އެއްބުރުން އިންތިޚާބު ކާމިޔާބުކޮށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް 5 އަހަރުގެ ދެވަނަ ދައުރެއްދޭން ކިތަންމެ އުންމީދު ކުރެވުނު ކަމުގައި ވީ ނަމަވެސް، އެކަން އެގޮތަށް ތަޤްދީރުގައި ލިޔުއްވާފައި ނެތްކަން އިއްޔެ ހާމަވެގެން ހިނގައްޖެ ކަމަށް ޤައުމީ ޔުނިވަރސިޓީގެ ކުރީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމްގެ ރިޔާސަތަށާއި ސިޔާސަތަށް ވަރަށް ބޮޑަށް ތާޢިދުކުރައްވާ ޑރ. އިޔާޒް ވިދާޅުވީ، " އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމަށް އަޅުގަޑުމެން ކިތަންމެ އުއްމީދެއްކުރިނަމަވެސް އެކަން އެގޮތަށް ތަޤްދީރުގައި ލިޔުއްވާފައި ނެތްކަން އިއްޔެ ހާމަވެގެން ހިނގައްޖެ،" ކަމަށެވެ. 

"ހިތްއެދޭ ގޮތަށް ކަންތައްތައް ނުވުމަކީ އެއްވެސް ޙާލެއްގައި މާޔޫސްވާންޖެހޭ ކަމެއްނޫން. ރަގަޅުކުރަންޖެހޭ ކަންކަން ރަގަޅުކޮށް އާހިތްވަރަކާއި އެކު މަސައްކަތް އިތުރަށް ކުރަންވީ،" ޑރ. އިޔާޒް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، اللهގެ މިންވަރުފުޅާއި އެކު ދެވަނަ ބުރުން އިބްރާހީމް މުޙައްމަދު ޞާލިހު އަށް ރިޔާސީ ދެވަނަ ދައުރެއް ހޯދައިދިނުމަށް ގަދައަޅާ މަސައްކަތްކުރަންވީ. އިންޝާالله ކާމިޔާބުވާނެ،" ކަމަށެވެ. 

އެމްޑީޕީ، އަދާލަތު އަދި އެމްޑީއޭ ހިމެނޭ ސަރުކާރުގެ ބިޔަ ކޯލިޝަނުން މިފަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުތީ މަދުވެގެން 57 ޕަސެންޓް ވޯޓާއެކު ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބުކޮށް، ރައީސް އިބްރާހީމަށް 5 އަހަރުގެ އިތުރު ދައުރެއް ކަށަވަރުކުރާނޭކަމުގެ 100 އިންސައްތަ ޔަގީންކަމާއެކު އެވެ. ނަމަވެސް ސަރުކާރު ކޯލިޝަނުން ޖެހި ހިސާބާ ދިމާ ދެކޮޅަށް ނަތީޖާ ނުކުތީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް، ލައްކައަކަށް ވުރެ ގިނަރައްޔިތުންގެ ތާޢީދާއެކު 46 އިންސައްތަ، އަދި ރައީސް އިބްރާހީމަށް 39 އިންސަތަ ލިބިގެންނެވެ.