މިއަދަކީ ރާއްޖޭގެ ރައީސަކު ހޮވުމަށް، ޤާނޫނުއަސާސީން ލިބިފައިވާ ސިއްރު ވޯޓެއް ލުމުގެ ޙައްޤު ރައްޔިތުން ލިބިގަތްދުވަހެވެ. ނަމަވެސް ވޯޓުލާ މަރުކަޒަށް ދިޔަ ގިނަ ބަޔަކު ސުވާލު އުފެއްދީ، މިތަނުގައި ވޯޓިންގ ބޫތު ބަހައްޓާފައި ހުރި ގޮތުން، ތިމަންނާގެ ވޯޓު ސިއްރު ވެދާނެބާވައެވެ. މި ސުވާލެވެ. ސަބަބުތައް ގިނައެވެ. ސިއްރު ނުވާނޭކަން ޝައްކުކުރެވޭފަދަ ހާދިސާތައްވެސް ހިނގިއެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބަށް، އިލެކްޝަންސް ކޮމިޝަނުން ވޯޓިންގ ބޫތުތައް ބަހައްޓާފައި ހުރީ، ވަރަށް ޓްރާންސްޕޭރަންޓްކޮށް "ދެފުށް ފެންނަގޮތަށް" ކަމަށް އެ ކޮމިޝަނުން ވަނީ ދުރާލައި ޢިއުލާނުވެސް ކޮށްފައެވެ. އެގޮތުން، ވޯޓިންގ ބޫތު ހުންނާނީ، ވޯޓުލާން އަންނަ މީހާ  ވޯޓިންގ ބޫތުގައި ހުންނައިރު، އޮފިޝަލުންނާއި، އޮބްޒާވަރުންނަށް ވޯޓުލާން އަންނަ މީހާ ފުރަގަހުން ފެންނަ ގޮތަށް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. 

ނަމަވެސް މިގޮތަށް ވޯޓިންގ ބޫތު ބެހެއްޓުމުން ވާގޮތަކީ، ވޯޓުލާ މަރުކަޒުގައި ތިބޭ އެހެން ފަރާތްތަކަށް، ކުޑަކޮށް އަރިއަރިއަށް ޖެހިލައިގެން، ރަނގަޅަށް ފޯކަސް ކޮށްލެވޭ ކެމެރާއެއް ބޭނުން ކޮށްލައިގެން، އެއްކަލަ ފުރަގަސްދީގެން ހުންނަ މީހާ ވޯޓުލާތަން ފޮޓޯނަގައި ވީޑިއޯ ކޮށްލާން ފުރުސަތު އެބަ ލިބެއެވެ. އަދި އެފަދަ ހާދިސާތައް މިއަދު ފެންމަތިވެފައިވެސް އެބަ ހުއްޓެވެ. އާންމުން އެކަމުގެ ޝަކުވާވެސް ކޮށްފައި އެބަހުއްޓެވެ. އެފަދަ މަންޒަރުތައް ވީޑިއޯކޮށް، ފޮޓޯ ނަގައި ސޯޝަލް މީޑިއާއަށްވެސް ދޫކޮށްލާފައި އެބަ ހުއްޓެވެ. އެހެންކަމުން މިފަހަރު ލެވުނު ވޯޓުގެ ސިއްރުކަމާ މެދު ހަމަ ސުވާލު އުފައްދާނޭ ޖާގަ އެބައޮތެވެ. 

މަޝްހުރު ލޯޔަރު އަލްއުސްތާޛާ މަރިޔަމް ޝުނާނާވެސް ވަނީ، އޭނާގެ ވޯޓުގެ ސިއްރުކަމާ މެދުވެސް ޔަގީންކަމެއް ނެތްކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. 

"ވޯޓިންގ ބޫތު އަނބުރާފައި ހުރީ ސްޓޭޝަންގައި ތިބި އެންމެނަށް ހެން ވޯޓު ކަރުދާސްކޮޅު ފެންނަ ފަދަ ގޮތަކަށް،" ޝުނާނާ ކަންބޮޑުވުން ފާޅޫކުރައްވައި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އީސީގެ އޮފިޝަލުން ކުރެން، އެގޮތަށް ވޯޓިންގ ބޫތު ބަހައްޓާފައި ހުރީ ކީއްވެތޯ ސުވާލުކުރުމުން، "އެއީ ދެފުށް ފެންނަގޮތަށް" ހެދުމަށް ކަމަށް އޮފިޝަލް ވިދާޅުވި ކަމަށެވެ. 

"ވޯޓަކީ 2 ފުށް ފެންނާން ޖެހޭ އެއްޗެއް ނޫން. އެންމެ މުޙިއްމުކަން ދޭންޖެހޭނީ ވޯޓުލާ މީހާއަށް އޭނާގެ ވޯޓަކީ ސިއްރު އެއްޗަކަށް ވާނެކަމުގެ ޔަގީންކަން. އެ ޔަގީންކަމެއް ނެތް،" ޝުނާނާ ވިދާޅުވިއެވެ.

މީގެ އިތުރުން ގާނޫނީ ވަކީލު ޢަބްދުﷲ ނިހާދުވެސް ވަނީ، "ވޯޓުލާ ބޫތު ބެހެއްޓިފައިވާ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލިގެން ދިއުމުގެ ކަންބޮޑުވުން އެބައޮތް،" ކަމަށް ވިދާޅުވެފައެވެ.

މަރްޔަމް ޝުނާނާ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއް--

 

ވޯޓުކަރުދާސް އަދި ޓެމްޕްލޭޓް ދޫކުރުމުން، ވޯޓުލާން ހާޒިރުވެހުރި މީހާ ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް ވޯޓިންގ ބޫތަށް ދާ ވަގުތުން ފެށިގެން ވޯޓުކަރުދާހުގައި ފާހަގަޖަހައި ވޯޓުފޮށްޓަށް އެ ވޯޓުކަރުދާސްކޮޅު ވައްޓާލަންދެން އިލެކްޝަންސް ކޮމިޝަންގެ އެއްވެސް އޮފިޝަލަކު ނުވަތަ އެނޫންވެސް ފަރާތަކުން އެތަނުގައި ހާޒިރުވެހުރެގެން ނުވާނެކަމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ވެއެވެ. އަދި އެފަރާތުގެ ވޯޓުގެ ސިއްރުކަން ގެއްލޭނެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނޭކަމަށް ވަރަށް ސާފުކޮށް ބުނެފައިވެއެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމުލަ 8 ކެންޑިޑޭޓަކު ވާދަކުރާތީ، ވޯޓު ކަރުދާހުގެ ސައިޒުވެސް ފުދޭވަރަކަށް ބޮޑެވެ. އެހެންކަމުން ވޯޓު ލުމުގެ ހައްގު ލިބިފައިވާ 282,395 މީހުން ތިބިއިިރު މީގެ ތެރޭން ބޮޑު އިންސައްތައެއް ވޯޓު ލާފައިވާނީ، މި ސިއްރު ނުހިފެހެއްޓޭ ތަރުތީބުގެ ނުތަނަވަސްކަމުގެ ތެރޭގައެވެ. މިއީ ވަރަށް ބޮޑު މައްސަލައެކެވެ. ޤައުމީ އަދި ފަރުދީ ވާޖިބެއް އަދާކުރުމަށް އެޅުނު ހުރަހެކެވެ.

މިކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ބަހެއްވެސް ލިބޭތޯ މަސައްކަތް ކޮށްލީމެވެ. ނަމަވެސް، މި ލިޔުން ޝާޢިއުކުރުމާ ހަމައަށްވެސް ޖަވާބެއް ލިބިފައި ނުވާތީ އެފަރާތުގެ ބަހެއް ހިމަނާލެވޭ ގޮތް ނުވީއެވެ. 

ސުވާލަކީ، އިލެކްޝަންސް ކޮމިޝަނުން މިފަހަރުގެ ރިޔާސީ އިންތިޚާބަށް، ވޯޓިންގ ސްޓޭޝަންތައް އަތުރާފައި ހުރީ އިންތިޚާބާ ގުޅޭ ޤާނޫނުތަކާއި އަދި ޤަވާޢިދުތަކާ އެއްގޮތަށް ވޯޓުގެ ސިއްރު ހަމަ ހިފެހެއްޓޭ ގޮތަށް ތޯއެވެ؟ ނޫނީ މިކަން ކޮށްފައި ވަނީ އޮޅުމަކުންތޯއެވެ؟ ނޫނީ މިއީ ހަމަ ގަސްދުގައި އެހެން ބޭނުމެއްގައި ނުވަތަ ނުފޫޒެއްގައި ވޯޓުގެ ސިއްރުކަން ގެއްލުވާލަން ކުރެވިފައިވާ މަސައްކަތަކީ ތޯއެވެ؟

އިލެކްޝަންސް ކޮމިޝަނުން މި ސުވާލުތަކަށް ޖަވާބު ދޭން އެބަ ޖެހެއެވެ. އަދި މިކަންކަން ވީ އެންމެ އަވަހަކަށް ބަލައި، ރައްޔިތުންނަށް ރައްޔިތުންގެ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރެވޭނޭ ކަމުގެ ޔަގީންކަން ދޭން އެބަ ޖެހެއެވެ.