މިފަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ ކޯލިޝަން ބައިވެރީން ކަމަށްވާ އަދާލަތު ޕާޓީއާއި އެމްޑީއޭއިން ނުކުތީ އިންތިޚާބު ފަސޭހަކަމާއެކު އެއްބުރުން ނިންމައިލާނޭކަމުގެ ފުރިހަމަ ޔަގީންކަމާއެކުގައެވެ. ނަމަވެސް މިއަދު ދިވެހި ރައްޔިތުން ނިންމީ ރައީސް އިބްރާހީމްގެ ސަރުކާރަކީ އެއްބުރުން އިންތިޚާބު ކާމިޔާބުކުރާވަރުގެ ތާއީދެއް ދެވޭވަރުގެ ސަރުކާރެއް ނޫންކަމަށެވެ. 

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމުލައަކީ 282,395އެވެ. އެއީ 138,196 އަންހެނުންނާއި 144,199 ފިރިހެނުންނެވެ. 

މީގެ ތެރޭން، މިހާތަނަށް ދައްކާގޮތުން، 106،415 ފިރިހެނުންނާއި 106،978 އަންހެނުން ވަނީ ވޯޓުލައިފައެވެ. އަދި މިހާތަނަށް ގުނިފައިވާ ވޯޓުގެ ނަތީޖާ ދައްކާގޮތުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އުޅުއްވަނީ ރައީސް އިބްރާހީމަށްވުރެ 6 އިންސައްތަ ކުރީގައެވެ. އެއީ ގާތްގަނޑަކަށް 73,513 ވޯޓެވެ. ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓަށް ލިބިވަޑައިގެންފައިވަނީ މިވަގުތަށް ގާތްގަނޑަކަށް 64,252 ވޯޓެވެ. 

މިފަހަރު ވޯޓުލާން ބެހެއްޓި 574 ވޯޓު ފޮށީގެ ތެރޭން 542 ފޮއްޓެއް މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި އޭގެ ތެރޭން 482 ވޯޓު ފޮށި ވަނީ ގުނާން ފަށައިފާވާއިރު އޭގެ ތޭރެން 364 ފޮށީގެ ވަގުތީ ނަތީޖާ މިހާރު ވަނީ އިޢުލާނުކޮށްފައެވެ.

މިފަހަރުގެ އިންތިޚާބުގެ ކެމްޕޭން ނިންމަވާލައްވަމުން ރައީސް އިބްރާހީމް ވިދާޅުވެފައި ވަނީ، ވާދަވެރި ކެންޑިޑޭޓުންނަށް އެމަނިކުފާނު ނަންގަވާފައިވާ ސެލްފީއާ އެއްވަރަށް ވެސް ވޯޓު ނުހޯއްދެވޭނޭ ކަމަށެވެ.

އިންތިޚާބުގައި ވާދަކުރެއްވި އެހެން ކެންޑިޑޭޓުންގެ ވަގުތީ ނަތީޖާއަށް ބަލާއިރު، 3 ވަނައިގައި ވާދަކުރައްވަނީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. އަދި 4 ވަނައިގައި މިވަގުތު އޮތީ އަމިއްލަ ގޮތުން ވާދަކުރައްވާ ޢުމަރު ނަސީރެވެ. 5 ވަނައިގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް، 6 ވަނައިގައި އަމިއްލަ ކެންޑިޑޭޓް ފާރިސް މައުމޫން އަދި 7 ވަނައިގައި އޮތީ އެމްއެންޕީގެ ކެންޑިޑޭޓް މުޙައްމަދު ނާޒިމެވެ. 8 ވަނައިގައި އޮތީ އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޒަމީލެވެ.