ހޮނިހިރު ދުވަހު އޮތް ރިއާސީ އިންތިޙާބުގެ ނަތީޖާއިން ފާހަގަ ކޮށްލެވުނު އެންމެ މުހިއްމު އެއްކަމަކީ ރައީސް ސޯލިހުގެ އަސްލު މަޤްބޫލް މިންވަރަކީ އިންތިޙާބުގެ ގާތްގަނޑަކަށް 10% ކަމެވެ. ސޯލިހަށް ލިބިވަޑައިގަތީ ވޯޓުގެ 39% ކަމުގައި ވިއަސް، ބިޔަ ސަރުކާރެއްގެ ނުފޫޒާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބާރާއި، ގޮތްނޭގޭ އެތަކެއް ފަންޑުތަކުން ބަހަމުން ދިޔަ ފައިސާ އާއި ނުލައި، ހަމަހަމަ މައިދާނެއްގައި އިންތިޙާބު އޮތްނަމަ ރައީސް ސޯލިހުގެ ހަޤީޤީ ސައިޒު ނުވަތަ ހަޤީޤީ މަޤްބޫލް މިންވަރު ހަމަގައިމުވެސް 10% އަށް ވުރެ ބޮޑުވާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

އެެހެން ކަމުން އިއްޔެގެ ނަތީޖާގެ ބޮޑު މަންޒަރަކީ ރައީސް ސޯލިހުގެ ސިޔާސަތުތަކާއި، ސަރުކާރުގެ ކޮރަޕްޝަނާއި، ވަކީން ޙާއްސަކޮށް ސަރުކާރުން އިންޑިއާއަށް މިޤައުމު އަޅުވެތިކޮށް، ޙާރިޖީ އަދި ދިފާއީ ސިޔާސަތު އިންޑިއާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ގެންދިއުން ދިވެހި ރައްޔިތުން ބަލައި ނުުގަންނަކަމެވެ. 2023 ގެ ރިއާސީ އިންތިހާބުގެ ފުރަތަމަ ބުރުން ދިވެހި ރައްޔިތުން އެވަނީ ރައީސް ސޯލިހަށް ބޮޑުތަނުން "ނޯ" އޭ ބުނެފައެވެ.

އިންތިޙާބުގެ ދެވަނަ ބުރެއް 30 ސެޕްޓެމްބަރގައި (އަދި ވިއްސަކަށް ދުވަސް ފަހުން) ބޭއްވޭ އިރު، އަނެއްކާވެސް އިތުރު ކޯލިޝަނެއް ހަދައިގެން، ފައިސާ ބަހައިގެން، ސަރުކާރުގެ ނުފޫޒާއި ބާރުގެ އެހީގައި ރައީސް ސޯލިހު ވާދަ ކުރައްވާ އިރު ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ޖެހެއެވެ. އިއްޔެ ވޯޓުލާން ނުދާ ހުރިހާ ރައްޔިތުންވެސް މިކަމާ ވިސްނައި އިންޑިއާގެ އަޅުވެތިކަމުންނާއި، ނުފޫޒުން މިޤައުމު ސަލާމަތް ކުރަން ޖެހެއެވެ. މިސަރުކާރުގެ ބާހާއި އަމަލަށް ބަލާއިރު މިއީ މިދިވެހި ޤައުމަށް ވެސް އަދި ދިވެހީންގެ ދީނަށް ވެސް ހެވެއް ނެތް ވެރިކަމެއްކަން ވަރަށް ސާފެވެ. ދެވަނަ ދައުރެއް ދީފިނަމަ މިޤައުމު ދެން އަނބުރާ ދިވެހި ރައްޔިތުންނަކަށް ނުލިބޭނެކަން ކަށަވަރެވެ.

އިއްޔެގެ ނަތީޖާއިން ފާހަގަ ކުރެވުނު އަނެއް ކަމަކީ ގާތްގަނޑަކަށް ދެލައްކަ ވިހި ހާސް މީހުން ވޯޓުލީ އިރު އެއްލައްކަ އަށް ވުރެ ގިނަ ވޯޓު ޑރ. މުއިއްޒަށް ލިބިވަޑައިގަތުމަކީ ގާތްގަނޑަކަށް އެއްބުރުން ހޮވުމެވެ. ނުވަތަ، އެއްބުރުން ނުހޮވުނީ ހަމަ ކިރިޔާ އެވެ. ދެވަނަ ބުރެއްގައި ދަ ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާރޓީގެ ތާއިދު ރައީސް ސޯލިހު ހޯއްދަވައި، އެދެ ޕާރޓީއާއި އެކު ކޯލިޝަން ހެއްދެވިއަސް، އިއްޔެގެ ނަތީޖާ ދައްކާ ގޮތުން ދެވަނަ ބުރެއްގައި ވެސް އެންމެ ގިނަވިއަސް ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާނީ 45% ވަރެވެ. އެހެން ކަމުން ދެވަނަ ބުރެއްގައި ދަ ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާރޓީ އާއި ނުލައިވެސް ޑރ. މުއިޒަށް ދެވަނަ ބުރު ކާމިޔާބު ކުރެއްވުމަކީ ދަތި ކަމަކަށް ނުވާނެއެވެ.

2023 އަކީ އާފެށުމަކުން ފަށަން ޖެހޭ ފަހަރެކެވެ. އާ، ޒުވާން ޖީލެއް، ދީނާއި ޤައުމަށްޓަކައި މުޅީން އާމޫނުތަކަކާއި އެކު ފަށަން ޖެހޭ ވެރިކަމެކެވެ. އެގޮތުން، ވަކީން ޙާއްސަކޮށް އުމަރު ނަސީރާއި އެކު ކޯލިޝަން ހަދަން ޖެހެއެވެ. ޖުމްހޫރީ ޕާރޓީ އާއި އެމް.އެން.ޕީ ފަދަ ދެ ޕާރޓީ ފަހަތަށް ޖައްސާލައި، މާބޮޑު ޙަރަދެއް ނުކުރައްވައި، އުމަރު ނަސީރު ހަމައެކަނި ވިއްކެވީ ދީނާއި ޤައުމުގެ ސިޔާސަތެވެ. އިސްލާމީ އުސޫލާއި، ޝަރީއާ ގެނެސް، ބޭރުގެ ނޭއްގާނި ނުފޫޒުތަކުން ޤައުމު ސަލާމަތް ކުރެއްވުމުގެ ވާހަކައެވެ. ރައްޔިތުން އެވާހަކަތައް ބަލައިގަތުމުގެ ނަތީޖާ އަކީ ޤާސިމާއި ނާޒިމް ފަހަތަށް ޖައްސައި އުމަރު ނަސީރު 4 ވަނަ ހޯއްދެވުމެވެ. އުމަރު ނަސީރާއި، ކާނަލް ނާޒިމާއި، ފާރިޝް މައުމޫނާއި ގުޅިވަޑައިގެން، ކޯލިޝަން އެއްގެ ދަށުން ޑރ، މުއިއްޒު ދެވަނަ ބުރެއް ކާމިޔާބު ކުރައްވަން ނިކުންނަވަން ފެނެއެވެ. ޑރ. މުއިއްޒާއި، އުމަރު ނަސީރާއި، ނާޒިމާއި ފާރިޝް އަކީވެސް ވަތަނީ، ދީނާއި ޤައުމު ދެކެ ލޯބިވާ ހަތަރު ބޭފުޅުންނެވެ. ޒުވާން ޖީލެއްގެ ވެރީންނެވެ.

ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް އާއި އެކީ ކޯލިޝަން އެއް ހަދައިފި ނަމަ އިބޫ ސޯލިހުގެ ވެރިކަމަށް ނަޝީދުގެ ފަރާތުން ކުރިމަތިވި ފަދަ ދަތިތައް ޑރ. މުއިއްޒުއަށް ވެސް ކުރިމަތި ކުރުވާނެކަން ޔަޤީނެވެ. އިބޫ ސޯލިހުގެ ވެރިކަމާއި ދެކޮޅުވުން ފިޔަވަައި ޑރ. މުއިއްޒާއި ނަޝީދާއި ޚިޔާލް އެއްގޮތް އެއްކަމެއް ވެސް ނެތެވެ. ނަޝީދަކީ އިންޑިއާއަށް ފޭވާ ކުރައްވާ ލީޑަރެކެވެ. ދީނީ ކަންކަމުގައި ވަރަށް އެހެން ކަހަލަ ޚިޔާލް ގެންގުޅުއްވާ ބޭފުޅެކެވެ. އެކްޓިވިސްޓް ސްޓައިލް ކުރިއަށް ނެރުއްވާ ވެރިއެކެވެ. އެހެން ކަމުން ނަޝީދުގެ ޕާރޓީއަކާއި އެކު ޑރ. މުއިއްޒު ކޯލިޝަން ހައްދަވައިގެން ސަރުކާރުގެ ވިއްސަކަށް ޕަރސެންޓު ދަ ޑިމްކޮރެޓްސް އަށް ދީގެން ޑރ. މުއިއްޒުއަށް ހެޔޮ ވެރިކަމެއް ކުރައްވާނެ ފުރުސަތެއް ލިބިވަޑައެއް ނުގަންނަވާނެއެވެ. ޤައުމު ހަލަބޮލިވެ އަނެއް ފަސް އަހަރު ބޭކާރުވުން ނޫންކަމެއް ނުވާނެއެވެ. ކިރިޔާވެސް ސަރުކާރުން ބައެއް ނަޝީދަށް ލިބިވަޑައިގެންފި ނަމަ އަނެއްކާވެސް އެއްކަލަ ބަރުލަމާނީ ވޯޓާއި، އެކްޓިވިސްޓް ވާހަކަތައް ތިލަވެ ސިޔާސީ މަސްރަހުގެ ފޯކަސް އެހެން ދިމާލަކަށް ދީލާލާނެއެވެ. އެހެން ކަމުން ޑރ. މުއިއްޒު އަށާއި ޕީ.ޕީ.އެމް/ޕީ.އެން.ސީ އަދި މުޅި ދިވެހި ޤައުމަށް ވެސް އެންމެ ފައިދާ ހުރި ގޮތަކީ ޑރ. މުއިއްޒު ދަވަނަ ބުރަކަށް ވަޑައިގަންނަވާ އިރު އުމަރު ނަސީރު، ފާރިސް މައުމޫނު، އަދި ކާނަލް ނާޒިމާއި އެކު ކޯލިޝަން ހައްދަވައިގެން ކުރިއަށް ވަޑައި ގަތުމެވެ.

ޤާސިމަށް ޓޫރިޒަމް މިނިސްޓްރީ އާއި ޓްރާސްޕޯރޓު ދީގެން، ނަޝީދު ޕާރޓީއަށް ޙާރިޖީ ސިޔާސަތާއި ޑިފެންސް މިނިސްޓްރީ ދީގެން، ފަސް އަހަރުގެ ސިޔާސީ ގަޑުބަޑު ވެރިކަމެއް ކުރެއްވުމަކީ ބޭކާރު ކަމެކެވެ. ބޭނުންވަނީ މި ދިވެހި ޤައުމުގެ ޙާރިޖީ އަދި ދިފާއީ ސިޔާސަތު ދިވެހީންގެ އަތްމައްޗަށް އަނބުރާ ގެނެސް، އިގްތިސޯދީ ގޮތުން ދެކޮޅުޖެހޭ، ދެފުށް ފެންނަ ސިޔާސަތު ތަކެއް ޤާއިމް ކޮށް، ފަސާދަ ނައްތާލައި، ދިވެހީންނަށް ހެޔޮ ވެރިކަމެއް ކޮށް ދިނުމެވެ. އެފަދަ ކުރިމަގަކުން ޤާސިމާއި ނަޝީދަށް ޖާގަ ނިނުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. އާ ޖީލަކަށް، އާމޫނުތަކަކަށް، އާ ވިސްނުން ތަކަކަށް، އާ ކުރިމަގަކަށް ޤައުމު ހޭރިޔާ ކޮށް، މިސްރާބު ބަދަލުކުރަން ޖެހެއެވެ. ވަރަށް ހެޔޮ ދުޢާ ސަލާމް.