ދިވެހިރާއްޖޭގެ ގައުމީ ދިފާޢީބާރު (އެމްއެންޑީއެފް)ގެ ގާބިލްކަން އިތުރުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، އުތުރު ތިލަފަޅުގެ އިތުރުން، އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ހިމެނޭ ސަރަހައްދުން މަދުވެގެން 15 ހެކްޓަރުގެ ބިން އިންޑިއާގެ އަސްކަރީ ބޭނުމަށް 99 އަހަރަށް ކުއްޔަށް ދިނުމަށް އިންޑިއާ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު މަޝްވަރާތަކެއް ކޮށް އެއްބަސްވުންތަކެއް ހެދިފައިވާކަން ހާމަވާ ސިޓީއެއް ލީކުވެއްޖެއެވެ.

މިކަން ހާމަވެފައި ވަނީ، މިދިޔަ ޖުލައިމަހުގެ 11 ވަނަ ދުވަހު އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމަނިޔަން ޖައިޝަންކަރުގެ ދަޢުވަތަކަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި ބައެއް މަޝްވަރާތަކާ ގުޅިގެން އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޮނުވާފައިވާ ކަމަށް ބުނާ ސިޓީއަކުންނެވެ. އެ ސިޓީ ވަނީ ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ "ދިޔަރެސް"އަށް ލިބިފައެވެ.

އެ ސީޓީގައި ވާގޮތުން، މި އެއްބަސްވުންތަކެއް ހަދާން ޖެހެނީ، އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދޫކުރާން ނިންމާފައިވާ ލައިން އޮފް ކްރެޑިޓް ފުރިހަމައަށް ބޭނުންކުރެވޭނޭ މަގު ފަހިކޮށްދީ، ދެގައުމުގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށެވެ. އެގޮތުން، އޭރު މަޝްވަރާކުރެވިފައިވާ ގޮތަށް، ރާއްޖެއަށް އިންޑިއާއިން އަންމޭންޑް އޭރިއަލް ވެހިކަލް (މިލިޓަރީ ޑްރޯން)އެއް ހަދިޔާކުރާނެއެވެ. އަދި އޭގެ އިތުރު 11 ޑްރޯނެއް ގަތުމަށް، އިންޑިއާގެ އެގްޒިމް ބޭންކުން  550،000،000 އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ދިވެހި ސަރުކާރަށް އިންޑިއާ ސަރުކާރުން ހަމަޖައްސައި ދޭނެއެވެ.

މިހާރުވެސް އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ޑޯނިޔާ މަތިންދާ ބޯޓާ ހެލިކޮޕްޓަރު ދުއްވާން ދިވެހި ސިފައިންނަށް ނޭނގޭތީ އެކަމަށް ހާއްސަ އިންޑިއާ ސިފައިންގެ ފައުޖެއް ރާއްގޭގައި ގާއިމްވެ ތިބެއެވެ. އަދި އެފަދަ އެކި ކަންކަމުގައި ރާއްޖޭގައި ހަރަކާތްތެރިވަނީ ބޭރުގެ ކިހާ ސިފައިންނެއްކަން ހާމަކުރާން ދިވެހިރައްޔިތުން ތަކުރާރުކޮށް އެދެމުން ދާއިރުވެސް، ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ އެކަން ހާމަކުރާން ސަރުކާރުން ވަނީ ދެކޮޅުހަދައިފައެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމަނިޔަން ޖައިޝަންކަރު ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދަށް ފޮނުވިކަމަށް ބުނާ ސިޓީ-- ފޮޓޯ: ދިޔަރެސް

 

އިންޑިއާގެ ޚާރިޖީ ވަޒީރު ފޮނުވާފައިވާ ސިޓީގައި ވާގޮތުން، އިންޑިއާގެ ފުރިހަމަ ސިޔާދަތީ ބާރު ހިނގާގޮތަށް، (ދިވެހީންގެ ބާރު ނުހިނގާގޮތަށް) 99 އަހަރަށް ރާއްޖޭން އިންޑިއާއަށް ދޫކުރާ ބިންތަކަކީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް އިންޑިއާއިން ކުރިން ދީފައިވާ އަދި ފަހުން ދިނުމަށް ހުށަހަޅާފައިވާ ގާތްގަނޑަކަށް 29.9 ބިލިއަން ދިވެހި ރުފިޔާގެ ކްރެޑިޓް ލައިން އެއްބަސްވުމުގެ ދަށުން ދޫކުރެވޭ ތަންތަނެވެ. އެގޮތުން އިންޑިއާއިން ދޫކުރާ ލޯނު ފައިސާ ދޭންފެށުމަށް ފަހު،  99 އަހަރަށް ކުއްޔަށް ދީފައިވާ ބިންތަކުގެ މުއްދަތު ހަމަވުމުންވެސް އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭގޮތަށް އިންޑިއާއިން ހުށަހަޅާފައިވެއެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރުގެ ސިޓީގައި ވާގޮތުން ބިމުގެ ބަދަލުގައި، ރާއްޖޭން އިންޑިއާއަށް ދައްކާންޖެހޭ ލޯނުގެ ބޮޑުބައެއް މައާފްކޮށްދޭން ހަމަޖެހިފައިވާއިރު މިއީ ދައުލަތުގެ ދަރަންޏެއް ދުވަހަކުވެސް ނުކުރާވަރުގެ ބޮޑު މައާފުކުރުމެއް ކަމަށާއި، މީގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ، ދިވެހިރައްޔިތުންނަށް ބޮޑު ބުރައެއް ފިލައިގެން ދާނެއެވެ.

އިންޑިއާ ސަރުކާރުން ފޮނުވާފައިވާ ކަމަށް ބުނާ މިފަދަ ސިޓީއެއް މީޑިއާގައި ދައުރުވާއިރު، ރާއްޖޭގެ ސިޔާސީ ފަރާތްތަކުންނާއި އަދި އާންމުންގެ ގިނަ ބަޔަކުވެސް ދަނީ ރާއްޖޭގައި އިންޑިއާގެ އަސްކަރީ ސިފައިން ގިނަ ޢަދަދަކަށް ހަރަކާތްތެރި ވަމުންދާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް، އަދި އެފަދަ ފަރާތްތައް ރާއްޖޭން ފޮނުވާލުމަށް ގޮވާލަމުންނެވެ. ނަމަވެސް މިފަހަރުގެ ސަންގު ރިޔާސީ ބަހުސުގައި ރައީސް އިބްރާހީމް ވިދާޅުވެފައިވަނީ ރާއްޖޭގައި އެއްވެސް ގައުމެއްގެ އަސްކަރީ ސިފައިން ހަރަކާތްތެރި ނުވާ ކަމަށާއި، އަދި ރާއްޖޭގެ އެއްވެސް ސަރަހައްދެއް އެއްވެސް ގައުމެއްގެ އަސްކަރީ ބޭނުމަށް ދޫނުކުރާ ކަމަށެވެ.