ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސަކު ހޮވުމަށް ބާއްވާ ރިޔާސީ އިންޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00ގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ތައްޔާރުކޮށްފައިވާ ވޯޓްލާ މަރުކަޒުތަކުގައި ފެށިގެން ކުރިއަށް ދާއިރު، މިހާތަނަށް 36،000އަށް ވުރެ ގިނަ މީހުން ވޯޓުލައފިއެވެ.
ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ރިޔާސީ ކެންޑިޑޭޓުން ވާދަކުރާ މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ހެނދުނު 7:30ވީއިރު ވޯޓު ފޮށިތައް ކައިރީ ގިނަ ބަޔަކު ކިޔުހަދާފައިވެއެވެ. ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8:00ން ހަވީރު 4:00އަށެވެ. އަދި ވޯޓުލާ ކިޔުގައި މީހަކު ނެތް ނަމަ، ފޮށި ބަންދުކޮށް 4:30ގައި ވޯޓު ގުނާން ފަށާނެއެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 282،395 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، އޭގެ ތެރޭން 27000 އަށްވުރެ ގިނަ މީހުންނަކީ މުޅިން އަލަށް ވޯޓު ލުމުގެ ހައްގު ލިބުނު ޒުވާނުންނެވެ.
މިފަހަރުގެ އިންތިޚާބުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ބަހައްޓާފައިވަނީ ޖުމުލަ 574 ވޯޓު ފޮށްޓެވެ. އެއީ މާލެ ސަރަހައްދުގައި 176 ވޯޓު ފޮށްޓާއި އަތޮޅު ތެރޭގައި 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 65 ފޮށްޓެވެ. ޖަލުތަކާއި ސިނާއީ ސަރަހައްދުތަކުގައި 6 ފޮށްޓެވެ. އަދި ރާއްޖެއިން ބޭރުގައި 8 ފޮށި ބަހައްޓާފައި ވާއިރު މި ފޮށިތައް ބަހައްޓާފައި ވަނީ އިންޑިޔާ، ސްރީލަންކާ، މެލޭޝިޔާ އަދި އިނގިރޭސިވިލާތުގެ އިތުރުން ޔުނައިޓެޑް އެރެބް އެމިރޭޓްސްގައެވެ.
ވޯޓުލާން ދާއިރު މިކަންކަމަށް ސަމާލުވާތި!
- ވޯޓުލުން ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00އަށް.
- ވޯޓުލާން ދާއިރު މުއްދަތު ހަމަ ނުވާ، އައިޑީކާޑު، ދިވެހި ޕާސްޕޯޓު، ޕާސްޕޯޓް ކާޑު، ޑްރައިވިންގ ލައިސަންސް ފަދަ ދައުލަތުގެ ނިޝާންޖެހި ރަސްމީ ޑޮކިއުމެންޓެއް ގެންދާން ޖެހޭނެ.
- ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާދިމާގައި ރަނގަޅު އެއް ފާހަގައަށް ވުރެ ގިނަ ރަނގަޅު ފާހަގަ ޖަހައިފި ނަމަ ވޯޓު ބާތިލްވާނެ.
- ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާދިމާގައި އާދައިގެ ކަޅު ނުވަތަ ނޫކުލައި ދެލީގެ ގަލަމަކުން ފިޔަވައި، އެހެން ކުލައެއްގެ ދެލީގެ ގަލަމަކުން ނުވަތަ އެއްޗަކުން ފާހަގަޖަހައިފި ނަމަ ވޯޓު ބާތިލްވާނެ.
- ވޯޓިންގ ބޫތު ހުންނާނީ، ވޯޓުލާން އަންނަ މީހާ ވޯޓިންގ ބޫތުގައި ހުންނައިރު، އޮފިޝަލުންނާއި، އޮބްޒާވަރުންނަށް ވޯޓުލާން އަންނަ މީހާ ފުރަގަހުން ފެންނަ ގޮތަށް.