. 

"ދެންވެސް ބާކީ ކުރި ރައްޔިތުންގެ ކިބައިން މާފަށް އެދިފަ، އެ ރައްޔިތުންނަށް ގެއްލުވާލި ހައްގުތައް ހޯދޭނޭ ގޮތެއް ބުނެދީފިއްޔާ، އެ ރައްޔިތުން ނުކުމެ ވޯޓުވެސް ލައިފާނޭ" ކަމަށް ވިދާޅުވެ ސަރީރާ ކުރެއްވި ޓްވީޓެއް ހިއްސާކޮށް، "ސިއްކަ މޮހޮރީ"ގެ ނަމުގައި ހަރަކާތްތެރިވާ އެމްޑީޕީއަށް ތާޢިދުކުރާ، އެކްސް އެކައުންޓަކުން ބުނެފައި ވަނީ، "މިކަން އަހަންނަށް ފާހަގަކުރެވޭތާ ދުވަސްތަކެއް ވެއްޖެ،" ކަމަށާއި އަދި "އެކަމަކު މިކަން މިނިސްޓަރުންނަށް ނޭނގުނީ ކީއްވެތޯ؟" ބުނެ ސުވާލު އުފައްދައިފައެވެ. އަދި މީސްމީޑިއާގެ އެކި މަންސަ ތަކުގައި މިވާހަކަތައް ދައްކަމުން ދިޔަ ފަރާތްތަކުގެ އާދޭހައި އަޑު، މިސަރުކާރުގެ ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމާއި ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންވެސް ނޭއްސެވިކަމަށް ބުނެފައިވެއެވެ. 

އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ސަރުކާރުގެ އިޤްތިޞާދީ ވަޒީރު، އަދި އެމްޑީޕީގެ ޗެއަރ ޕަރސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެފައި ވަނީ، "ޖެހުނު ހިސާބު ގޯސް. ކުރަންޖެހޭ ކަންކަން ސާފުކުރެވިއްޖެ." ކަމަށާއި "އިރާދަކުރެއްވިއްޔާ ކެމްޕޭން ރުކުރުވާލާ އަޅުގަޑުމެން މި ނިކުންނަނީ ބުރަ މަސައްކަތާއެކު މި އިންތިހާބު ކާމިޔާބު ކުރަން،" ކަމަށެވެ. މިއާ ގުޅިގެން ރ.ސ ކާޑުގެ ވެރީން ބުނަނީ، އެމީހުން ޖެހި ހިސާބުވެސް ރަނގަޅު ކަމަށާއި ނަތީޖާވެސް ދިމާވާ ކަމަށެވެ. ބިންވެރިޔާ ސްކޭމް ހިންގައިފިއްޔާ ވާނޭގޮތުގެ ހިސާބު ޖަހައިދިން ކަމަށާއި އަދި އެކަން ހުއްޓާލަންވެސް ތަކުރާރުކޮށް އެދުނު ކަމަށެވެ. އެކަމަކު ސަރުކާރުން ދިނީ ބީރުކަންފަތެއް ކަަމަށެވެ. މިހާރު ކޮންމެވެސް ވަރަކަށް ރޭކާ ލާނޭކަމަށް އުންމީދުކުރާ ކަމަށެވެ.

ހައްލަކީ... 

އިސްލާހުކުރާން ޖެހޭ ބައިވަރުކަންކަން އެބަހުއްޓެވެ. އިއްވާންޖެހޭ އެތަކެއް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ނަމަވެސް މިކަމުގައި އެންމެ މުޙިއްމަދު ދައުރެއް އަދާކުރެވޭނީ "ދައުލަތުގެ 4 ވަނަ ބާރު" ކަމަށްވާ މީޑިއާތަކަށެވެ. ނަމަވެސް ރާއްޖޭގެ ނޫސްވެރިކަން މިއަދު އޮތް ހާލަތަށް ބަލާއިރު، މެއިންސްޓްރީމް މީޑިއާއަށް މިވާހަކަތައް ދައްކާން ވަރަށް އުނދަގޫވާނެއެވެ. ނޫސްވެރީން ކިތަންމެ ލިޔާން ބޭނުންވިޔަސް އެ ފުރުސަތެއް މީޑިއާތަކުން ނޫސްވެރީންނަށް ނުދެއެވެ. އެއީ، މީޑިއާތައް ހުއްޓައިލާން ޖެހިދާނެކަމުގެ ބިރު އޮތަތީއެވެ. ނަމަވެސް މީޑިއާތަކުން މިފަދަ ވާހަކަތައް އަޑުއިވޭ ދުވަސް ދާދި ކައިރިވަމުން ދާހެން ހީވެއެވެ. ފުރިހަމަ މިނިވަންކަމާއެކު ބަސްބުނާ ދުވަސް ގާތްވެއްޖެއެވެ. އަމިއްލަ ގައުމުގައި ދިވެހި ދަރީންތަކެއް "ރެފިއުޖީން"ގެ ގޮތުގައި ގިންތިކުރި ވާހަކައާއި މިފަދަ އެތަކެއް ވާހަކަ އަދި އަޑުއިވޭނެއެވެ.

ވެރިކަން ކުރާން ލިބުމުން ދެންވެސް ކުރާންވީ ކަމަކީ، އަމާނާތްތެރި ކަމާއެކު އެ ވާޖިބު އަދާކުރުމެއެވެ. ތަފާތުކުރުމެއް ނެތި، އެންމެ ރަނގަޅަށް ރައްޔިތުންނަށް ޚިދުމަތްކުރުމެވެ. މާލޭގެ ބޯހިޔާވަހިކަމާ، ތޮއްޖެހުން ހައްލުކުރެވޭނީ، މާލެ ނޫން، އެކަމަކު މާލެއާ އެއް ފެންވަރަށް ތަރައްގީކުރެވިފައިވާ، ބޮޑެތި ސިޓީތަކެއް، އާބާދުކޮށްގެންނެވެ. މި ޙަޤީޤަތާއެކު ވެރިކަން ކޮށްފިއްޔާ ކޮންމެހެން ހަޑިހުތުރު ކެމްޕޭން ތަކެއް ނުކުރިޔަސް ރައްޔިތުން އަމިއްލައަށް ނުކުމެ އެމީހަކަށް އިތުރު ފުރުސަތު ދޭނެއެވެ.